ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި

ދުނިޔޭގެ ޗާޓުން ރާއްޖެއާއި ޗާގޮސް އަދި މޮރިޝަސް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި އިތުރު ދެބޭފުޅުން ހިމެނޭގޮތަށެވެ. އެއީ މުހައްމަދު މުސްތާގް  އާއި ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް ޒުބައިރު އަހުމަދު މަނިކުއެވެ.

އުމަރު ނަސީރު އިސްވެ ހުންނަވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ  ޗާގޮސް އާއި ޗާގޮސް އައިލެންޑްސް އާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅިގެން  ރައީސް އިބްރާހިމް މުހައްމަދު ސާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީ އާއި ހިލާފަށް ފޮނުވި ސިޓީއެއްކަން އެނގެން އޮތް ކަމަށް ބުނެ އެ ސިޓީ ބާތިލްކޮށްދިމުނަށް އެދި ހުށަހެޅި މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަ ކުރެވޭ ނުކުތާތަކުގެ ތެރޭގައި:

  • ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރެއް ރައީސަށް ގާނޫނު އަސާސީން ދީފައިނެތުން
  • ޗާގޮސްގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުން އާއްމުންނަށް ސިއްރު ކޮށްފައިވުން
  • ރައީސް އަދި ސަރުކާރުން އަމަލުކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ގެއްލޭ ގޮތަށް ކަމށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އިހްތިރާމް ގެއްލޭ ގޮތަކަށް
  • ޗާގޮސްގެ ރަށްތަކަކީ ޖިއޮލޮޖިކަލް ގޮތުން ބަލާއިރު ރާއްޖެއަށް ނިސްބަތްވާ ތަނަަކަށް ވުމާއި، އެތަނާ އެންމެ ކައިރި ގައުމަކީ ރާއްޖެކަމާއި، ރާއްޖޭގެ ރަސްކަމުން މީގެ ކުރިން އެތަށް އަހަރެއްކުރިން ބަޔާންކޮށްފައިވުން

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވާގޮތުން މޮރިޝަސް އިން ޗާގޮސް އާއި މެދު ކުރާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ބާތިލު ދައުވާތަކެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މޮރިޝަސް ވުޖޫދަށް އައިސްފައިވަނީ ޗާގޮސް ރާއްޖެއަށް ނިސްބަތްވާކަމަށް ބަޔާންކުރިތާ އެތަކެއް އަހަރެއް ފަހުން 1968 ވަނަ އަހަރު ކަމަށް ވާތީ ކަމަށެވެ.

މޮރިޝަސްގެ ރައްޔިތުންގެ ތެރޭގައި ޗާގޯސީންނާއި ޗާގޮސްގެ މިލްކުވެރިކަމުގެ މައްޗަށް ދައުވާ ކުރެވޭނެ ބަޔަކު ނެތްކަމަށްވާތީ އާއި މޮރިޝަސްގެ ރައްޔިތުން އެއްވެސް ޒަމާނެއްގައި ޗާގޮސް އައިލެންޑްސް އަށް ގޮސް އަމިއްލަ ބިމެއްގެ ގޮތުގައި އެތަން ގެންގުޅެފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން ޗާގޮސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބިދީފިނަމަ ރާއްޖެއަށް ލިބިދީފައިވާ ބައެއް ގެއްލިދާނެ ކަމަށް އުމަރުނަސީރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. އެގޮތުން އައްޑޫ އާއި ދިމާލުން ދިވެހިންނަށް ލިބެންޖެހޭ ކަނޑުގެ ސަރަހައްދުން 47،914 އަކަ ކިލޯމީޓަރު ރާއްޖެއަށް ގެއްލި، ރާއްޖޭގެ އިގްތިސާދުގެ އެއް ލޭނާރު ކަމަށްވާ މަސްވެރިކަން ކުރުމަށް ހުރަސްއެޅި، މަސްވެރިކަން ހުއްޓި ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.

ރައީސްގެ ސިޓީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވާފައިވަނީ ސައިންޓިފިކް އެއްވެސް ދިރާސާއެއް ކުރުމެއްނެތި، ރާއްޖޭގެ މަސްލަހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކަށް ބެލުމެއްނެތި ކަމަށް ވިދާޅުވެ އެތިން ބޭފުޅުންވެސް ވިދާޅުވެފައިވަނީ އެކަމުން ރާއްޖެއަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިކަމަށެވެ.

އެހެންކަމުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުއްވަމުން އެދިފައިވަނީ ޗާގޮސްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން އެ މައްސަލައިގައި އެއްވެސް ހައިސިއްޔަތަކުން ދިވެހި ދައުލަތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ދައުލަތަށް އަންގައި ވަގުތީ އަމުރެއް ކުރުމަށެވެ. އަދި މައުޟޫއީ ގޮތުން މައްސަލަ ބަލައި ރައީސް ސާލިހް ފޮނުވި ސިޓީ ގާނޫނު އަސާސީ އާއި ހިލާފުކަމަށް ކަނޑައެޅުމާއި އެސިޓީގައިވާ ހުރިހާ މުއާމަލާތްތައް އަދި އިޖުރާއަތުތައް ބާތިލް ކަމަށް ކަނޑައަޅައިދިނުމާއި ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު އެ މައްސަލައިގައި މިހާތަނަށް ކޮށްފައިވާ މުއާމަލާތްތައް ބާތިލް ކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން އެ މައްސަލަ އަވަސްކޮށްދިނުމަށް އުމަރާއި އެކު މައްސަލަ ހުށަހެޅި ދެ ބޭފުޅުން ވެސް ވަނީ އެދިފައެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ވަނީ އިޓްލޮސްއަށްވެސް އަންގާފައެވެ.

ޗާގޮސްގެ މައްސަލައިގައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ އެ މައްސަލައިގައި  އިޓްލޮސްއިން ގޮތެއް ނިންމުމަށް ވަގުތު ކުޑަތަން ވެފައިވަނިކޮށެވެ.

ޗާގޮސްގެ މައްސަލައިގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 28 ވާ ހުކުރު ދުވަހު ރާއްޖެގަޑިން 2 ޖަހާއިރު ބައިނަލްއަގްވާމީ ކަނޑުތަކާއި ބެހޭ ކޯޓްގައެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: