ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ކަންނެލީގެ މަސްވެރިންނަށް އިންކަމް ސަޕޯޓު ދޫނުކުރާތީ ކަންބޮޑުވުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ސަބަބުން އާމްދަނީ ދަށްވެފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ދެމުންދާ އިންކަމް ސަޕޯޓު އެލަވެންސް، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް ނުލިބޭތީ، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ޔޫނިއަންއިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖެއަށް ވެސް ދިމާވެފައިވާ ކޮވިޑުގެ ހާލަތުގެ ސަބަބުން އިގްތިސާދީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި، ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް ދަނީ އިންކަމް ސަޕޯޓުގެ އެހީ ފޯރުކޮށްދެމުންނެވެ. މި ހާލަތުގައި އާމްދަނީ ދަށްވެފައިވާ ފަރާތްތަކަށް އެލަވަންސްތައް ދޫކުރާއިރު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް ނުލިބޭތީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން އެ ޔޫނިއަންއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން މިދިއަ އޭޕްރިލް މަހުން ފެށިގެން ބޮޑު ކަންނެލި ގަންނަމުން އަންނަނީ 35 ރުފިޔާ އިން ދަށް އަގުތަކެއްގައި ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް އެވްރެޖުކޮށް މަހެއްގެ މައްޗަށް 5،000 ރުފިޔާ ވެސް ނުލިބޭ ކަމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން ވަނީ ބުނެފައެވެ.
https://twitter.com/FishermensUnion/status/1304677734707126272

ސަރުކާރުން މަސް ގަންނަ ފަރާތްތަކަށް މަސް ގަންނަން ފައިސާ ދޫކޮށްފައި ވީ ނަމަވެސް މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވެންސް ނުލިބޭތީ އެކަމަށް ވެސް ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަން ހައްލުކޮށް ދިނުމަށް ބަޔާނުގައި ބޮޑު ކަންނެލީގެ ޔޫނިއަންއިން ވަނީ އެދިފައެވެ.

މަސްވެރިންނަށް ހަމަ އަގު ދިނުމާއި، އަދި ބާނާ މަސް ކިރުވޭނެ އިންތިޒާމުތައް ހަމަޖެހުމަކީ މި ސަރުކާރުގެ އެއް ވައުދެވެ. އެހެން ނަމަވެސް، މަސްވެރިންނަށް ދިމާވާ ތަފާތު އެކި ދަތިތައް ފެންމަތިވެގެން އަންނައިރު ވެސް މާ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއަރައި ދާއިރުގައި މިކަމަށް، މަސް ގަނެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެނީ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެއެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އެސްއެމްއީ ކުންފުނިތަކުން މަސްގަނެވޭގޮތަށް ވަގުތީ ހުއްދަ ދޭގޮތަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެއަށްފަހުގައި ފެލިވަރު ފެކްޓްރީއާއި، ކޫއްޑޫއާއި، ހުޅުމީދޫގައި ހުރި ފެކްޓްރީ އަޕްގްރޭޑްކޮށް، އެތަންތަން ބޭނުންކުރެވޭގޮތް އަވަހަށް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަން ރައީސް ސޯލިހް ފާހަގަ ކުރައްވާފައިވެއެވެ.

މަސްވެރިންނަށް ދިމާވާ އެކި ދަތިތަކުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެ ކުރިން އެތައް ފަހަރެއްގެ މަތީން މަޖިލީހަށާއި ކޮމިޓީއަށް ހާޒިރު ކުރިއެވެ. ދާދިފަހުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރ ހާޒިރުކުރެއްވުމުންވެސް، ކޮމިޓީގެ ބައެއް މެމްބަރުން ވަނީ މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން، މަސްވެރިން މަސް ކިރުމަށްފަހު ފައިސާ ނުލިބި ލަސްވުމުގައި ހުރީ ކޮން ސަބަބުތަކެއްތޯ މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.

ޒަހާ ވިދާޅުވީ، އަބަދުވެސް މަސްވެރިންނަށް ހަމަ އަގު ނުލިބޭކަމުގެ ޝަކުވާތައް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، ބޭރުން ގަންނަ އަގަށްވުރެ ބޮޑު އަގެއްގައި މިފްކޯއިން މަސް ގަތުމުން، މިފްކޯއަށް ގެއްލުންވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ހަމަ އަގު ކަމުގައި ބެލެވޭނީ ދެފަރާތަށްވެސް ގެއްލުންނުވާ އަގެއް ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މަސްވެރިންނަށް ފައިސާ ދިނުން ލަސްވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 80 މިލިޔަން ރުފިޔާއަށްވެސް އަރިގެންދިޔައެވެ. އެހެންނަމަވެސް، އެފައިސާވެސް ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މަސްވެރިކަމުގެ ދާއިރާގައި ދިމާވާ އިތުރު ގޮންޖެހުންތަކަށް ބަލާއިރު، ރަޖިސްޓްރީ ކޮށްގެން ހިންގަނީ ހަމައެކަނި ދޮށީގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަންކަމަށް ޒަހާ މީގެކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ބޭރުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ކުރާ ފާނައިގެ މަސްވެރިކަމާއި، ހުއިފިލަނޑާގެ މަސްވެރިކަން އަދި ފަރުމަހުގެ މަސްވެރިކަމަކީ ރަޖިސްޓްރީނުކޮށް ކުރާ މަސްވެރިކަންކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: