ޅ. އަތޮޅުގައި ހިދުމަތް ދޭން ފެށުމަށް އެމްޓީސީސީ އާރްޓީއެލްގެ ފެރީތައް އެ އަތޮޅަށް ފުރައިފިއެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި އެމްޓީސީސީ އިން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެރީތައް ފުރުވާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އަދި މެރިން ޓްރާންސްޕޯޓު ޑިވިޝަންގެ ޖެނަރަލް މެނޭޖަރު އިސްމާއިލް ފާރިގުވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ދެ ލޯންޗެއް ފުރުވާލުމަށް ތައްޔާރުކޮށް ހެންވޭރު ޓާމިނަލް ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސީއޯއޯ ޝާހިދު ވިދާޅުވީ، ފުރަތަމަ ހަފްތާގެ ތެރޭގައި އެ ކުންފުނިން ޅ އަތޮޅުގައި ކުރިއަށް ގެންދާނީ ފެރީ ނިޒާމަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި ކަސްޓަމަރުންގެ އަތުން ދަތުރުތަކަށް ފައިސާ ނުނަގަނާނެކަމަށާއި، ފައިސާ ނަގަން ފަށާނީ ދަތުރު ކުރުމުގެ ނިޒާމަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތައް ނިމުމަށްފަހުކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓު ޑިވިޝަންގެ ޖީއެމް އިސްމާއިލް ފާރިގުވަނީ ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތުތައް ދެއްވާފައެވެ. އެގޮތުން ދަތުރުތައް ކުރާނީ ތިން ރޫޓަކުންކަމަށާއި އެއް ރޫޓު އެ ސަރަހައްދުގެ އެއަރޕޯޓަށް ދިއުމަށް ހާއްސަ ކުރެވިގެންދާނެކަމަށްވެސް އެނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އަހުލުވެރިކުރުވުމުގެ މުއްދަތު ނިމިގެންދާއިރު، އެމްޓީސީސީ އާރްޓީއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ހަރަދުތައް ފެންނަން ހުންނާނެކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.
އާރުޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ފެރީތައް އެއަރކޯނު ކުރެވިފައިވާއިރު، ފާހަނަ ކުރެވޭނެ ނިޒާމަކާއި، ލަގެޖު ރައްކާ ކުރެވޭނެ ނިޒާމެއްވެސް ހުރެއެވެ. މި ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކި ތަނެއް ހާއްސަ ކުރެވިފައި ހުރެއެވެ.

