ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލުތަކާއި ހިލާފަށް ހަނިމާދޫ ކައުންސިލުން ބިން ދޫކުރި މައްސަލައިގައި އޭސީސީ އިން ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އުޞޫލުތަކާ ޚިލާފަށް ހަނިމާދޫ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށްދިން މައްސަލައިގައި 3 މީހަކަށް ދައުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ އިތުރުން، އިޢުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި މައްސަލަ ތަޙުޤީގުކުރުމަށްފަހު ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވަނީ ހުށައަޅާފަައެވެ.

މައްސަލައިގައި، ހަނިމާދޫ ކައުންސިލްގެ އޭރުގެ ނާއިބުރައީސް އާއި އޭރުގެ މެންބަރަކާއި އާއިލީގޮތުން ގުޅުންހުރި އެރަށު އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން 2016 ވަނަ އަހަރު ފާސްކޮށްފައިވާކަން ތަޙުޤީގަށްވަނީ އެނގިފައެވެ. އަދި، ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިޙްތިޞާޞް ހިނގާ ސަރަހައްދުގައި ހިމެނޭ ދަޢުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދާއި  ޚިލާފަށް އިއުލާނުކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަން ތަޙުޤީހަށް އެނގިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި ކަމަށްވާތީ، އެކަން އެގޮތަށް ކޮށްފައިވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭތީ ޢަބްދުއްސައްތާރު ޙަސަން އާއި މުޙައްމަދު ރާޟީ އަދި ޙަސަން ޖަޢުފަރުގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާކަމުގެ ދަޢުވާކޮށްދިނުމަށް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފައެވެ.

ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެމަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240.00ރ (ތިރީސް ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927.04ރ (ފަސް ހާސް ނުވަ ސަތޭކަ ހަތާވިސް ރުފިޔާ ހަތަރު ލާރި) އާއެކު ޖުމްލަ 36,167.04ރ (ތިރީސް ހަ ހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ހަތަރު ލާރި) ހޯދާފައިވާކަން އެނގެން ނެތަތީ، އެފައިސާ އާއި އަދި މިހާތަނަށް ލިބެންޖެހި ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހދ.ހަނިމާދޫ ކައުންސިލަށް އޭސީސީ އިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: