ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިމެނޭހެން ދައުލަތުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރުމަށް އިދިކޮޅު މައި ޕާޓީގެ މަޖިލިސް އަގުލަބިއްޔަތު ބޭނުންކޮށް ކޮމިޓީއަކުން ފާސް ކުރީ ސަރުކާރާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ ނިޔަތުގައިކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
ކޮމިޓީން ވަނީ ކޯޓުތަކުގެ ފަނޑިޔާރުން އަދި ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ވެސް ނިންމާފައި ވެއެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ޑިރެކްޓަރުންނާއި، ބޯޑު މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލާއި ކައުންސިލް މެމްބަރުންގެ މުސާރަ ވެސް މިއާއި އެކު ބޮޑު ކުރުމަށް ކޮމިޓީން ފާސްކުރި އެވެ.
އެކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު ޝަހީބް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ނުވަތަ ހުށަހަޅައިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އެ ނިންމުމަށް ރައީސްގެ އެއްވެސް ތާއީދެއް ނެތްކަން ފާހަގަކުރައްވައި ޝަހީބު ވިދާޅުވީ ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިންގެ މަޝްވަރާއެއް ހޯއްދެވުމެއް ނެތި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމިޓީއަކުން ނިންމާފައި ވަނީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ
ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން.
— Mohamed Shahyb (@MvSpokesperson) December 20, 2023
މުސާރަތަކަށް ބަދަލު ގެނައުމަށް ކޮމިޓީން ނިންމި ނަމަވެސް، އެކަމާއި މެދު ގޮތެއް ނިންމާނީ ރިޕޯޓު ތަޅުމަށް ހުށަހަޅައި އެކަމަށް ބަހުސް ކުރުމަށް ފަހު އެވެ. މިހާތަނަށް އައިއިރު ޑިމޮކްރެޓްސް ވަނީ މި ނިންމުމަށް ދެކޮޅު ހަދައި، މުސާރަތައް ބޮޑު ކުރަން ނުފެންނަކަމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ.

