ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ބޭންކެއް ނޫން، މުއްސަނދިންގެ ބޭންކް! 

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮތީ ވަރަށް ފަހުރުވެރި ތާރީޚެކެވެ. ބީއެމްއެލް އަކީ އެތައް ދިވެހި ވިޔަފާރިވެރިންނެއް، ވިޔަފާރި ފެށުމުގެ މަދަދުގާރެކެވެ. އަތުގައި އެއްވެސް އެއްޗެއް ނެތް ނަމަވެސް ވިޔަފާރިވެރިންގެ އަތުގައި ހިފައިގެން ވިޔަފާރިވެރިން އުފެއްދުމުގައި ބޭންކުން އަދާކުރި ދައުރަށް ޝުކުރު ހައްގެވެ. ނަމަވެސް މިއަދު ބީއެމްއެލްގެ އުސޫލުތައް ބަދަލު ވެއްޖެއެވެ. މިއަދު ބޭންކުން ވިޔަފާރިވެރިން އުފެއްދުމުގެ ބަދަލުގައި އިސްކަމެއް ދީފައި ވަނީ މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދިނުމަށެވެ. ރަހުނު ކުރާނެ އަގުބޮޑެތި މުދާތަކެއް ނެތް މީހަކަށް ބޭންކުން ލޯނެއް ލިބުން އެއީ މިއަދު ވާނެ ކަމެއް ނޫނެވެ.

ބޭންކުން ދޫކުރާ “ލުއި ލޯނުތަކާއި” އެ ސްޓައިލްގައި ދޫކުރާ ހޯމް އިމްޕްރޫވްމަންޓް ލޯން ފިޔަވައި އެހެން ލޯނުތަކުގައި ރަހުނު ބަހައްޓަން ޖެހެއެވެ. ހާއްސަކޮށް ކަމެއް ފެށޭވަރުގެ ރަނގަޅު އަދަދެއް ބޭންކުން ލިބޭނީ “ހަން ނޮޅައިގެން ދާވަރުގެ” ރަހުނެއް ބަހައްޓާފައެވެ.

މިސާލަކަށް ގެސްޓްހައުސްއެއް ހަދަން ބޭނުންވާ މީހުންނަށް 30 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޭނެ ކަމަށް ބޭންކުން ބުނެއެވެ. އެފަދަ ލޯނަކަށް ރަހުނުގެ ގޮތުގައި އާންމުކޮށް ބޭންކުން ގަބޫލުކުރަނީ ގޯތިގެދޮރާއި އުޅަނދުފަހަރު ކަމަށް ބޭންކްގެ އިސްތިހާރުގައި ވެސް ބުނެފައި ވެއެވެ. ނަމަވެސް ހަމައެކަނި އުޅަނދެއް ރަހުނުގެ ގޮތުގައި ހުށަހަޅާނަމަ، އެހުށަހެޅުން ބަލައިނުގަތުމުގެ އިހްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށާއި ރަހުނު ގޮތުގައި ހުށާހަޅާ މުދަލުގެ އަގު ނަގާ ލޯނުގެ އަގަށްވުރެ %150 އަށްވުރެ ދަށްވެގެން ނުވާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ. އޭގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ޚަރަދުގެ %30 އިކްއިޓީގެ ގޮތުގައި ބޭންކުގައި ބަހައްޓަން ޖެހެއެވެ. އެހެންކަމުން ސުމަކުން ފަށަން ބޭނުންވާ މީހަކަށް ގެސްޓްހައުސްއެއް އަޅަން ބޭންކުން ލޯނެއް ލިބޭނެ ގޮތެއް ނޯވެއެވެ.

ބީއެމްއެލް އިން ވިޔަފާރިތަކަށް ދޫކުރާ ވޯކިން ކެޕިޓަލް ފައިނޭންސް ލޯނާއި، ބިޒްނަސް ޑިވެލޮޕްމެންޓް ފައިނޭންސް ލޯން ފަދަ ނަންނަމުގައި ހުރި ލޯނުތަކަށް ވެސް ޝަރުތު ހަމަވަނީ ހަމަ ދާދި މިފަދަ ގޮތަކަށެވެ.

ބީއެމްއެލް އިން ރީޓެއިލް ވިޔަފާރިތަކަށް ދޫކުރާ ލޯނެއް އޮވެއެވެ. އެއީ ރީޓެއިލާސް ލޯން ނަމަކަށް ކިޔާ ލޯނެކެވެ. މި ލޯން ވެސް ލިބެނީ ބީއެމްއެލްގެ ޕީއޯއެސް ބޭނުން ކޮށްގެން ވިޔަފާރި ކޮށްފައި އޮތް މިންވަރެއް ބެލުމަށްފަހު ބޭންކުން ބޭނުންވާ ގޮތައް ހިސާބު ޖަހައިގެންނެވެ. އެހެންކަމުން އަލަށް ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަކަށް ވެސް ބޭންކުން ފަހި ކޮށްދޭ ރަނގަޅު ފުރުސަތެއް ނެތެވެ.

ބީއެމްއެލްގެ ލުއި ލޯނު ވެސް ލިބެނީ މުސާރައިގެ ގޮތުގައި ބޭންކަށް ފައިސާ ޖަމާވަމުންދާ މީހުންނަށެވެ. ރާއްޖޭގެ ވަރަށް ގިނަ މީހުންނަކީ މަސްވެރިންނެވެ. ނުވަތަ ދަނޑުވެރިންނެވެ. ނުވަތަ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުންދާ މީހުންނެވެ. އެމީހުންގެ އާމްދަނީ ބޭންކްގެ އެކައުންޓަށް ޖަމާވެ، ބޭންކްގެ ތެރޭގައި ދައުރުވަމުން ދިޔަ ނަމަވެސް، އަދި އާމްދަނީ ލައްކަ އިން ގުނަން ޖެހުނު ނަމަވެސް އެމީހުންނަށް ލިބެން އޮތީ ލުއި މައިކްރޯ ނަމަކަށް ކިޔާ -/25000 ރުފިޔާގެ ލޯނެކެވެ. އެ ލޯނު ވެސް އެއިން މީހަކަށް ލިބޭނީ އެތައް ފަހަރަކު ލޯނަށް އެޕްލައިކޮށް، ބީއެމްއެލްގެ މުވައްޒަފުންނާއި އެތައް ވާހަކައެއް ދައްކައިގެންނެވެ. ނުވަތަ ބައެއް ފަހަރު “ކަޓެއް ވެސް ދީގެން” ކަމަށް މީހުން ކިޔައި އުޅެއެވެ.

މިއަދު ވެސް ބީއެމްއެލް އަކީ ކޮންމެ ކްއާޓާއެއްގައި ބިލިއަން ރުފިޔާގެ ފައިދާ ހޯދަމުން އަންނަ ކުންފުންޏެކެވެ. ބޭންކުން މިއަދު ވެސް ގިނަ ބަޔަކަށް ލޯނުތައް ދޫކުރަމުން ގެންދެއެވެ. އެކަމާއި ސުވާލެއް ވެސް އުފެއްދޭކަށް ނެތެވެ. ނަމަވެސް ބޭންކުން މިއަދު ލޯނު ލިބެނީ ޓްރީ ޓޮޕް ހޮސްޕިޓަލް އެޅި ކުންފުންޏާއި، ރިސޯޓްތައް ހިންގާ ކުންފުނިތަކާއި، ތިން ހަތަރު ގެސްޓްހައުސް މިހާރު ވެސް ހިންގަމުން ގެންދާ ކުންފުނިތަކަށެވެ. އާދައިގެ ނިކަމެތި ރައްޔިތަކު ބޭންކުން ލޯނެއް ނަގަން ދިއުމުން އެމީހަކަށް އޮތީ އެއްކަލަ “ލުއި ލޯނެވެ.” އެލޯނު ނަމުން ކިތަންމެ ލުއި ނަމަވެސް ލޯނު ދައްކަން އުފުލަން ޖެހޭ ބުރަ އަކީ ލިޔެ ކޮޅުން ލާނެ ވާހަކައެއް ނޫނެވެ. އަދި އެލޯނަކީ ވެސް ރަނގަޅު މަސައްކަތެއް ފެށޭވަރަށްވުރެ ކުޑަ އަދަދެއްގެ ލޯނަކަށްވުމާއި، ލޯނު ދެއްކުމަށް ގްރޭސްޕީރިއަޑެއް ވެސް ނުލިބޭތީ އެއީ މަސައްކަތެއް ފަށަން ބޭނުން ކުރެވޭނެ ލޯނަކަށް ނުވެއެވެ.

ދިވެހިންގެ ބޭންކް ވާން ވާނީ ދިވެހިންގެ ބޭނުންތައް ފުއްދައިދޭ ބޭންކަކަށެވެ. އެބޭންކްގެ މަގުސަދަކީ ދިވެހިންނަށް ލިބޭ މުސާރަ މަޖުބޫރީ ހާލަތެއްގައި އެބޭންކަށް ޖަމާވުމުން އެކަމުން ނާޖާއިޒް ފައިދާ ނަގައިގެން މުއްސަނދިންނަށް ހަމައެކަނި ލޯނުދޭ ބޭންކަކަށް ވެގެން ނުވާނެއެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 42%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ނައިފަރުގާ ހުންނަ ލޯނު އޮފިސަރަށް އެއްޗެއްނުދީ ލޯނު ހޯދާކަށް ހިތުވެސްނުލެވޭނެ. އެއްޗެއް ދީފިއްޔާ އެހެން މީހެއްގެ ބިމެއްގައި ގޯތިއަޅަންވެސް އެ ގޯއްޗާއެއްވެސް ގުޅުމެއްނެތް މީހަކަށްވެސް ލޯނު ހަމަޖައްސާދީފާނެ.

  2. ތިޔަ ބޭންކުގެ ވާހަކަ ދެއްކުމަށްވުރެ ރަގަޅުވާނީ ނުދެއްކިއްޔާ. ޥަރަށް ފޮނިވެފާ ބުނާނެ އަހަރަކު އެތައް މިލިޔަން ރުފިޔާ ފައިދާވާ ވާހަކަ. ދުނިޔޭގަ މަދުވާނެ ހައުސިންލޯނަށާ، ތިޔަކިޔާ ލުއިލޯނުގެ މިހާ ބޮޑު އިންޓަރެސްޓް މނަގާ ބޭންކެއް. މިއީ ދިވެހިން ފެލާލާ ދިވެހިންގެ ބޭންކް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: