ފ މަގޫދޫ އެއަރޕޯޓް އެޅުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މަގޫދޫ އެއަރޕޯޓް އެޅުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި، ޕަސިންޖަރ ޓާމިނަލް އިމާރާތަކާއި ކޮންޓްރޯޓް ޓަވަރަކާއެކު ފަޔަރ ޝްޓޭޝަނެއް އެޅުމާއި ސަލާމަތީ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން ނެވިގޭޝަން އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި ގްރައުންޑް ހޭންޑްލިންގ އަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ޖުމްލަ 231،548،936.34 ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރެވިފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

