ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންދާ މިނީ ބަހުގެ ހިދުމަތުން 3 ފެބްރުއަރީ އިން ފެށިގެން އަގުނަގާ ގޮތަށް ހަމަޖެހިއްޖެއެވެ.
ވިލިމާލެ މިނީބަހުގެ ހިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި ވިލިމާލޭގައި ދެމުންދާ މިނީ ބަހުގެ ހިދުމަތަށް ކަނޑައަޅާފައިވަނީ -/5 (ފަސް ރުފިޔާ) އެވެ.
އާރުޓީއެލް ވިލިމާލޭގެ ބަހުގެ ހިދުމަތަށް 3 ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެއީ އާރުޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރު ޓިކެޓް ނަންގަވައިގެންނާއި، ކޮންޓެކްޓްލެސް މާސްޓަރކާޑް އަދި ވިސާ ޑެބިޓް ކާޑް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް އަދި ބަހުން ކަރުދާސް ޓިކެޓް ބައްލަވައިގެންނެވެ.
ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަހުގެ ތެރެއިންނެވެ. ހަމައެހެންމެ ޓަރމިނަލްތަކުން ބަހުގެ ހިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ބައްލަވައިގަނެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެގޮތުން ބައްލަވައިގަންނަވާ ޓިކެޓްގެ ފައިސާ ލާނެ ހާއްސަ ފޮއްޓެއް ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެއެވެ. ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓްގެ އަގު ހަމަވާނެހެން ފައިސާ ގެންނެވުމަށް އެމްޓީސީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައިނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމާއި، ބަހުގެ ޝެޑިއުލްއަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. އަދި ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވުމުގެ މައިގަނޑު މަގްސަދަކީ އިސް ރަށްވެރިންނަށް ބަހުގެ ހިދުމަތް ބޭނުންކުރުމުގައި ފަސޭހަ ކޮށްދިނުމެވެ.
ކިޔުއާރު ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އެމްޓީސީސީގެ ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާއިޢު ކުރެވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އާރްޓީއެލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

