ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރު ފެބްރުއަރީ މަހުގެ ހަރަދުތައް ކުޑަ!

ފިނޭންސް މިނިސްޓަރު ޝަފީގް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ކޮށްފައިވާ ހަރަދުތައް ކުޑަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ޖުމުލަގޮތެއްގައި ހަރަދުކޮށްފައިވަނީ 5.41 ބިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް މި އަހަރު މި އަދަދުތައް ހުރީ 3.46 ބިލިއަންގައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ 1.95 ބިލިއަން ރުފިޔާ ކުޑަ އަދަދެއްކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ރިކަރެންޓް އެކްސްޕެންޑިޗާގެ ގޮތުގައި ސަރުކާރުން ހޭދަކޮށްފައިވަނި 3.45 ބިލިއަން ރުފިޔާކަމަށްވާއިރު، މި އަހަރުގެ ތަފާސް ހިސާބުތަކުގައި މި އަދަދަށް ބޮޑެތި ބަދަލުތައް އައިސްފައިވެއެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ރިކަރެންޓް ހަރަދުތައް ހުރީ 2.70 ބިލިއަންގައިކަމަށް ހިއްސާކޮށްފައިވެއެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ސަރުކާރުން ކުރާ ހޭދަވެސް މި އަހަރުގެ ތެރޭގައި ކުޑަކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރު ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 762.5 މިލިއަންކަމަށްވާއިރު، މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 38.8 އިންސައްތަ ކުޑަ އަދަދެކެވެ. މިދިޔަ އަހަރު ހަރަދުކޮށްފައިވަނީ 1965.5 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު، ސަރުކާރަށް ލިބިފައިވާ އާމްދަނީވެސް ކުޑަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި 4.41 ބިލިއަނާއި ގާތް ކުރާ އަދަދެއް ލިބުނު އިރު މި އަހަރު މި އަދަދު ވެއްޓި ލިބިފައިވަނީ 4.17 ބިލިއަންކަމަށް ހިއްސާކޮށްފައިވެއެވެ. ޓެކްސް ފައިސާއިން ލިބިފައިވާ އާމްދަނީއަށް ބަލާއިރު މި އަހަރުގެ ތެރޭގައި އިތުރުވުމެއް އައިސްފައިވާކަމަށް ފާހަގަކުރެވޭއިރު، އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީގެ އަދަދުތައް މަދުކަން ފެނިގެންދެއެވެ.

އެގޮތުން ޓެކްސް ފައިސާގެ ގޮތުގައި މި އަހަރު 3.7 ބިލިއަން ލިބުނު އިރު އެހިނެހެން ގޮތް ގޮތުން މި އަހަރު ލިބިފައިވަނީ 427.7 މިލިއަންނެވެ. މިދިޔަ އަހަރު އެހެނިހެން ގޮތް ގޮތުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 752 މިލިއަން ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު، ސަރުކާރުން ޕީއެސްއައިޕީއަށް ކޮށްފައިވާ ހަރަދުތައްވެސް ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 26 އިންސައްތައާއި ގާތް ކުރާ އަދަދެއް ކުޑައިރު، މިދިޔަ އަހަރު ހަރަދުކުރީ 1.8 ބިލިއަނާއި ގާތް ކުރާ އަދަދެއްކަަމަށާއި މި އަހަރު އެ އަދަދު ހުރީ 477.3 މިލިއަންގައިކަމަށްވެސް ހިއްސާކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ސަލާމަތީކަންކަމަށް ޕީއެސްއައިޕީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 3.6 މިލިއަންކަމަށް ފިނޭންސް އިން  ބުނެފައިވާއިރު، މި އަހަރު މި މަސައްކަތްތަކަށް މި ހިސާބަށް 7.9 މިލިއަންގެ ހޭދައެއްކޮށްފައިވެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަަރައްގީއަށް ޕީއެސްއައިޕީގެ ގޮތުގައި ހިންގާ މަޝްރޫޢުތަކަށް މި އަހަރުގެ ތެރޭގައި އެ ހިސާބަށް ހަރަދުކޮށްފައިވަނީ 9.2 މިލިއަންކަމަށްވާއިރު މިދިޔަ އަހަރުގެ ތެރޭގައި މި މަސައްކަތްތަކަށް 13 މިލިއަނަށްވުރެ އިތުރު އަދަދެއް ފެބްރުއަރީ 8 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކުރިކަމަށް ހިއްސާކޮށްފައިވެއެވެ. އެޑިއުކޭޝަން ދާއިރާގެ ތެރޭގައި ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިދިޔަ އަހަރުގެ ތެރޭގައި 50.1 މިލިއަންގެ ހަރަދެއް ކޮށްފައިވާއިރު މި އަހަރު މި އަދަދުތައް ހުރީ 34.3 މިލިއަންގައިކަމަށްވެސް ފިނޭންސްއިން ހާމަކޮށްފައިވެއެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން މި އަހަރު ފެބްރުއަރީގެ ނިޔަލަށް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ހޭދަކޮށްފައިވަނީ 5.9 މިލިއަންކަމަށެވެ. އަދި މިދިޔަ އަހަރުގެ މި ހިސާބަށް 35.7 މިލިއަންގެ ހަރަދެއްކުރިއިރު، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ބުރިޖު އެޅުމުގެ މަސައްކަތްތަކުގެ އިތުރުން މަގުހެދުމާއި ބަނދަރުތައް ހެދުމުގެ މަސައްކަތްތައްވެސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: