އއ އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގެ ދަށުން 2.68 ކިލޯ މީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 59 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

