ރ. ދުވާފަރުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީ އިން މިއަދު ކުރި ޓްވީތުގައި ބުނެފައިވަނީ ފެންހިންދުމުގެ މަސައްކަތުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ނިމިފައިވާ އިރު، ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
ދުވާފަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ 2 ފިޔަވައްސަކަށް ބަހައިގެންނެވެ. އެގޮތުން ފުތަމަ ފިޔަވަހީގެ މަސައްކަތް ނިމި، ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މި މަޝްރޫއުއަށް ހޭދަވާނެ ކަމަށް ލަފާކޮށްފަައި ވަނީ 37.8 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއަކީ 300 ދުވަހު ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.

