މި 5 އަހަރުގެ ތެރޭގައި ޖުމްލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ރައީސް ވިދާޅުވީ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފެއްދުމުގެ ސަބަބުން 50 ހާސްޓަނުގެ ވިހައިން ޖައްވު ސަލާމަތް ވެގެންދާނެ ކަމަށެވެ.
އިއާދަކުރުވަނިވި ހަކަތައިގެ އެ މަސައްކަތް ނިމުމުން އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާ، ތެޔޮ ބިލުން ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުނި އެންދުމުން އަރާ ދުމުން މިންޖުވެ ކުންޏަކީ މެނޭޖްކުރަން ޖެހޭ ވަޞީލަތެއްގެ ވިސްނުމަށް ސަރުކާރު މިވަނީ ހިޖުރަކޮށްފަ. އަދި ރާއްޖޭގެ ގުދުރަތީ މާޙައުލަށް ރައްކާތެރިނޫން ޕްލާސްޓިކްގެ ބާވަތްތަށް މަދުކޮށް މަނާކުރުމުގެ މަރުޙަލާތަށް ދަނީ ތަންފީޒު ކުރަމުން. މިދިޔަ ނޮވެންބަރުމަހު އޮތް ކޮޕް 27 ގެ ޑެކްލެރޭޝަންގައި އަލަށް އުފައްދަން ނިންމި ލޮސް އެންޑް ޑެމޭޖް ފަންޑު ޤާއިމްކުރުމުގައި ރާއްޖޭން ވަރަށް އިސް ދައުރެއް އަދާކުރި
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ތިމާވެށި ނާޒުކު ގައުމެއްކަމާމެދު އެންމެން އެއްބަސްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ތިމާވެެއްޓަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައި ނާޒުކު ހާލަތަށް ހުށަހެޅިފައިވާ ސަރަހައްދުތައް ހިމާޔަތް ކުރުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ނިޔަލަށް 130 ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 82 ސަރަހައްދު ހިމާޔަތްކުރެވިގެންދާނީ މިހިނގާ ފަސް އަހަރުގެ ތެރޭގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

