ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ރިޒާވްގެ ހާލަތާއިމެދު ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ އިންފުލޭޝަން ވަރަށް ބޮޑުވެ ދަރަނި ކުރިއަށް އޮތްތަނުގައި ބޮޑުވާނެކަމާއި އެކަންކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިހުރި ނުރައްކާތައް ގިނަކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ނެވިގޭޓިން އަ ޓައިޓް ލައިން ގެ ނަމުގައި ވޯލްޑު ބޭންކުން ޝާއިއުކުރި ރާއްޖޭގެ ޑިވެލޮޕްމެންޓް އަޕްޑޭޓުގައި އެ ބޭންކުން ފާހަގަކުރި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު މިހާރުވަނީ ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް އިއާދަވުމުގެ މަގުމަތީގައެވެ.

ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ކުރިން ލަފާކުރި 8.2 އިންސައްތައަށް ނާރާނެކަމަށް އެ ބޭންކުން ލަފާކުރެއެވެ.

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ރާއްޖޭގެ އިޤުތޞާދީ ކުރިއެރުން ހުންނާނީ 6.6 އިންސައްތައިގައެވެ. އަދި 2024 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ އިގްތިސާދު  އެވްރެޖްކޮށް ހުންނާނީ 5.6 އިންސައްތައިގައި ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިގްތިސާދަށް ހުރި ހީރާސްތައް ބޮޑުކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ ދުނިޔޭގެ އިގްތިސާދު ބަލިކަށިވެ ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ވަނީ ދަރަންޏަށް ފައިސާ ނަގައިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތްތަނުގައި ދަށަށް ދާނެ ކަމަށެވެ.

ރާއްޖޭގެ އިންފްލޭޝަން މިއަހަރު 5.7 އިންސައްތައަށް މަތިވާނެ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. އަދި އެކަމުގެ އަސަރު ގޭބިސީތަކަށް ފޯރާ ކާބޯތަކެއްޗާއި ތެލަށް ދެމުންދާ ސަބްސިޑީއާ އެކުގައި ވެސް އަގުތައް އުފުލިގެންދާނެ ކަމަށާއި އެކަން ތަހައްމަލު ކުރާނެ މާލީ ޖާގަ ރާއްޖޭގެ އިގްތިސާދުގައި ނެތް ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެެވެ.

އެހެންނަމަވެސް މެދު ރާސްތާގައި އިންފުލޭޝަން 2.5 އިންސައްތައަށް ތިރިވާނެކަމަށާއި އެއީ ތެޔޮ ފީފާއެއްގެ އަގު 2022 ވަނަ އަހަރުގައި ހުރި 100 ޑޮލަރުން 2024 ވަނަ އަހަރު 80 ޑޮލަރަށް ތިރިވާނެކަމަށް ލަފާކުރެވޭތީކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.

ރައްޔިތުންނަށް ދެމުންދާ ސަބްސިޑީއާއި، ރަނގަޅަށް ނުހިންގޭ ސަރުކާރު ކުންފުނިތަކަށް ދެމުންދާ މާލީ އެހީތެރިކަމާއި ދަރަނި ލިބޭ ގޮތް ކުރިއަށްވުރެ ގޯސްވެފައިވީ ނަމަވެސް ދަރަނި ނަގައިގެން ކެޕިޓަލް ހަރަދުކުރާ މިންވަރު އިތުރުކޮށްފައިވުމުން ސަރުކާރުގެ ދަރަންޏާއި ބަޖެޓު ޑެފިސިޓު ކުރިއަށް އޮތް ތަނުގައި ބޮޑުވާނެކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ބޭރުގެ ދަރަނީގެ ހިރާސް އަދިވެސް ބޮޑުކަމާއި އެގޮތުން ކުރިއަށް އޮތް 2023 އިން 2025 އާއި ދެމެދުގެ މުއްދަތުގައި އެވެރެޖުކޮށް އަހަރަކު ބޭރުގެ ދަރަނި އަދާކުރުމަށް 393 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. އަދި އެ އަދަދު 1 ބިލިއަން ޑޮލަރަށް 2026 ގައި އަރާނެ ކަން އެބޭންކުން ފާހަގަކޮށްފައިވެއެވެ.

ދަރަނި އަދާ ކުރުމަށް އެކުލަވާލެވިފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ސަރުކާރުން ފައިސާ ޖަމާކުރި ނަމަވެސް އެ ފަންޑުގައި ފައިސާ ހުރީ ކުރިއަށް އޮތް އަހަރުތަކުގައި އަދާކުރަންޖެހޭ ދަރަންޏާ އަޅާބަލާއިރު ހުރީ އެކަށީގެންވާ މިންވަރަކަށްވުރެ މަދުން ކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.

މިހާރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ފައިސާހުރީ އެކަށީގެންވާ މިންވަރަށްވުރެ މަދުންކަން ފާހަގަކޮށް ވޯލްޑް ބޭންކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްވަނީ 412.6 މިލިއަން ޑޮލަރުން 235.5 މިލިއަން ޑޮލަރަށް ދަށްވެފައި ވާއިރު   0.8 މަސްދުވަހަށް ބޭނުންވާ އިމްޕޯޓަށް ބޭނުންކުރެވޭނެ މިންވަރުކަން  ވޯލްޑް ބޭންކުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: