ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް މިއަހަރުގެ ޖޫންމަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ރައީސް ސާލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަަވަންސް މިއަހަރުގެ ޖޫންމަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އަމާންވެށީގެ 7 މަރުކަޒު ގާއިމްކޮށް އެތަންތަނަށް ކުދިން ބަދަލުކޮށްފައިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފްތާތެރޭ ހުޅުމާލޭގާ ހުޅުވިގެންދާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން މިހާތަނަށް އަންނަނީ ދެހާސް ރުފިޔާގެ އެލަވަންސް އެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ.
މީގެ ކުރިން ރައީސް ސާލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބައްދަލުކުރައްވައި އެކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ޝަކުވާތައް އަޑުއައްސަވާފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގައެވެ. އަދި، އެބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމެއް ކަމަށް އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އެންސްޕާގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. އެ ބައްދަލުވުމުގައި އެންސްޕާއިން މަޢުލޫމާތު ދިން ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި “ޑިސްއެބިލިޓީ ސިވިއަރނަސް” އަށް ބަލައި ދެވޭ އެލަވަންސް މުރާޖަޢާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އެންސްޕާއިން ކުރަމުންގެންދާކަމުގައި މީގެ ކުރިން ވަނީ ބުނެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް ވަނީ އެކުލަވާލެވިފައެވެ.

