ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް ހަމަލާގެ ތަހުގީގު ދަނީ ކުރިޔަށް، އިންޓެލިޖެންސް ރިޕޯޓު ރައީސަށް އަރުވަން: އިމްރާން

އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތައް ލިބުނު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ހުރި އިރުޝާދުތަކާއި އެއްގޮތަށް، އިންޓެލިޖެންސް މައުލޫމާތުތައް ފޮނުވަމުން ދާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރީ 10 މީހެކެވެ. އޭގެ ތެރޭގައި ހަމަލާ ދޭން ރާވައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން އައިއީޑީ ގޮއްވާލުމުގައި ބައިވެރިވި މީހުން ހިމެނޭކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވެސް ބުނީ އެފަދަ އެއްވެސް އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައި ނެތްކަމަށެވެ. އެކަމަކު ފަހުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް 03 ފަހަރެއްގެ މަތީން ރާވާފައި ވެއެވެ.

އެހެންވެ މަޖިލީހުގެ 241 ކޮމިޓީން އެކި ބޭފުޅުންނާއި މުވައްސަސާތަކާއި ބައްދަލުކޮށް ރިޕޯޓެއް ތައްޔާރު ކުރި އެވެ. އަދި އެ ލަފާތަކަށް ސަރުކާރުން އަމަލު ނުކުރާތީ އެކަން ރައީސް ނަޝީދު ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މޭއި ހައެއްގެ ހަމަލާ ދިންއިރު، އިންޓެލިޖެންސް މައުލޫމާތުތައް ލިބިފައި ނެތްކަން 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު މިހާރު އެ މަސައްކަތް ކުރޭތޯ ސުވާލު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އަދި އެއީ އިހުމާލެއްކަން ފާހަގަކޮށް ބޮންޑެ ސުވާލު ކުރީ އެކަމުގައި އިމްރާންގެ ޒިންމާ އަދާ ކުރެވިފައި ނުވާތީ މަގާމުން އިސްތިއުފާ ދޭންޖެހޭކަމަށް ގަބޫލު ކުރައްވަން ތޯ އެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުތައް ދަނީ ކުރިޔަށް ކަމަށެވެ. އަދި ހަމާލާގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ކޯޓުގައި ޝަރީއަތް ހިނގަމުން ދާކަމަށް އިމްރާން ވިދާޅުވި އެވެ. 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި، އެކަކު ކުށަށް އިއުތިރާފުވެފައި ވާތީ އަވަސް ނިޔާގެ ދަށުން އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރެވެން ދާކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އިންޓެލިޖެންސް ރިޕޯޓު ފޮނުވާކަމަށާއި އެންމެ ފަހުގެ ތަފްސީލު ހުރި ރިޕޯޓު ފޮނުވާފައިވާ ކަމަށެވެ.

”ތި ވިދާޅުވި އިންޓެލިޖެންސް ޝެއާ ކުރުމުގެ ކަންކަން.. ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އަދި 241 ކޮމިޓީގެ ރެކަމަންޑޭޝަނާއި އެއްގޮތަށް މިއަދު އިންޓެލިޖެންސް ޝެއާ ކުރެވޭނެ ޕްލެޓްފޯމެއް ގާއިމު ކުރެވި އެ މަސައްކަތް ކުރެވި އެއާއި ގުޅޭ ރިޕޯޓުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ދަނީ ފޮނުވަން ޖެހޭ ފޮނުވަމުން.. އެންމެ ފަހުގެ ރިޕޯޓު ވެސް ވާނީ ފޮނުވާފައި“ އިމްރާން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު މައުލޫމާތު ދީ ފުލުހުންނާއި ޕީޖީ ގުޅިގެން ބޭއްވި ޕްރެސްގައި ހާމަވެފައިވާ ގޮތުން އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އެކިފަހަރު މަތީން މަސައްކަތްކޮށްފައި ވެއެވެ. އަދި ރައީސް ނަޝީދުގެ ތްރެޓް ލެވެލް މަތިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމާއި، ލިބެމުން ދިޔަ އިންޒާރުތަކާއި އެކު ވެސް ސެކިއުރިޓީ ވަރުގަދަކޮށްފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

ހަމަލާއަށް މޭއި މަހު ދެ އަހަރުވާއިރު ވެސް މިހާތަނަށް މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑުގައި ކުރިޔަށް ނުދާކަމަށް ރައީސް ނަޝީދާއި އަރިސް މެމްބަރުން ބުނެ އެވެ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ވަނީ ބުނެފަ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެ މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: