އެމެރިކާގެ ނިއުޔޯކްގައި މިފަހުން ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ އިންތިޚާބުތަކުގައި، މޭޔަރު ޒޯހްރާން މަމްދާނީ ތާއީދުކުރެއްވި ހުރިހާ ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި ނަތީޖާއާއެކު އެމެރިކާގެ ސިޔާސީ މަސްރަޙުގައި، ޚާއްޞަކޮށް އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި އޮތް ވިސްނުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ވަނީ ހާމަވެފައެވެ.
ނިއުޔޯކްގެ މޭޔަރު ޒޯހްރާން މަމްދާނީ ތާއީދުކުރެއްވި ކެންޑިޑޭޓުން ކަމަށްވާ ބްރެޑް ލޭންޑާ، ކްލެއާ ވަލްޑޭޒް އަދި ދާރިއަލީޒާ އަވީލާ ޗެވަލިއޭ ވަނީ އެ ބޭފުޅުން ވާދަކުރެއްވި ޕްރައިމަރީތައް ކާމިޔާބު ކުރައްވާފައެވެ. މި ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރެއްވީ އިސްރާއީލަށް ތާއީދުކުރާ ވަރުގަދަ ޖަމާއަތްތަކުގެ މާލީ އެހީތެރިކަން ލިބިފައިވާ ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.
މި އިންތިޚާބުގައި ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުންނަށް އެއިޕެކް (AIPAC) ފަދަ އިސްރާއީލަށް ތާއީދުކުރާ ވަރުގަދަ ލޮބީ ގްރޫޕްތަކުން ގިނަ އަދަދެއްގެ ފަންޑުތައް ދީފައިވާކަން ރިޕޯޓުތަކުން އެނގެއެވެ. މިއީ ތާރީޚީ ގޮތުން އެމެރިކާގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ޖަމާއަތްތަކެކެވެ.
އެ ކެންޑިޑޭޓުންގެ ކާމިޔާބީން ހާމަވަނީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި މަމްދާނީ ”ކިންގްމޭކާ“އަކަށް ބަދަލުވަމުންދާކަން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކެންޕޭނުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ގެދޮރުވެރިކަމާއި އާންމު ޚިދުމަތްތަކާ ގުޅޭ ވާހަކަތައް ދެކެވުނު ނަމަވެސް، ޣައްޒާގެ ހަނގުރާމައާއި އިސްރާއީލާއެކު އެމެރިކާއިން ބާއްވާ ގުޅުމާ މެދު އާންމުންގެ މެދުގައި ބޮޑު ބަހުސެއް ކުރެވުނެވެ. އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުން ފާޅުގައި ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް، އެމެރިކާގެ ސިޔާސަތުތައް ބަދަލުކުރުމަށް ގޮވާލާފައިވެއެވެ.
ކުރިން އެމެރިކާގެ ސިޔާސީ މައިދާނުގައި ދެއްކުމަށް ފަސްޖެހޭ ފަދަ ވާހަކަތަކަށް މިހާރު ޒުވާނުންނާއި ސިޓީތަކުގައި ދިރިއުޅޭ މީހުންގެ ބޮޑު ތާއީދެއް ލިބެމުންދާކަމަށް އާންމުން ފާހަގަކުރެއެވެ. މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް އައުމުގެ ފެށުމަށް ވެދާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޒަމާނުއްސުރެ އިސްރާއީލަށް އެހީތެރިވުމަކީ އެމެރިކާގެ ދެ ޕާޓީގެ ވެސް އިއްތިފާގުވެ، ކުރަމުން އައި ކަމެކެވެ. ނަމަވެސް މިފަހަކަށް އައިސް ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި މިކަމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ދަނީ ފާޅުކަން ބޮޑު ގޮތެއްގައި އިތުރުވަމުންނެވެ.

