ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްޑެ، ރޮޒެއިނާއަށް: އެމްޑީޕީގައި ފެކްޝަނެއް ނެތް، އޮތީ 2013 ގައި ޖެހުނު މުސީބާތެއް!

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް/ ފޮޓޯ: އެމްޑީޕީ ހިނގާލަން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކަށް ވުރެ ބޮޑަށް، އޮތީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރާ ފެކްޝަނެއްކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކައަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ރައްދު ދެއްވައިފި އެވެ.

މެނިފެސްޓޯ ތަންފީޒުކޮށް، ވެރިކަމަށް އައުމަށް އެމްޑީޕީން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭކަމަށް ބުނެ މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން ކޮންމެ ދުވަހަކު ވެސް ވާހަކަ ދައްކަވަ އެވެ. ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް މެމްބަރުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކޯލިޝަން ޕާޓީތަކުގެ ނުފޫޒުގައި ޖެހި އެބޭފުޅުން ޑިމާންޑު ކުރާ ގޮތަކަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޯމަތިވެފައިވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ދެވަނަ ދައުރެއް ގެނައުމަށް ވޯޓު ދޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވެ މިހާރު އެންމެ ބޮޑަށް ބަހުސް ކުރަމުން ދަނީ ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމި ނިންމުމާއި މެދު އެވެ. އިގްތިސާދީ ހާލަތު ރަނގަޅު ނަމަ ޓެކްސް ބޮޑު ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ފާހަގަކޮށް މަޖިލީހުގައި ވާހަކަ ދެއްކެވި ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ވަކިވަކި މައްސަލަތައް ފާހަގަކޮށް ސަރުކާރަށް އެ ވައުދުތައް ފުއްދައި ނުދެވޭކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ނުފެންނަކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ނުފޫޒު ބޭނުން ކުރުމާއި، ވައްކަމާއި ހިޔާނާތް އިތުރުވެފައިވާކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވާހަކަ ދައްކަވާތީ އެކަމުގެ ރައްދުގައި ރޮޒެއިނާ ވިދާޅުވީ ސަރުކާރަށް ގެއްލުންވާ ގޮތަށް ވާހަކަ ދައްކަވަނީ އިދިކޮޅު ޕީޕީމާއި ގުޅުން އޮތް އެ ފެކްޝަނުގެ މެމްބަރުން ކަމަށެވެ. އަދި އެއީ މިހާރު ސިއްރުން ހިނގާ ކަންތަކެއް ނޫންކަމަށާއި، އިދިކޮޅުން މަޖިލީހަށް އިސްލާހުތަކާއި ކުއްލި މައްސަލަތައް ހުށަހަޅަނީ އެމްޑީޕީގެ އެ މެމްބަރުންގެ ބަހަށްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އަރިސް މެމްބަރުންގެ މައްޗަށް ރޮޒެއިނާ ކުރި ތުހުމަތުތަކުގެ ރައްދުގައި، ވަހީދު ވިދާޅުވީ ޕާޓީގެ އެތެރޭގައި އޮތީ ފެކްޝަނެއް ނޫންކަމަށާއި ދިމާވެގެން އުޅެނީ އެއަށް ވުރެ ބޮޑު މައްސަލައެއް ކަމަށެވެ. އެއީ މުސީބާތެއްގެ ގޮތުގައި ސިފަ ކުރައްވައި ވަހީދު ވިދާޅުވީ އެކަން ޕާޓީއަށް ދިމާވީ 2013 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރުގެ ކެމްޕެއިން ދުވަސްވަރު ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އޭރު ސިޔާސީ އެންމެ ބޮޑު ތާއީދެއް އޮތް ޑީއާރުޕީގެ ދެ ފެކްޝަނެއް އުފެދި ޖެހުނު މައްސަލައިގެ ތެރެއިން އެ ޕާޓީ ދޫކޮށް ރޮޒެއިނާ އެމްޑީޕީއާއި ގުޅުނު ދުވަސްވަރަށެވެ.

ވަހީދު ވިދާޅުވީ ރޮޒެއިނާ އެމްޑީޕީ އާއި ގުޅުން ވެގެން ދާނީ، ޕާޓީގެ ހަލަކަށްކަމަށް އެތައް ބަޔަކު ކިޔާތީ އަޑުއިވުނު ކަމަށެވެ.

ރޮޒެއިނާއަކީ ރައީސް ސޯލިހުގެ ސަރުކާރު ދިފާއުކޮށް، ރައީސް ނަޝީދަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ ދައްކަވާ މެމްބަރެވެ. މަޖިލީހުގެ ތަޅުމުގައި އާއި، ގައުމީ މަޖިލީހުގެ ގުރޫޕުގައި، އަދި ޓުވިޓާގައި ވެސް ރޮޒެއިނާ ރައީސް ނަޝީދަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރައްވައި ފާޑުވިދާޅުވެފައި ވެއެވެ. އެހެންވެ، އެމްޑީޕީގެ މެމްބަރުން ރޮޒެއިނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސިފަ ކުރަނީ އެއީ އެމްޑީޕީގެ ޑީއާރުޕީ ފެކްޝަނުގެ ގޮތުގަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: