މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުު ސާލިހް އަދާލަތު ޕާޓީއަށް ދަޢުވަތު ދެއްވި ނަމަވެސް މިރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުން ރައީސް ސާލިހަށް ތާއީދު ކުރުމާއިމެދު ގޮތެއް ނިންމިފައިނުވާ ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ސާލިހް ވަނީ އަދާލަތު ޕާޓީއަށާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމް އަށް ސިޓީފުޅެއް ފޮނުއްވާ ދައުވަތު ދެއްވާފައެވެ. އެގޮތުން މިހާރުވެސް ރައީސް ސާލިހް އާއިއެކު ކޯލިޝަން ހައްދަވައިގެން ތިއްބެވި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމް އަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް ދައުވަތުދެއްވީ އިންތިހާބުގައި ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ސާލިހު އަށް ދެއްވާފައި ވަނިކޮށެވެ.
ރައީސް ސާލިހު ފޮނުއްވި ސިޓީފުޅާއި ގުޅިގެން މިރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އަދާލަތު ޕާޓީއަށް ރައީސް ސާލިހު އާއެކުގައި ފަހި ތަޖުރިބާއެއް ކުރެވިފައި ވީނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް ނިންމޭނީީ އެމްޑީޕީއާއި އެކު ވަކި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހުއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު އާއެކު މަސައްކަތް ކުރުމަށް މިހާތަނަށް ގޮތެއް ނިންމިފައި ނުވާއިރު ރައީސް ސާލިހުގެ ފަރާތްޕުޅުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ރައީސް ސާލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ދާދި ފަހުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު އަލީ ނިޔާޒް ވިދާޅުވެފައި ވަނީ ގާސިމް އާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް އުއްމީދީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ތެރެއިން އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތް ރައީސް ސާލިހު ކުރަމުން ގެންދަވާއިރު މި އިންތިހާބުގައި ރައީސް ސާލިހު އަށް ތާއީދު ނުކުރައްވާނެކަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިޢުލާނު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސާލިހު އާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އަދި އެއްވެސް ޕާޓީއަކުން ރައީސް ސާލިހު އާއެކު ކޯލިޝަން ނުހަދާނެކަމަށެވެ.

