ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނެޑާއިން ޓައިޓަން ސަބު ގެއްލެންދިމާވި މައްސަލަ ބަލަން ފައްޓައިފި

ގެއްލުނު ސަބްމާސިބަލް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މުއްސަނދިންތަކެއް ގޮވައިގެން މަޝްހޫރު ޓައިޓެނިކް ބޯޓު ކައިރިއަށް ދިއުމަށް މަސައްކަތްކުރުމުގެ ތެރެއިން ވީނުވީ ނޭނގި ގެއްލުނު ސަބްމާސިބަލްއަށް ކުރިމަތިވި ހާދިސާ ތަހުގީގު ކުރުމަށް ނިންމާފައިވާކަން ކެނެޑާއިން ހާމަކޮށްފިއެވެ.

ކަނޑު އަޑީގެ ޕްރެޝަރަށް ކެއްނުވުމުގެ ސަބަބުން، އެ ސަބްމާސިބަލް ޗަސްވެ ފުނޑިގެންދިޔަކަމަށް ހޯދުންތަކުން އެނގިފައިވާއިރު، ކެނަޑާގެ ސޭފްޓީ އޮފިޝަލުންވަނީ އެ ހާލަތު މެދުވެރިވި ސަބަބުތައް ދެނެގަތުމުގެ މަސައްކަތްތައް ފައްޓާފައިވާކަން ހާމަކޮށްފައެވެ. މި ހާދިސާގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ކެނަޑާއިންވަނީ ހާދިސާ ދިމާވިކަމަށް ގަބޫލުކުރެވޭ ސަރަހައްދާއި ގާތަށް ސޭފްޓީ އޮފިޝަލުން ފޮނުވައި ދިރާސާތައް ކުރަން ފަށާފައެވެ. އެގޮތުން މީހުންނާއި އިންޓަރވިއު ކުރުން ފަދަ މަސައްކަތްތައް ކުރެވެމުންދާއިރު، މިއީ ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މިފަދަ މަސައްކަތެއްގެ ތެރެއިން މީހުން މަރުވުމަށް ދިމާވި ފުރަތަމަ ހާދިސާކަން ފާހަގަކުރެވެއެވެ.

މި ހާދިސާގައި ޖުމުލަ ފަސް މީހަކުގެ ފުރާނަ ގެއްލިގޮސްފައިވާއިރު، ހަތަރު މީހުންނަކީ ފަސިންޖަރުންގެ ގޮތުގައި ތިބި މީހުންނެވެ. މި ދަތުރުގައި ސަބްމާސިބަލްގެ ކުންފުނީގެ ސީއީއޯ ސްޓޮކްޓަން ރަޝް ބައިވެރިވެފައިވެއެވެ. މަރުވި ފަސިންޖަރުންގެ ތެރޭގައި އިނގިރޭސި ބިލިއަނަރު ހޭމިޝް ހާޑިންގް ހިމެނޭއިރު، ފަރަންސޭސި އޯޝަނޮގްރަފަރަކާއި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއްކަމަށްވާ ޝަހްޒާދާ ދާވޫދް އަދި އޭނާގެ ދަރިފުޅުވެސް ހިމެނެއެވެ.

ކަމާއި ބެހޭ މާހިރުންނާއި ދާއިރާގެ ފުންނާބު އުސް ފަރާތްތައް އަދި މިފަދަ ދަތުރުތައް ކޮށްފައިވާ ފަރާތްތަކުންވަނީ ގެއްލުނު ސަބްމާސިބަލްގެ ސަލާމަތީ ކަންކަން ހުރި ގޮތް ފާހަގަކޮށްފައެވެ. އެގޮތުން ދާއިރާގެ ތެރެއިން ލިބެންޖެހޭ ސެޓިފިކެޓުތައް ނެތުން ފަދަ މައްސަލަތައް ހުރި އިރު، ޓައިޓަން ކުންފުނީގެ ފަރާތުން ކަނޑު މަތީގެ މަސައްކަތްތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި މުއައްޒިފަކުވަނީ އޭނާ ކުންފުންޏާއި ދެކޮޅަށް އުފުލި ދައުވާއެއްގައިވެސް އެ ވާހަކަތައް ފާހަގަކޮށްފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން، މިފަދަ ހާދިސާއެއް ދިމާވުމަށް މެދުވެރިވި އެއް ސަބަބަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ގާނޫނީ އޮނިޑަނޑެއް ފުރިހަމަކުރެވިފައިނުވުމެވެ. އެހެންކަމުން އޯޝަންގޭޓު ފަދަ ކުންފުނިތަކަށް އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅުމަށް ފުރުސަތު ފަހިވެގެންދާކަމަށާއި، ސަލާމަތީ ކަންކަން ބެލެހެއްޓިފައިވާކަން އަދި އެފަދަ ދަތުރެއް ކުރުމަށް އެކަށީގެންވޭތޯ ބެލުންފަދަ ކަންކަން ކުރެވިގެން ނުދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ދެކެވެމުންދާ ވާހަކަތަކާއިމެދު އޯޝަންގޭޓު ކުންފުނިން މިހާތަނަށް އެއްވެސް ކޮމެންޓެއްކޮށްފައިނުވެއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްގައި ޝާއިއުކޮށްފައިވާގޮތުން، އެ ގައުމުގެ ކަނޑުމަތީގެ އަސްކަރިއްޔާއަށް އާދިތައް ދުވަހު، އިމްޕްލޯޝަންއެއް ހިނގިކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން އެ ގައުމުގެ އަސްކަރިއްޔާއިން ކުރި ދިރާސާއެއްގެ ތެރެއިން އެފަދަ އަޑަކާއި އެއްގޮތް އަޑެއް ފާހަގަކުރެވިގެންދިޔަކަމަށާއި އެ އަޑު ފާހަގަކުރެވިގެންދިޔައީ ސަބްމާސިބަލް ގެއްލުނުކަމަށް ލަފާކުރާ ސަރަހައްދުންކަމަށްވެސް ބުނެފައިވެއެވެ.

ފަސް މީހަކު މަރުވި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ބައެއް ފަރާތްތަކުންދަނީ އެ އުޅަނދުގައި ޖީޕީއެސްއެއް ހުރިކަމާއިމެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން މިޔަރެއް އޮތް ތަން ސާފުކޮށް ދެނެގަތުމުގެ ގާބިލުކަން ހުރި ގީޕީއެސްގެ ޒަމާނެއްގައި އެ އުޅަނދު ސީދާ ގެއްލުނުތަނެއް ނުވަތަ އޮތްތަނެއްވެސް ހޯދިފައިނުވާކަމާއިމެދު ގިނަ އަދަދެއްގެ މީހުންވަނީ ސުވާލު އުފައްދާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޖީޕީއެސް އޭހާ ފުނުގަ މަސައްކަތެއް ނުކުރާނެ .. މިޔަރުވެސް ނުދެވޭ ހާ ފުން އެއީ .. ހަބަރު ލިޔާއިރު މައުލޫމާތު އިގިގެން ލިޔުއްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: