ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޑިފެންސް ގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ރީޖަނަލް އޮފީސް ކަމުގައިވާ ކޯރޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކް ގުޅިގެން ” ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް” ގެ ނަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިޔަށް ގެންދިޔަ  ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ގޮތުން މި ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޑާސާގެ އިސްނެގުމުގެ މަތިން ބައިނަލް އަޤްވާމީ ވައިގެ ދަތުރުފަތުރުގެ މައި ޖަމިއްޔާ ކަމުގައިވާ އައިކާއޯ ގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހާއި ގުޅިގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. 05 ދުވަހުގެ މުއްދަތަށް ޖުމްލަ 20 ބައިވެރިންނާއިއެކު ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރު ގެ އިތުރުން ދިވެހިރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ބައިވެރި ވެފައިވެއެވެ. އަދި މިޕްރޮގްރާމްގައި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓް ކުރާ ހުރިހާ ކުންފުނި ތަކަކުން ބައިވެރި ވެފައިވާ ކަން ފާހަގަ ކުރަމެވެ.

މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތްތެރިކަމާއެކު ހިންގުމަށްޓަކައި ކަނޑައެޅޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ  މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުވެ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކަކީ، އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފުރިހަމަ މިންގަނޑުތަކެއް ހިފަހައްޓާ، އަދި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ވައިގެ ބަނދަރުތަކަކަށް ވެގެން ދާނެއެވެ.

މިޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ބައިވެރިން ތަމްސީލް ކުރާ ޤައުމުތަކުގައި އެވިއޭޝަން ސެކިޔުރިޓީ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ  މުވައްޒަފުންގެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތްތަކާއި، އެ ޤައުމުތަކުގެ ތަޖްރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބައިވެރިންނަށް ދަސްވެގެންދާނެ ގޮތަށެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގެ ފަންނީ ތަޖްރިބާކާރު މުދައްރިބުންނެވެ. ދިވެހި ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި އިދާރާތަކާއި އެއަރޕޯޓް އޮޕަރޭޓް ކުރާފަރާތްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަ ޚަރަދަކުން ބައިނަލް އަޤްވާމީ ފެންވަރަށް ތަމްރީން ކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.

ދިވެހި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ތާރީޚަށް ބަލާލާއިރު 1982 ނޮވެމްބަރ 10 އިން ފެށިގެން 2013 ސެޕްޓެމްބަރ 18 ވަނަ ދުވަހާއި ހަމައަށް އޭވިއޭޝަން ސެކިޔުރިޓީ ރެގިޔުލޭޓަރީ ޒިންމާ އަދާ ކުރަމުން ގެންގޮސްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ ގެ ބެއްލެވުމުގެ ދަށުންނެވެ. އެއަށްފަހު 2013 ސެޕްޓެމްބަރ 19 ވަނަ ދުވަހުން ފެށިގެން 2016 ފެބުރުއަރީ 07 ވަނަ ދުވަހާއި ހަމައަށް މި ޒިންމާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް އިން އަދާކުރަމުން ގެންގޮސްފައިވެއެވެ.  މިނިސްޓްރީ އޮފް ޑިފެންސް ގެ ޑިވިޜަން އެއްގެ ގޮތުގައި ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)  ހިންގަން ފެށިފައިވަނީ 2016 ފެބުރުއަރީ 07 ވަނަ ދުވަހުން ފެށިގެންނެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އަކީ، ޤާނޫނާ ޚިލާފަށް ހިންގޭ އަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިދާނެ ބުރުލަކުން އެ ސިނާޢަތު ރައްކާތެރި ކުރުމަށްޓަކައި އަމަލުކުރާނެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މިކަންކަމާއި ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރު ކުރުމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި އެންމެހައި ކަންކަމުގައި އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) އާއި ދިވެހި ދައުލަތް ތަމްސީލް ކުރުމުގެ ޒިންމާ އަދާކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްގައި ޤާއިމު ކޮށްފައިވާ ޑިވިޒަނެކެވެ.

މަދަނި ވައިގެ ދަތުރުފަތުރުގެ އޭވިއޭޝަން ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެކުވެރި ދައުލަތްތަކާއިއެކު ގުޅުންބަދަހިކޮށް މި ޚިދުމަތަށް ބޭނުންވާ އާލާތްތަކާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ މިނިސްޓަރ އޮފް ޑިފެންސް އިން ނުހަނު ބާރުއަޅާކަމެކެވެ. މި ގޮތުން ވައިގެ ދަތުރުފަތުރާއި ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އައިކާއޯ އާއި ދުނިޔޭގެ ބޮޑެތި ޤައުމުތައް ކަމުގައިވާ އެމެރިކާ، އިނގިރޭސި ވިލާތް އަދި ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރާ ޤައުމުތަކުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ ތަކާއިއެކު ދިވެހިރާއްޖެއިން ގާތް ގުޅުންތަކެއް ޤާއިމުކޮށްފައިވެއެވެ.

މިގޮތުން އެމެރިކާގެ ރެގިޔުލޭޓަރީ އޮތޮރިޓީ ކަމުގައިވާ ޓްރާންސްޕޯޓް ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން ގެ އެހީތެރިކަމާއިއެކު އެއަރޕޯޓްތަކުގެ އެވިއޭޝަން ސެކިޔުރިޓީ ކަންކަން ތަރައްގީ ކުރުމަށް ބޭނުންވާ ލަފާ އަދި ތަޖްރިބާ ހިއްސާ ކުރުމުގެ ގޮތުން ގުޅުން ގާއިމު ކުރެވި ޕްރޮގްރާމްތަކެއް ހިންގިފައިވެއެވެ. އަދި ޔުނައިޓަޑް ކިންގްޑޮމްގެ ޑިޕާރޓްމަންޓް ފޮރ ޓްރާންސްޕޯރޓޭޝަން ގެ އެހީގެ ދަށުން އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން 10 މެޝިން ހަދިޔާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް އާއި އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ބޭނުން ކުރަމުންދެއެވެ. މީގެ އިތުރުން ޑާސާގެ މަސައްކަތާއި ގުޅުންހުރި ފަންނީ ލަފާ ދިނުމާއި ޑާސާ އަދި އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ޓެކްނިކަލް މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދެމުންދެއެވެ. ވޭތުވެދިޔަ 04 އަހަރު ތެރޭ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް އަމާޒްކޮށް 04 ތަމްރީން ޕްރޮގްރާމެއް ހިންގާ 220 މުވައްޒަފުން ތަމްރީން ކުރެވިފައިވެއެވެ. އަދި ޑާސާގެ 04 ޓެކްނިކަލް މުވައްޒަފުންނަށް ޔޫ.ކޭ ގައި “ނެޝަނަލް އިންސްޕެކްޓަރ ކޯސް” ފުރިހަމަ ކުރުމުގެ ފުރުސަތާއިއެކު  ޔޫ.ކޭގެ އެއަރޕޯޓް ތަކުގައި އޭވިއޭޝަން ސެކިޔުރިޓީ މަސަކަތްތައް ކުރާގޮތް ދެނެގަތުމަށް ފެމިލިއަރައިޒޭޝަން ސެޝަންއެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީފައިވެއެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުގެ ބަޖެޓުންވެސް ބޮޑެތި ޚަރަދު ތަކެއް ކޮންމެ އަހަރެއްގައި ކުރަމުން ގެންދެއެވެ. މި ގޮތުން ބައިނަލް އަޤްވަމީ ޖަމިއްޔާތަކުން ހިންގާ ހަރަކާތް ތަކުގައި ބައިވެރިވުމަށާއި އެ ޖަމިއްޔާތަކުގެ މެމްބަރޝިޕް ދެމެހެއްޓުމަށް ކޮންމެ އަހަރަކު ޗަންދާ ދައްކަމުންދާކަން ވެސް ފާހަގަ ކުރަމެވެ. އަދި މިގޮތުން ކުރެވޭ ހޭދައިގެ ނަތީޖާ އެއްގެ ގޮތުން ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ ސިނާއަތަށް ބޭނުންވާ އާލަތްތައް ފޯރޮކޮށް ދިނުމާއިއެކު އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް މި ފަރާތްތަކުން ފާއިތުވި އަހަރު ތަކުގައި ގިނަގުނަ އެހީތެރިކަން ފޯރުކޮށް ދެއްވަފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ.

މިފަދަ ރިޕޯރޓެއްގައި ފާއިތުވި 04 އަހަރު ޑާސާ އިން ކޮށްފައިވާ ބައެއް މަސައްކަތްތަކާއި ތަފާސް ހިސާބުތަކަށް ބަލާލުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.

  • މިއަދު މި ނިމިގެންދިޔަ ޕްރޮގްރާމްގެ އިތުރުން ޑާސާ، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، އެއަރލައިން އަދި އެއަރޕޯޓް އޮޕަރޭޓަރުންގެ ތެރެއިން އޭވިއޭޝަން ސެކިޔުރިޓީ ދާއިރާގައި ހަރާކާތްތެރިވާ މީހުންގެ ޤާބިލްކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރެއިނިންގ ސެންޓަރތައް މެދުވެރިކޮށް ފާއިތުވި 04 އަހަރު ގިނަ ޕްރޮގްރާމްތަކެއް ހިންގައި 100 އަށްވުރެގިނަ މުވައްޒަފުން ތަމްރީން ކުރެވިފައިވެއެވެ.
  • އޭވިއޭޝަން ސެކިޔުރިޓީ ޚިދުމަތުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅޭ ބިލެއް ޑްރާފްޓް ކޮށް ފުރަތަމަ ފަހަރަށް އެޓާރނީ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
  • އެއަރޕޯރޓް ތަކުގައި އޭވިއޭޝަން ސެކިޔުރިޓީ ކަންކަން ތަންފީޒް ކުރެވުންދާ މިންވަރު ބެލުމަށްޓަކައި ކޮލިޓީ ކޮންޓްރޯލް ހަރަކާތްތައް ކުރިޔަށް ގެންދިޔުމަކީ ޑާސާގެ މައްޗަށް ލާޒިމް ކަމަކަށް ވާތީ، އެނުއަލް ކޮލިޓީ ކޮންޓްރޯލް ކަލަންޑަރު ތައްޔާރު ކުރެވި އެއަރޕޯޓް ތަކުގައި އޭވިއޭޝަން ސެކިޔުރިޓީ އޮޑިޓް، އިންސްޕެކްޝަން އަދި ޓެސްޓް ތައް ކުރިޔަށް ގެންދެވިފައިވެއެވެ.
  • އެއަރޕޯޓްތައް ތަރައްގީ ކުރާ ނުވަތަ ހިންގާ ފަރާތްތަކުން އެއަރޕޯޓް ތަކުގައި އަލަށް ތައާރަފް ކުރާ ޚިދުމަތްތަށް ދިނުމަށް ބޭނުންވާ އޭވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި ހުއްދަތައް ދެވިފައިވެއެވެ.
  • ރާއްޖޭގައި އޮޕަރޭޓްކުރާ މަދަނީ ވައިގެ ބަނދަރުތަކުގެ އެއަރޕޯޓް އޮޕަރޭޓަރ ސެކިޔުރިޓީ ޕްރޮގްރާމްތައް ރިވިއުކޮށް ހުއްދަ ދެވުނު.
  • ދިވެހިރާއްޖެއަށް ދަތުރުކުރާ އެއަރލައިން ތަކުގެ އެއަރލައިން އޮޕަރޭޓަރ ސެކިޔުރީޓީ ޕްރޮގްރާމް އާއި އެއަރލައިން ތަކަށް ކޭޓަރިންގ ޚިދުމަތް ދޭ ކުންފުނީގެ ސެކިއުރިޓީ ޕްރޮގްރާމް ވަޒަންކޮށް، އެޕްރޫވް ކުރެވިފައިވެއެވެ.
  • އޭވިއޭޝަން ސެކިޔުރިޓީ މަސައްކަތުގައި އެއަރޕޯޓް ތަކުގައި ބޭނުންކުރާ އިކްއިޕްމަންޓް ތަކުގައި ފުރިހަމަ ވާންޖެހޭ ސްޓެންޑަރޑް ތައް ބަޔާންކޮށް، “މޯލްޑިވްސް އޭވިއޭޝަން ސެކިޔުރިޓީ ސްކްރީނިންގ ޓެކްނޯލޮޖީ ލިސްޓް” އެއް 2020 ވަނަ އަހަރު އެކުލަވާލެވި އާއްމު ކުރެވިފައިވެއެވެ. މިކަމަކީ ރާއްޖޭގެ އެއަރޕޯޓް އޮޕަރޭޓް ކުރާ ފަރާތްތަކުން ފެންވަރު ރަނގަޅު މެޝިންތައް ބައްލަވައި ގަތުމުގައި ފަސޭހަކަން ލިބިދިން ކަމެއްގެ ގޮތުގައި ބަލައިގަނެވިފައި ވެއެވެ. އަދި ރާއްޖޭގެ އެއަރޕޯޓް ތަކުގައި އޭވިއޭޝަން ސެކިޔުރިޓީ މަސައްކަތުގައި ބޭނުންކުރާ މެޝިންތަކަކީ ދެންނެވުނު ލިސްޓްގައި ހިމެނޭ މިންގަނޑުތަކުގެ ތަކެއްޗަށް 2023 ޑިސެމްބަރ މަހުގެ ނިޔަލަށް ހެދުމަށް އަންގާ، އެއަރޕޯޓްތަކުގެ އިކްއިޕްމަންޓް ފޭސް އައުޓް ޕްލޭނެއް ތައްޔާރު ކުރެވި އެ ލަނޑު ދަނޑި ހާސިލް ކުރުމަށް އެއަރޕޯޓް އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރެވެމުންދެއެވެ.

އެމްއެންޑީއެފުން ވަނީ އެ ވުޒާރާގެ އެންމެހައި މަސައްކަތްތައް ބަލައި ދެއްވާ އަހައްމިއްޔަތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: