ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމަވައި އެމަނިކުފާނުގެ ކެމްޕޭން އަންނަ މަހުގެ 2 ވަނަ ދުވަހު ލޯންޗް ކުރުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
އެނގިފައިވާ ގޮތުގައިި ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު އޮންނަ އާސްކް ސްޕީކަރ ޕްރޮގްރާމްގައެވެ.
މައުލޫމާތު ލިވިފައިވާ ގޮތުގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުންގެ ބައްދަލުވުމުއް ޕްރައިމަރީ އާ ގުޅިގެން މިއަދު ހަވީރު ވަނީ ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި ޕްރައިމަރީގައި ވާދަ ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ޕްރައިމަރީ ވާދަކުރާކަން އަންނަ މަހުގެ 2ވަނަ ދުވަހު ގދ ތިނަދޫގައި އިއުލާން ކުރުމާއި މެދު ވާހަކަ ދެކެވިފައިވެއެވެ.
ރައިސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ވާހަކަ މީގެ ކުރިން ވެސް ވަނީ ދެކެވިފައެވެ.
އެމްޑީޕީގެ ޕްަރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިހު ވާދަ ކުރައްވާ ކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން ދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

