ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު އިގްތިސާދީ ކުރިއެރުން އަންދާޒާތަކަށް ވުރެ މަތިވާނެ: އަމީރު

ފިނޭންސް މިނިސްޓަރ އަމީރު ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށް ވުރެ މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކުން ރާއްޖެ ބަނގުރޫޓްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ނެރެފައިވާ ރިޕޯޓަށްފަހު ޓްވީޓްކުރައްވައި އަމީރުވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާފައިވާ މިންވަރު ހާމަކޮށްދީފައެވެ.

އަމީރު ވިދާޅުވީ  މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައި ކަމަށެވެ. އެހެންކަމުން މިއަހަރު ރިކޯޑް މިންވަރަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް އަމީރު ވަނީ ލަފާކޮށްފައެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ވޯލްޑް ބޭންކުން އަންދާޒާ ކުރި މިންވަރަށް ވުރެ މަތިވެފައިވާތީ ކަމަށެވެ. އަދި ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓާ ގުޅިގެން ކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި  މިވަގުތަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށް ވިނަމަވެސް ރާއްޖެއަށް އެކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވަށްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރުގައި ކުޑައެވެ.

އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން، ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން  އިތުރުވެފައި ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެ ކަމަށާއި އެ ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮވިޑް ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދަށަށް ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ވާ ގޮތުގައި ރާއްޖޭގެ އިޤުތޞާދީ ކުރިއެރުން ހުންނާނީ 6.6 އިންސައްތައިގައެވެ.

އަދި 2024 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ އިގްތިސާދު  އެވްރެޖްކޮށް ހުންނާނީ 5.6 އިންސައްތައިގައި ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިގްތިސާދަށް ހުރި ހީރާސްތައް ބޮޑުކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ ދުނިޔޭގެ އިގްތިސާދު ބަލިކަށިވެ ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ވަނީ ދަރަންޏަށް ފައިސާ ނަގައިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތްތަނުގައި ދަށަށް ދާނެ ކަމަށް ބުނެފައެވެ.

ރާއްޖޭގެ އިންފްލޭޝަން މިއަހަރު 5.7 އިންސައްތައަށް މަތިވާނެ ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. އަދި އެކަމުގެ އަސަރު ގޭބިސީތަކަށް ފޯރާ ކާބޯތަކެއްޗާއި ތެލަށް ދެމުންދާ ސަބްސިޑީއާ އެކުގައި ވެސް އަގުތައް އުފުލިގެންދާނެ ކަމަށާއި އެކަން ތަހައްމަލު ކުރާނެ މާލީ ޖާގަ ރާއްޖޭގެ އިގްތިސާދުގައި ނެތް ކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: