ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު ހިޔާނާތް: ޕީޖީން ކޮންމެ ފަހަރަކު މައްސަލަ އަނބުރާ ފޮނުވާލާތީ އަމީން އާއި ގިނަ ބައެއްގެ މައްޗަށް ދައުވާ ނުކުރެވުނު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އިތުރު ބައެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފައިލްކޮށްފި އެވެ.

2020 ވަނަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު، ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހެލްތް މިނިސްޓްރީގެ ތެރެއިން އަމަލުކޮށްފައި ވާތީ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ތިން ފަހަރެއްގެ މަތިން ފޮނުވި އެވެ.

ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތަށް ބަލައި ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގާފައިވާ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން އެންމެ ފުރަތަމަ ފޮނުވީ މިދިޔަ އަހަރު އެވެ. އެކަމަކު ބައެއް މަރުހަލާތައް ފުރިހަމަ ނުވާތީ، ޕީޖީން ނިންމީ އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަމަށް ފުރުސަތު ދިނުމަށެވެ. މި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި، އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ދެމެދު ބަހުގެ ހަމަލާތަކެއް އަމާޒު ކުރި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ގޮތެއް ނުނިންމި އޮތުމަށް ފަހު، މިއަދު އޭސީސީން މީޑިއާތަކަށް ބުނީ ތަހުގީގުތައް ކުރިޔަށް ގެންދިޔައީ ކުރެވެން އޮތް އެންމެ ފުރިހަމައަށް ކަމަށެވެ. އަދި މައްސަލަ ޕީޖީން ފާހަގަ ކުރާ ކަންކަން އިސްލާހުކޮށް ތިން ފަހަރެއްގެ މަތީން އަލުން އަނބުރާ ޕީޖީއަށް ފޮނުވި ނަމަވެސް އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ބުނަމުން ދާ ކަމަށެވެ. އެހެންވެ މައްސަލަ ފައިލްކޮށް ނިންމައި، އަމީނާއި އިތުރު އަށް މީހެއްގެ ތަހުގީގު ފައިލް ކުރުމަށް ނިންމީކަމަށް ކޮމިޝަނުން ބުންޏެވެ. އެކަމަކުމި މައްސަލައިގައި ތިން މީހެއްގެ މައްޗަށް މަޝްވަރާކޮށްގެން ދައުވާ ކުރުމާއިމެދު ގޮތެއް ހޯދަމުންދާކަމަށް އޭސީސީން މައުލޫމާތު ދިނެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓްރީގެ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީއިން ފޮނުވިއެވެ. ކޮމިޝަނުން އެދުނީ އަމީނާއި އެކު އިތުރު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށްވާއިރު، އޭގެ ތެރޭގައި މިނިސްޓްރީގެ ބައެއް އިދާރީ މުވައްޒަފުންތައް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި އަމީން މަޖިލީހުގައި ވިދާޅުވީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެއެވެ.

މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ ކުންފުންޏާއިއެކު ވީ އެއްބަސްވުން ފާހަގަކުރެވެ އެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ. ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: