ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީއަށްވުރެ ސަރުކާރުގެ ހަރަދުތައް ބޮޑު: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޝަފީގް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމްދަނީއަށްވުރެ ހަރަދުތައް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކުވެސް ނެރެމުންދާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުތަކުގެ ތެރެއިން އެންމެ ފަހުން ހިއްސާކޮށްފައިވަނީ މާޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި އެހެނިހެން މާލީ ތަފްސީލުތަކެވެ.

އެގޮތުން މާޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ 7.88 ބިލިއަނާއި ގާތްކުރާ އަދަދެއްކަމަށް ހާމަކޮށްފައިވާއިރު، އެ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ޖުމުލަ ހަރަދުތައް 8.94 ބިލިއަނަށް އަރާކަމަށް ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވެއެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން އާމްދަނީގެ ޖުމުލަ އަދަދުން 6.57 ބިލިއަނަކީ ޓެކްސް ފައިސާގެ ގޮތުގައި ލިބިފައިވާ އާމްދަނީކަމަށާއި ބާކީ އަކީ ހިލޭ އެހީ އަދި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ ފައިސާކަމަށެވެ. އަދި ޖުމުލަ ހޭދައިގެ ތެރެއިން 6.88 ބިލިއަނަކީ ރިކަރެންޓު ހަރަދުތައްކަމަށްވާއިރު ކެޕިޓަލް ހަރަދުތައް 2.05 ބިލިއަނަށް އަރާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް ލިބިފައިވާ ޖުމުލަ އާމްދަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހުގެ ލިބިފައިވަނީ 7.75 ބިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތަކަށް ކޮށްފައިވާ ޖުމުލަ ހަރަދަށްވުރެ މި އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ހަރަދުތައް ކުޑަކަންވެސް ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ސަރުކާރުން ހަރަދުކުރީ 10.39 ބިލިއަނާއި ގާތްކުރާ އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ޕިއެސްއައިޕީ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތުގައިކޮށްފައިވާ ހަރަދުތަކަށްވުރެ ކުޑަކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ތެރޭގައި މި މުއްދަތުގައި ހަރަދުކުރީ 2.88 ބިލިއަންކަމަށްވާއިރު މި އަހަރު ހަރަދުކުރީ 1.13 ބިލިއަނެވެ.

ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުތައް ޝާއިއުކުރެވެމުންދާ ތަރުތީބު: ފޮޓޯ/ ފައިލް ފޮޓޯ

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ހިއްސާކުރަމުން އައިސްފައިވާ މި ރިޕޯޓުތައް އާންމުކުރުން މަޑުޖެހުމަކަށް އައިސްފައިވާކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން މާޗު 21 ވަނަ ދުވަހުގެ މި ރިޕޯޓަކީ މާޗު މަހުގެ 29 ވަނަ ދުވަހު ރިވައިސްކުރުމަށްފަހު ވެބްސައިޓަށް ލާފައިވާ ރިޕޯޓެއްކަމަށްވާއިރު، ފާއިތުވެދިޔަ ތިން ހަފްތާގެ ރިޕޯޓުތައް މިވަގުތު ވެބްސައިޓުގައި އާންމުކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: