ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި

ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް އެއްބަސްވުމާއި އެއްގޮތަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ފޮނުވާފައި ނުވާތީ އެ ފައިސާ އަނބުރާ ހޯދުމަށް މައްސަލަ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފިއެވެ.

އެޓާނީޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭގޮތުން 2 އެޕްރީލް 2020 ވަނަ ދުވަހު ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގގެ ފަރާތުން ޚިލާފުވެފައިވާތީ، އެ މައްސަލަ ވަނީ ދިވެހި ސަރުކާރުގެ ފަރާތުން 16 ފެބުރުވަރީ 2023 ގައި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައެވެ.

އޭޖީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32,574,750 (ބައްތިރީސް މިލިއަން ފަސްލައްކަ ހަތްދިހަހަތަރުހާސް ހަތްސަތޭކަ ފަންސާސް) ދިވެހި ރުފިޔާއަށްވާ 2,112,500 (ދެ މިލިއަން އެއްލައްކަ ބާރަހާސް ފަސްސަތޭކަ) ޔޫ.އެސް. ޑޮލަރުގެ އިތުރުން، އިންޓްރެސްޓާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް ވަނީ އެދިފައެވެ.

އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިއީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑުގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތަށް ބެލުމަށް ފަހު ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކި ވެންޓިލޭޓަރުތައް އޭގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން ވެސް ނުލިބިވާ މައްސަލައެކެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް، ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިންގާފައިވާ މި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކި ކުރުން ފިޔަވައި އަދި މިހާތަނަށް އިތުރު އެއްވެސް ފިޔަވަޅެއް އެޅިފައި ނެތެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް، އެއްބަސްވުން އެކުލަވާލައި ވެންޓިލޭޓަރުގެ ފައިސާއަށް ހިޔާނާތްވިކަމަށް އަމީން ހިމެނޭހެން މިނިސްޓްރީގެ އެހެން އިސް މީހުންގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އޭސީސީން ތަހުގީގު ނިންމައި އެކި ފަހަރު މަތީން ދައުވާކޮށްދޭން އެދި ފޮނުވި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލާފައި ވަނީ ދައުވާ ކުރުމަށް ހުށަހެޅޭނެ އެކަށީގެންވާ ހެއްކެއް ނެތްކަމަށް ބުނެ އެވެ. ނަމަވެސް އޭސީސީން ފަހުން މި މައްސަލައިގައި ޕީޖީއަށް ފޮނުވި މައްސލައިގައި އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމަގައި 11 މީހަކު ޝާމިލްވާ ކަމަށް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ. އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޓްރައިބިއުނަލަށް ދާން ނިންމި އަދިވެސް މަސައްކަތްތައް ދަނީ ކުރިޔަށެވެ.

ވެންޓިލޭޓަރުގެ މައްސަަލައިގައި އެ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އެކަމުގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ނިންމީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި އެކަމުގެ މައުލޫމާތު ދެއްވައި މިދިޔަ އަހަރުގެ މާޗު މަހު ރައީސް އޮފީހުގެ ތަރުޖަމާނަކަށް އޭރު ހުންނެވި މަބްރޫކް އަޒީޒް ވިދާޅުވީ އާބިޓްރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށްވިޔަސް، އެކަމުގައި ޔޫއޭއީ ސަރުކާރު ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއީ މައްސަލަ އޮއްބާލުންކަމަށް ގިނަ ބަޔަކު ސިފަ ކުރުމުން ސަރުކާރުން ބުނީ ވެންޓިލޭޓަރުގެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ދިޔަސް ރާއްޖޭގެ ތަހުގީގު މުވައްސަސާތަކުގެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ. އަދި އެކަމުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ގެންދިޔަ މުއާމަލާތްތަކާއި ބޭއްވި ބައްދަލުވުންތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ އަނބުރާ ދޭން އަންގައި، އެއްބަސްވުން ބާތިލުކޮށް އެ އެގްޒެކިއުޓާސް ކުންފުންޏާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެ މީހުންގެ އަމަލު ކުރި ގޮތުން ފައިސާ އަދި ވެންޓިލޭޓަރު ލިބިދާނެކަމަށް ސަރުކާރަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ ވާހަކަ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވެއެވެ. އެކަމަކު އެއްބަސްވުމުގައި ވާ ގޮތުން އެޑްވާންސް ޕޭމަންޓު ދައްކާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި ވެންޓިލޭޓަރު ފޯރުކޮށް ނުދެވިއްޖެ ނަމަ އެއްބަސްވުން ބާތިލުވާނެކަމަށް ވެއެވެ.

ރާއްޖެ އާއި ޔޫއޭއީ އަކީ “ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް” ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިންކަމަށްވުމުން މި އާބިޓްރޭޝަން ހިންގާނީ ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި އަމީން މަޖިލީހުގައި ވިދާޅުވީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: