ދޮގުވާހަކަ ފަތުރާ މީހާ އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ތެދުބުނުމުގެ ސަބަބުން ސުވަރުގެއަށް މަގުފަހިވާކަން ތަފްސީލުކޮށްދެއްވާ މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ބަސްމޮށުންތެރިކަމަކީ ﷲ އިންސާނާއަށް ދެއްވި ވަރަށް ބޮޑު ނިއުމަތެއްކަމަށާއި، ނަމަވެސް އެއީ ދެމިޔަ ލީ ކަނޑިއެއްފަދަ ހަތިޔާރެއްކަމަށެވެ. އަދި ނަސޭހަތްތެރިވެފައިވަނީ ﷲ ދެއްވި ކޮންމެ ނިއުމަތެއްވެސް ތިމާއަށާއިި، މުޖުމައުއަށް ފައިދާ ލިބެނިވި ގޮތަށް ބޭނުންކުރުމަށެވެ.
އިންސަނުންނަށް އެމީހުންގެ ހަޔާތް ބިނާކުރުމަށް އަންގަވާފައިވަނީ ހައްގުގެ މަތީގައިކަމަށް ހުތުބާގައި ފާހަގަކޮށްފައިވާރު، ހައްގުނޫން ބަހެއް ނުބުނުމަށާއި، ހައްގުނޫންކަމެއް ނުކުރުމަށް މާތްﷲ އިންސާނުންނަށް އަންގަވާފައިވާކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
އިސްލާމީ މުޖުތަމައުއެއް ބިނާކުރެވެންވާނީ ތެދުގެ މަތީގައިކަމަށާއި، ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަލަ ފެތުރުމުން އެއްކިބާވެގަތުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އިސްލާމްދީން ހައްގަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން، އެ ދީން ދޮގުވެރިންނާއި ދެކޮޅަށް ހަނގުރާމަކުރާކަމަށާއި، ދޮގުވެރިކަމަކީ ދޮގު ހަދާ މީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އެއީ ނުބައި ކަންތައްތަކަށް މީހާ ހުށައެޅޭކަމެއް، ނުބައި ބައެއް ސިފަތަކަކީ ފަރުވާދެވިދާނެ ސިފަތައް. ނަމަވެސް ދޮގުހެދުމާއި، އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް.
ހުތުބާގައި ބުނެފައިވެއެވެ.
ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެކަމަށާއި، ހަދައިގެން ދޮގު ހަބަރު ފަތުރާ ނޫސްވެރިޔާއާއި، ދޮގުވާހަކަ ޓުވީޓުކުރާ މީހާއާއި، އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކައި ވާހަކަތައް ހަދަހަދައިގެން ގަތުރާ މީހާއާއި، އަމިއްލަ މަގުސަދަށްޓަކައި މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާއާއި މީހާއާއި ދޭތެރެ ޖައްސާ މީހާ އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމްދީނާއި ބެހޭގޮތުން ދޮގުހެދުމަކީ އެންމެ ބޮޑު މުންކަރާތްތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަގީގަތާއި ހިލާފު ވާހަކަ ދެއްކުމަކީ ބިރުވެރިކަމެއްކަމަށެވެ.
ދީނުގެ ނަމުގައި ވާހަކަދައްކާ މީހުން ތެދުބުނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ.
ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ އިސްލާމްދީން މައިންބަފައިންނަށާއި މުދައްރިސުންނަށާއި، މުރައްބީންނަށް ގޮވާލަނީ ތެދުބުނުމުގެ މަތިވެރި އާދަ ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށްކަމަށެވެ. މި މަތިވެރި ސުލޫކުގެ މަތީގައި އެކުދިން ބޮޑުކުރުވުމަށްކަމަށާއި، ތެދުބުނުމަށް އާދަކޮށްދީ އެކަމަށް ހޭނުވުމަށްކަމަށެވެ.

