ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދެއްވީ އަދުލު އިންސާފު ގާއިމުކޮށް، ޝަރުއީ ދާއިރާ އިސްލާހު ކުރެވޭކަމުގެ ޔަގީންކަން!

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް، އަދުލު އިންސާފު ގާއިމު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގައި އޮވެ، އެމްޑީޕީން އޭރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ކުރީ ރާއްޖޭގެ ޖުޑިޝަރީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި އެވެ. އަދި ކޯޓުތަކާއި، ފަނޑިޔާރުންނަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން އެއްކިބާވެފައި ތިބޭ ބަޔަކަށް ހެދުމަށާއި ޝަރީއަތްތަކަށް ފަހު ހުކުމްތައް ވަކި ގޮތަކަށް ނެރެން ރައީސް ޔާމީން މަޖުބޫރު ކުރުވިކަމަށް ތުހުމަތު ކުރި އެވެ. އެ ހުރިހާ މައްސަލައެއްގެ ހައްލަކީ، އެމްޑީޕީން ބުނި ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެން ވާ ގޮތް ބަދަލުކުރުމަށެވެ.

ޖޭއެސްސީގެ މެމްބަރުންކީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ބައެއްގެ ގޮތުގައި ހެދުމަށް އެންމެ މުހިންމީ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސް ކޮމިޝަނުގައި ހުރުން ނިމުމަކަށް ގެނައުން ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު މަސައްކަތްތައް ކުރާނީ ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފުވެރި ފަނޑިޔާރު ގެއެއް ހޯދައިދިނުމަށްކަން ފާހަގަ ކުރި އެވެ.

ވެރިކަމަށް ފަސް އަހަރުވާން ގާތް ވެފައިވާއިރު މިއަދު ރައީސް ދެއްވާފައި ވަނީ މި ދައުރުގައި އެމަނިކުފާނު ދެއްވާނެ އެންމެ ފަހު ރިޔާސީ ބަޔާނެވެ. ސަރުކާރުގެ ވައުދުތަކާއި، މަޝްރޫއު އަދި ކާމިޔާބީތަކާއި އަމާޒުތައް ވެސް ހިމަނާފައިވާ ބަޔާން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފާއި މެދު ރައްޔިތުންގެ އިހުތިރާމާއި، ގަދަރު އަދި އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށެވެ.

މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ކުރެވުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކުރަން ޖެހޭ މަސައްކަތައް އަދިވެސް ކުރިޔަށް އެބަހުރި ކަމަށެވެ. ރައްޔިތުންގެ އިތުބާރު ގާއިމު ކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެން ވާ ގޮތް އިސްލާހު ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެކަމަށް ރައީސް ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކާއި ހިއްސާކޮށްފައިވާ ލިސްޓުގައި ވާ ގޮތުން މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ހަމަޖެހިފައިވާ 23 ބިލެއްގެ ތެރޭގައި ޖޭއެސްސީގެ ގާނޫނަށް ބަދަލު ގެނައުމާއި ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

”ރާއްޖޭގެ އަދުލް އިންސާފާމެދު ރައްޔިތުންގެ އިތުބާރާ އިހްތިރާމާ ގަދަރު ހިފަހައްޓަން ޖެހޭ… ފާއިތުވީ 4 އަހަރުތެރޭ ރާއްޖޭގެ އަދުލް އިންސާފްގެ ދާއިރާ ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަދި އެދާއިރާއާމެދު ރައްޔިތުން ކުރާ އުންމީދު އަންނަނީ ބޮޑުވަމުން. ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަ. ޖުޑީޝަލް ސަވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ“ ރައީސް ސޯލިހު

ވަސީލަތްތަކުގެ ގޮތުން އަދިވެސް ގޮންޖެހުންތައް ހުރިއިރު ރައީސް ވިދާޅުވީ އެކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި އިތުރު ކޯޓު އިމާރާތްތަކުގެ މަސައްކަތް ހިނގަމުން ދާކަމަށް ވިދާޅުވި އެވެ.

ޝަރީއަތްތައް ކުރިޔަށް ނުގޮސް، ފުނި ޖެހިފައި ހުރި މައްސަލަ އާއި އެއް ދުވަހެއްގެ ތެރޭގައި ގިނަ ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ކޯޓުތަކުގައި މައްސަލަތައް ފުނި ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ވަސީލަތްތަކުގެ ދަތިކަން ހުރުން ކަމަށެވެ. އެހެންކަމުން، އެ ކަންކަން ދެނެގަނެ އަލަށް އިމާރާތް ކުރާ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސް ނުކޮށް ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިސްކަން ދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޯޓު ކޮމްޕްލެކްސް އާއި ވަސީލަތްތަކުގެ ދަތިކަން ރައީސް ފާހަގަ ކުރެއްވިއިރު ކޮވިޑުގެ ތެރޭގައި ވީޑިއޯ ކޮންފަރެންސް ޝަރީއަތް ކުރިޔަށް ގެންދިއުމަށް ދިމާވި އެންމެ ބޮޑު ދައްޗަކީ ޓެކްނޮލޮޖީގެ ގޮތުން ކޯޓުތަކުގައި ހުރި ވަސީލަތްތަކުގެ ފެންވަރު ދަށް ވުމެވެ. ހާއްސަކޮށް ކްރިމިނަލް ކޯޓުގައި އެ ވަސީލަތްތައް މަދުކަން ފާހަގަ ކުރެވެ އެވެ.

މީގެއިތުރުން ކޯޓު އިމާރާތް ބާވެ، ކްރިމިނަލް ކޯޓުގެ ގޮތުގައި ބޭނުން ކުރާތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ހާލަތަށް ތަން ވަނީ ގޮސްފަ އެވެ. ގެއްލުންތައް ބޮޑުވުމުގެ ސަބަބުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އައު އިމާރާތެއް ނުވަތަ ބިމެއް ހޯދައިދޭން އެދި 2021 ގައި ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަޒީރުންގެ މަޖިލިހުން، މަޖިލިސް ތެރެއިންވެސް ކޯޓުން ރެކިގެން އުޅޭ މެމްބަރުން ފެންނަނީ އެހެންވެތާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: