މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީ ފްލޯތަކުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރަން މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން އަންގައިފި އެވެ.
ކައުންސިލުން ނެރުނު އިއުނާލެއްގައި ބުނީ، މަސް މާރުކޭޓް އިމާރާތުގެ މަތީގެ ދެ ފަންގިފިލާގައި ހުރި މީހުން ނިދާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ، އެތަނުގައި ހުރި “ލިސްޓޯ” ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެތަންތަން ނެރެ، ހުސްކުރަން ޖެހޭނެ ކަމަށެވެ.
އަދި އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެއިދާރާއިން ނިންމާގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެއިދާރާއިން ޒިންމާ ނުވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

