ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ މައިގަނޑު މަގްސަދަކީ ދިވެހި ރާއްޖޭގެ ޖުމްހުރިއްޔާ އާއި ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުން: މާރިޔާ

ސިފައިންގެ އަހަރީ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުެގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގްސަދަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ އާއި ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ 131 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މާރިޔާ ވިދާޅުވީ އަސްކަރިއްޔާ ޒާތީ ޝަހުސަށް ކިލަނބުކަމެއް އަޔަނުދީ ސަފުތައް ބަދަހިކޮށް ދަމަހައްޓައި ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތަމްރީނުވެ ތައްޔާރަށް ތިބި ބަޔަކަށް ދިވެހި ސިފައިން ވާން ޖެހޭ ކަމަށެވެ.

ސިފައިންގެ ތަރައްގީ އަށް ކުރައްވާ ކަންކަމާއި ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީގައި ބެހެއްޓުމަށް ދެއްވާ ލަފާ އާއި އިރުޝާދަށް މާރިޔާ ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސިފައިންގެ ކޯޑް އޮފް އެތިކްސްގެ މައިގަނޑު އަސާސްތަކުގައި ވަނީ އިސްލާމީ އަގީދާގައި ސާބިތުވެ ތިބުމާއި ގައުމީ ހިދުމަތުގައި ނަފްސަށްވުރެ ދިވެހި ގައުމު އިސްކުރުމާއި ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމެއް ތައާރަފްކޮށް، ޑިމޮކްރަސީގެ މަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވިފަހުން ފާއިތުވެދިޔަ ދަސް މަހަށްވުރެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައިއޮތް ދުވަސްތަކެއް ދިވެހިން ދެކެފައިނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ 4 އަހަރު މި ސަރުކާރުން ހާސިމްކުރި އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ރައްޔިތުން ދެކޭ ހަމަޖެހުމާއި އަމާންކަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ގިނަ ގޮންޖެހުންތަކާ އެކުގައިވެސް ތަރައްގީގެ ދުވެލީގައި އަސްކަރީ ދާއިރާވެސް ހިމެނޭހެން ރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ދެކެފައިނުވާ ފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މާޒީން އިބްރަތް ހާސިލްކޮށް އަދުގެ ހާލަތު ވަޒަން ކުރަމުން، ކުރިމަގަށް ކަންކަން ރޭވުމަށް މަގުދައްކާ ދަންމަރެއްގެ ގޮތުގައި ކޮންމެ އަހަރަކަށްވެސް ސިފައިންގެ ޝިޔާރެއް ކަނޑައެޅޭކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ މިއަހަރުގެ ސިފައިންގެ ޝިޔާރަކީ ސިފައިންގެ ބަދަހިކަން، ގައުމުގެ ހަމަޖެހުން ކަމަށެވެ.

އެ ޝިޔާރުން ހަނދާންކޮށްދެނީ ސިފައިންގެ މަސްއޫލިއްޔަތު ތަކާއި ވާޖިބު އެންމެ ރަނގަޅު ގޮތުގައި އަދާކުރެވޭނީ ސިފައިން ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިއަހަރު ސިފައިންގެ ތައްޔާރީ ތަކާއި ތަމްރީންތަކާއި ހަރަކާތްތަކަށް މަގުދައްކައިދޭ ވަސީލަތަކަށް މިއަހަރުގެ ޝިިޔާރު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ ދުވަހާ ގުޅިގެން މިއަދު ހެނދުނު 6 ޖެހިއިރު ކަޅުތުއްކަލާކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. އެ ރަސްމިއްޔާތުގައި މާރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހި ރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: