ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ޙަވާލުވެވެނީ ތަޞައްވުރެއް އޮވެ ، ވަޢުދުވެ ، ވީވަޢުދު ފުއްދުމުގެ މައްޗަށް: ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންެގެ މަޖިލިސް މިއަހަރަށް ހުޅުއްވާ ދެއްވާ މިހާރު އިއްވަމުން ގެންދަވާ ރިޔާސީ ބަޔާނުގައި ރައީސް ސާލިޙް ވިދާޅުވީ ސަރުކާރުން ކުރަމުންދާ ކަންކަން ކުރަމުން ދަނީ އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް ، އެންމެ ބޮޑު އިސްކަން ދީގެން ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުމާ ، ޢާންމު މަޞްލަޙަތާ އަމާންކަން ގެއްލިފައިވާނަމަ ، އެންމެ ފުރަތަމަ ސަރުކާރުން އިޢާދަ ކުރަންޖެހޭނީ އެކަންކަން ކަމަށާއި އެކަންކުރެވޭނީ، އަޑުއެހުމާ ، މަޝްވަރާއާ ، ދޫދިނުމާ އަދި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގާ ސަރުކާރު ސާބިތުވެ ދެމިއޮވެގެންކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި 4 އަހަރަކީ އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ ރާއްޖެއަށް ހަމަޖެހުން ގެނުވި 4 އަހަރެވެ. އަދި ކުރިއަށް އޮތްތަނުގާވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމަށް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ސާލިޙް ވިދާޅުވި ގޮތުގައި ދޭދޭ ކޮންމެ ދެމީހަކާ ، ދެގެއާ ، ދެއަވަށާ ، ދެރަށާ އަދި ދެއަތޮޅު ވިޔަސް ، ފަރަގު ހުންނަ ކަމަށާއި ސިޔާސީ ޕާޓީތަކުގާ އެކަން ބޮޑުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ، ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހިރައްޔިތުންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަދާކުރަން ޖެހޭ ޙައްގުތަކާ ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ ، ދޭންޖެހޭ ޚިދުމަތުގާ ، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގާ ގަދަރުވެރި ދިވެހިރައްޔިތެއް ކަމަށެވެ.
މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ ހުރިހާ ތަފާތެއްގެ މަތީގާ ، އެކަތިގަނޑެއްގެ ގޮތުގާ ، ގާއިމްވެ އޮންނަ މާމުގައްދަސް އެހެން އެއްޗެއް އޮންނަ ކަމަށާއި އެއީ މާތްވެގެންވާ އިސްލާމްދީނާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތިގައި ދިވެހިދިދަ ދޭ ހިޔަލުގާ ނެތް ތަފާތެއް – ސަރުކާރަކަށް ނުގެންގުޅެވޭނެއެވެ. އަދި ތަފާތު ކުރުން ދޫކޮށްލުމުން ، ކުރިންނެތް އެތަށް ހަމަޖެހުމަކާ ، ކިތަންމެ މަޞްލަޙަތެއް އިޢާދަ ކުރެވި ، ހިފެހެއްޓި – ދެމެހެއްޓިއްޖެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ޚިދުމަތްކުރުމުގާ ދެމިތިބެގެން ސަރުކާރު ކުރިއަށްދާކަން ، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށާފައިވާކަން ރައީސް ސާލިޙް ވަނީ ފާހަގަ ކުރައްވާފައެވެ.

