ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުން ޕްރޮޕަޓީ ވިއްކާ ފުރަތަމަ ފަހަރުވެސް ދައުލަތަށް 3.1 ބިލިއަން ޑޮލަރުގެ މަންފާއެއް ލިބޭނެ: މުއްޠަލިބު

ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް ޔޫއޭއީގެ އީގަލް ހިލްސް އާއެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ސޮއިކުރިން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަކީ ދައުލަތަށް އެންމެ ޚަރަދު ކުޑަކޮށް އަދި އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގެ ތެރެއިން ޕްރޮޕަޓީ ވިއްކާ ފުރަތަމަ ފަހަރުވެސް ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި ”މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް“ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމާން މާހައުލުގެ ބޭނުން ހިފައިގެން ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ސިޔާސަތުގެ ދަށުން ރޭވިފައިވާ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ މާލީ އޮނިގަނޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޖޮއިންޓް ވެންޗަރ ހަދައިގެން ދައުލަތަށް އޮންނަ މާލީ ހިރާސް ބޮޑުކުރުމުގެ ބަދަލުގައި، މި މަޝްރޫއު ރާވާފައިވަނީ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް ދައުލަތަށް އޮންނަ ގޮތަށް ކަމަށެވެ. އަދި ހިނގާ މުއާމަލާތްތަކުން ސީދާ ސަރުކާރަށް އާމްދަނީ ލިބޭނެ އިންތިޒާމު މި އޮނިގަނޑުގެ ތެރެއިން ވަނީ ކަށަވަރުކޮށްފައެވެ.

އެގޮތުން ރަސްމާލޭގައި ތަރައްގީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް %10 ގެ ރޭޓުން ދައުލަތަށް 1.2 ބިލިޔަން ޑޮލަރު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އެ ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވެސް މުއާމަލާތް ހިންގަންޖެހޭނީ ސަރުކާރު މެދުވެރިކޮށް ކަމަށްވާތީ، ދައުލަތަށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބެމުންދާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ އާންމު ގާނޫނުގެ ދަށުން ބިން ކުއްޔަށް ދީގެން ލިބޭ އެކުއިޒިޝަން ކޮސްޓާއި އަހަރީ ކުއްޔާ އަޅާބަލާއިރު، މި މަޝްރޫއުގެ އޮނިގަނޑުން ދައުލަތަށް މާ ބޮޑު މާލީ މަންފާއެއް ކަށަވަރުވެގެންދާނެ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ޤާނޫނުގެ ދަށުން، 99 އަހަރުގެ މުއްދަތަށް ފަޅެއް ކުއްޔަށް ދިނުމުން ދައުލަތަށް ގާތްގަނޑަކަށް 75 މިލިއަން ޑޮލަރު ލިބެއެވެ. އެއީ ފުރަތަމަ 50 އަހަރުގެ އަގުގެ އިތުރުން، އިތުރު 49 އަހަރަށް މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ 10 މިލިއަން ޑޮލަރެވެ. އަދި 500 ހެކްޓަރުގެ ބިމަކުން ގާތްގަނޑަކަށް 316 މިލިއަން ޑޮލަރު ލިބޭއިރު، މި ދެ ހާލަތުގައިވެސް އަހަރަކު ދައްކަންޖެހޭ ކުލީގެ އެންމެ މަތީ މިންވަރަކީ 2 މިލިއަން ޑޮލަރެވެ.

އާމްދަނީ ބަހާ އުސޫލުގެ ދަށުން، ވިއްކާނެ އަގު 31 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީން، ގާތްގަނޑަކަށް 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް ވިއްކާއިރު ނަގާ %4 ގެ ފީން ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރު ލިބިގެންދާނެއެވެ. އަދި އަލުން ވިއްކާ ކޮންމެ ފަހަރަކުވެސް %4 ގެ ފީއެއް ދައްކަންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: