ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ބޮމުގެ ހަމަލާގައި ދައުވާކޮށްފައިވާ ތިން މީހެއްގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލަމުން ގޮސް 2021، މޭއި 06 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކުރެވެ އެވެ. ހަމަލާ ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވީކަމުގެ ތުހުމަތައް ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގއ. ކޮނޑޭ، ފޮޅޭމާ/ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަލީ އާއި، އއ. މާޅޮސް، އައްސޭރިގޭ/ މުހައްމަދު ނާޒިމްގެ އިތުރުން ނ. މަނަދޫ/ ނޫރީގޭ އަލީ ހައިޝަމެވެ.
މީގެ ތެރެއިން އާދިއްތަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމްގެއެވެ. އެއީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ މައްސަލައިގައެވެ. އަދި އާދިއްތަ ދުވަހުގެ 10:30 އަށް ތާވަލްކޮށްފައި ވަނީ މާލެ، ދަފްތަރު ނަމްބަރު ދރ 1327، ހަސަން ޔާސީންގެ މައްޗަށް ކޮށްފައިވާ ދައުވާގެއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ ދައުވާއެވެ.
މީގެ އިތުރުން ހުޅުމާލެ، ފްލެޓް 56-3-07، މުހައްމަދު ޒޫމާލް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތްވެސް އާދިއްތަ ދުވަހު ކުރިއަށްދާނެއެވެ. ޒަރީރްގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯ އެއް ގެންގުޅުމުގެ މައްސަލަގައެވެ. އެ ދައުވާގެ ޝަރީއަތްކުރިއަށްދާނީ އާދިއްތަ ދުވަހުގެ 11:30 އަށެވެ.
މި ތިން މައްސަލައިގެ އަޑުއެހުން ވެސް އޮތީ ހާޒިރުވެގެން ކުރިއަށް ގެންގޮސްގެންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ދިގުލައިގެން ދާތީ އާއި، އަޑުއެހުންތައް ތާވަލު ނުކުރާތީ އެކަމާއި މެދު އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ކުރިއަށްގެންގޮސްފައިވަނީ 13 މާޗް 2023 ގައެވެ.
މައްސަލަ ބައްލަވާ، ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ ބޮމުގެ ހަމަލާގެ ތުހުމަތަށް ދައުވާތައް އުފުލާފައިވާ މީހުންގެ ޝަރީއަތްތައް އަވަސް އަވަހަށް ބާއްވައި ހުކުމަކާއި ހަމައަށް ދިއުމަށް ގަސްތު ކުރައްވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަކު، އެ ނިންމެވުމަށް އިއުތިރާޒުކޮށް ދިފާއީ ބައެއް ވަކީލުން ވަނީ މައްސަލަ އަވަސް އަވަށް ތާވަލު ކުރުމާއި މެދު ކަންބޮޑުވާކަމަށް ބުނެފަ އެވެ. ސަބަބެއްކަމަށް ވަކީލުން ބުނީ، މިއީ ބޮޑު މައްސަލައަކަށް ވެސްވުމާއި އެކު އެހާ އަވަސް އަރުވާލުމުގެ ސަބަބުން ފާޑުކިއުންތަކާއި ޝައްކުތައް އުފެދިދާނެތީ އެވެ. އެކަމަށް ގާޒީ ވިދާޅުވީ، މައްސަލަ ކުރިޔަށް ގެންދާނީ ވަކި މަގާމެއް، ނުވަތަ ވަކި ހައިސިއްޔަތަކަށް ބެލުމެއް ނެތި ކަމަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ އެކުލަވާލީ ތިން ފަނޑިޔާރުންގެ ބެންޗެއް ނަމަވެސް، ބަދަލުތަކެއް ގެނެސް ބެންޗު ވަނީ އުވާލާފަ އެވެ. ގާޒީ އާދަމް މުހައްމަދާއި، ގާޒީ މުހައްމަދު މިސްބާހު، އަދި ގާޒީ ސޮފްއަތު ހިމެނޭހެން އެކުލަވާލާފައި އޮތް ބެންޗުން އެންމެ ފުރަތަމަ ތަނާޒުލްވެވަޑައިގަތީ ގާޒީ އަލީ އާދަމެވެ.

