ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް ހަމަލާއަށް ދެ އަހަރު: ނަޝީދުގެ ސެކިއުރިޓީ ހަރަދު ބޮޑުކަމަށް ބުނެ ޝަރީފްގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދައުލަތުގެ ބަޖެޓު ހުސްކޮށް ރައީސް ނަޝީދަށް ސެކިއުރިޓީ ދިންނަމަވެސް، އެމަނިކުފާނު ހިތްހަމަނުޖޭނެކަމަށާއި މިހާރު ވެސް ހިނގާ ހަރަދު ދައުލަތުގެ އެހެން ހުރިހާ ވެރިންނަށް ވުރެ ބޮޑުކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އައިއީޑީއެއް ގޮއްވާލައި ހަމަލާއެއް ދިން މައްސަލަގައި، އެކުލަވާލި އެސެސްމެންޓުން ދައްކާގޮތުގައި ރައީސް ނަޝީދަކީ ރިސްކް ލެވެލް މަތީ ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި އެކު، ރެކަމެންޑޭޝަންތައް އެކުލެވޭ ރިޕޯޓެއް އެކުލަވާލައި އެއަށް އަމަލު ކުރުމަށް މަޖިލީހުގެ 241 ކޮމިޓީން އެންގި އެވެ. އެކަމަކު، މިވީ މުއްދަތުގެ ތެރޭގައި އޭގެ ތެރެއިން ތަންފީޒު ކުރެވެނީ ކޮންކޮން ކަންތަކެއްކަން ސާފު ނުވާތީ އެ މައުލޫމާތު ދިނުމަށް ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައި ވެއެވެ.

ސެކިއުރިޓީއާއި ގުޅުން ހުރި ކަންބޮޑުވުންތަކާއި އެކު، ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މީހުން އަދިވެސް ހޯދިފައިނުވުމާއި ފަންޑު ކުރި މީހުންނަކީ ކޮބައިކަން ސަރުކާރުން ހޯދާފައި ނުވަނީ އޭގެ އަސްލު ފޮރުވުމަށްކަމަށް އެމަނިކުފާނާއި އަރިސް މެމްބަރުން ތުހުމަތު ކުރެ އެވެ.

މަޖިލީހުގައި ފަހަކަށް އައިސް ސަރުކާރުގެ މެމްބަރުން ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ބޮޑު ހަރަދު ކުރަންޖެހޭކަމަށް ބުނެ އެ ޝަކުވާތައް ކުރި އެވެ. އެ މެމްބަރުން ސިފަކޮށްފައި ވަނީ އެއީ ދައުލަތުގެ ބަޖެޓަށް ބުރައެއްގެ ގޮތުގަ އެވެ. އަދި އޭގެ ސަބަބުން ދިވެހި ދައުލަތުން ކުރަންޖެހޭ މުހިންމު އެހެން ހަރަދުތައް ނުކުރެވޭކަމަށް ވިދާޅުވެފައި ވެއެވެ.

އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް ދެ އަހަރުވެގެންދިޔައިރު، އިންސާފު ލިބިފައިނުވާކަން ފާހަގަކޮށް ރައީސް ނަޝީދާއި އަރިސް މެމްބަރުން ބައެއް ޓުވީޓަށް ކުރައްވާފައިވާތީ އެއަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދައުލަތުން ބޮޑު ހަރަދެއް ކުރާކަމަށެވެ. އަދި އެ ހަރަދުތަކަކީ ދައުލަތުގެ އެކި އިސް މަގާމުތަކާއި އެހެން ވެރިން އެއްކޮށްލުމުން ވެސް ހިނގާ ހަރަދަށް ވުރެ ބޮޑު ހަރަދެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ދައުލަތުން އެހާ ބޮޑެތި ހަރަދުތައް ކުރާއިރު ވެސް، ސެކިއުރިޓީއެއް ދޭކަމަށް ނުވާކަމަށެވެ. ހަމަލާގެ ތަހުގީގުތައް ކުރިޔަށް ގެންދިޔައީ ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެންކަމަށާއި، އޭގެ މައްޗަށް ބިނާކޮށް ހައްޔަރު ކުރި މީހުންގެ ޝަރީއަތތައް ކުރިޔަށްދާއިރު ވެސް އިންސާފު ލިބޭކަމަށް އެމަނިކުފާނު ގަބޫލު ނުކުރާކަމަށެވެ.

ޝަރީފް ވިދާޅުވީ ގޮތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ދައުލަތުގެ ބަޖެޓުން 52 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެހެންކަމުން، މުޅި ދައުލަތުގެ ބަޖެޓު ހުސްކޮށްލުން ވެސް އެމަނިކުފާނު ހިތްހަމަޖެހޭނެކަމަށް ގަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ހިނގާ ހަރަދު ދައުލަތުގެ ބާކީ ތިބު ހުރިހާ ވެރިންނަށް ވުރެ ބޮޑު. އެކަމަކު ސެކިއުރިޓީ ދޭކަމަށް ނުވޭ.. ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ތަހުގީގުކޮށް ތަހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ހިންގަމުން ދަނީ، އިންސާފު ލިބޭކަމަށް ނުވޭ.. ސެކިއުރިޓީއަށް 52 މިލިއަން ހަރަދުކޮށްގެން ކުރިޔަށް ގެންދާއިރު ވެސް ހިހަމަނުޖެހޭނެ މުޅި ދައުލަތުގެ ބަޖެޓު ހުސްކޮށް އެއްކޮށް ހަރަދު ކުރިޔަށް ހިތްހަމައެއްނުޖެހޭނެ..

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ދިޔަ ބިލެއްގެ ބަހުސް މަރުހަލާގައި ވެސް މެމްބަރުން ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ހަރަދު ބޮޑުކަމަށް ބުނެ އެ މައުޟޫއު ނެންގެވި އެވެ. އޭގެ ސަބަބުން ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި ބޮމެއް ގޮއްވާލައި ދިން ހަމަލާ ތަކުރާރުވުމަށް ބޭނުންވާ ބަޔަކު އެބަތިބިކަމަށް ބުނެ ވާހަކަ ދައްކަވާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން 241 ކޮމިޓީގެ ލަފާގައި ވެއެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގަށް ހާމަވީގޮތުން މޭއި ހައެއްގެ ކުރިން ވެސް އެކި ފަހަރު މަތީން އައިއީޑީއެއް ގޮއްވާލުމަށް ބަޔަކު މަސައްކަތްކޮށްފައި ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މީގެއިތުރުން ހަމަލާގައި އިސްކޮށް އުޅުނުކަމަށް ބުނާ ބައެއް މީހުންނަށް ޖަލުން މައާފު ލިބުނު ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އަދި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލާފައިވާތީ އެކަން މީޑިއާތަކުން ވެސް ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: