ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް 2025 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އަހަރެކެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޝާއިއުކޮށްފައިވާ ”ބަޖެޓު ނަތީޖާ ބަޔާން 2025“ ގައިވާ ގޮތުން، ނިމިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި މިންވަރު އަންދާޒާކުރި ވަރަށް ވުރެ 5 ބިލިއަން ރުފިޔާ ވަނީ މަދުވެފައެވެ.
2025 ވަނަ އަހަރު ދައުލަތުން ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި ކުރިން ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޚަރަދުތައް މިހާ ބޮޑަށް ކުޑަކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. އަދި ހިނގަމުންދާ ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިސްރާފު ކުޑަކުރެވިފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ޚަރަދުތައް ކުޑަވުމާ ގުޅިގެން ބަޖެޓުގެ ޑެފިސިޓް ވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައެވެ. 2025 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ.
ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ބަލާއިރު، ޑެފިސިޓް ވަނީ 3.6 އިންސައްތައަށް ދަށްވެފައެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޑެފިސިޓް މިހާ ދަށްވި ފުރަތަމަ ފަހަރު ކަމަށް ފިނޭންސްގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި 2025 ވަނަ އަހަރަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ބަލަހައްޓާފައިވާ ހަމައެކަނި އަހަރެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޚަރަދުތައް ކުޑަކުރި ނަމަވެސް އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 14.0 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރި ނަމަވެސް، ހޭދަވީ 12.5 ބިލިއަން ރުފިޔާއެވެ. އަދި ދަރަނީގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު އަދަދު ވެސް ވަނީ 5.6 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2019 އިން 2025 އަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާ ގުޅޭ ފީތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ. އެގޮތުން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، ރިސޯޓު ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެއިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވާރުތަވި ރެކޯޑު އަދަދެއްގެ ދަރަނި އަދާކުރުމަށް، 2025 ވަނަ އަހަރު ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން އެކުލަވައިލި ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތުގައި (ނޮވެމްބަރު 2023 އިން މާރިޗު 2026 އަށް) ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީގެ ޕްރިންސިޕަލްގެ ގޮތުގައި ދެއްކި 1.7 ބިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދެއްކި 657.9 މިލިއަން ޑޮލަރެވެ.
މިއީ މީގެ ކުރީގެ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު (2014 އިން 2016 އަށް) ބޭރުގެ ދަރަނި އަދާކުރުމަށް ހޭދަކުރީ 423 މިލިއަން ޑޮލަރެވެ. އަދި ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި (2019 އިން 2021 އަށް) މި އަދަދު ހުރީ 538 މިލިއަން ޑޮލަރުގައެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ މާލީ ނަތީޖާއިން ދައްކަނީ، ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، އާމްދަނީ އިތުރުކޮށް، އަދި ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް އަހަރު ނިންމާލުމާއެކު، ދަރަނި އަދާކުރުމުގެ ޒިންމާތައް ސަރުކާރަށް ފުރިހަމައަށް އަދާކުރެވުނު ކަމެވެ.
2025 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުކޮށްފައިވަނީ މާލީ އިޞްލާހީ ފިޔަވަޅުތަކާއެކު، ދަރަނި ދެއްކޭނެ މަގު ފަހިކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އިސްކަންދީގެންނެވެ. ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި އަދާކުރަމުންވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި ސަބްސިޑީތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

