ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ނަމުގައި ސަރުކާރުން އުޅެނީ ރައީސް ޔާމީނާއި އަޅައިގަނެ ”ނެއްޓެން ނޭނގިގެން“: އަމްރު

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު/ ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަމުގައި ސަރުކާރުން އުޅެނީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުން ނެއްޓެން ނޭނގިގެންކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް، ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އާ އިދިކޮޅު ކޮންގްރެސް ކޯލިޝަން ދެމެދު ރަސްމީ މަޝްވަރާތައް ވަނީ ފެށިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭކަމަށް ދެ ފަރާތަށް ވެސް އެއްބަސްވާކަމަށް ބުނެ ކުރިޔަށް ދާ މަޝްވަރާތަކުގެ ތެރެއިން ވެސް ހިޔާލުތަފާތުވުންތައް ވަނީ ފެންމަތިވެފަ އެވެ. މަސައްކަތްތައް ކުރިޔަށްދާއިރު، ޑިމޮކްރެޓްސް ވަނީ ދޫދޭން ޖެހޭ ކަންތަކުގައި ދޫދޭނެކަމަށް ބުނެފަ އެވެ.

ބައްދަލުވުންތަކަށް ފަހު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިން ވަނީ ހިޔާލު ތަފާތު ވިސްނުންތަކާއި އެކު ކުރިޔަށްދާއިރު އެއްބަޔަކު ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ދޭނެ އެއްބާރުލުން ނުވަތަ ތާއީދާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ރައީސް ޔާމީނަށް އެކަނި އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާ ކުރާތީ މީގެ ކުރިން ވެސް ޑިމޮކްރެޓް މެމްބަރުން އެ ވާހަކަ ދެއްކެވި އެވެ. އަދި ތުހުމަތުވާ އެތައް ބައެއް ނަން އޮތް ލިސްޓެއްގެ ތެރެއިން ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ކުރިޔަށް ގެންދިއުމަކީ އިންސާފު ނޫންކަމަށް މެމްބަރުން ވިދާޅުވި އެވެ.

ސިލްސިލާކޮށް ބާއްވާ މަޝްވަރާތަކަށް ފަހު، ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ސުވާލު ކުރީ ހިޔާނާތުގެ މައްސަލައިގައި މީގެ ކުރިން ޑިމޮކްރެޓް މެމްބަރުން ދެމެދުން އައި ގޮތް ބަދަލުވެފައި ވޭތޯ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެއްވެސް ހަރަކާތެއްގެ ތެރެއިން ފެނިދާނެ ތޯ ވެސް ސުވާލު ކުރި އެވެ. ޖަވާބުގައި އަމްރު ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް، އެމްއެމްޕީއާރުސީ ހިޔާނާތާ ނުބައްދަލު ކަމަށެވެ. އަމްރު ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދައި ވެސް އެތައް ފައިސާއެއް އަމިއްލަ މަންފާއަށް ނަންގަވަމުން ގެންދާކަމުގެ ތުހުމަތު ކުރެއްވި އެވެ.

އަމްރު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ވާހަކަ ދައްކާއިރު، ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީ އެއީ އެންމެ މީހަކު ކުރިމެއްތޯ އެވެ. އަދި އެސްޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ލިސްޓުގައި ހިޔާނާތުގައި ބައިވެރިވި މީހުންނާއި، ހިޔާނާތުގެ ފައިސާ ލިބި އެކަމުގެ މަންފާ ނެގި މީހުންނާއި، އަދި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ މީހުން ވެސް ސާފުކޮށް އެނގެން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރާއި ގާތް މީހުންނަށް ދައުވާ ނުކުރުމަށް ނިންމުމާއި، ސަރުކާރަށް ތާއީދު ކުރުމަށް ނިންމައިފި ނަމަ އެ މީހެއްގެ ނަންތައް އަނބުރާ ގެންދިއުން ފަދަ ޑީލްތައް ހިނގަމުން ދާކަމުގެ ތުހުމަތުތައް ކުރައްވައި އަމްރު ވިދާޅުވީ ހުރިހާ މައްސަލައެއް އެންމެ ފަހުން އައި ޖެހެނީ ރައީސް ޔާމީނަށް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އިންސާފުކަމަށް ގަބޫލު ނުކުރާކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަވަނީ ފަޓާސް ބަރިއެއްހެންކަމަށް އަމްރު ސިފަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނޭ، ރިޔާސީ އިންތިހާބެއް އައިސް ޖެހިފައި މިއޮތީ، އެމްއެމްޕީއާރުސީއޭ ތިޔަ ވިދާޅުވަނީ 2015، 16 ހިސާބުގެ ވާހަކަ. އެކަމަކު 2023 ވަނަ އަހަރުގެ ޖުލައި މަސް އައިރު އިންތިހާބެއް މިއޮތީ، އިންތިހާބަށް ކެނޑިޑޭޓަކު އެހެރީ ނެރެފަ. ހުއްޓާ މަތި މައްޗަށް ތައާވަލުކޮށްގެން ރާސްލާފަ ފަޓާސް ބަރިއެހެން އެހެރަ ގެންދަނީ.

ރައީސް ޔާމީންގެ މައްޗަށް ހިންގަނީ ސިޔާސީ ޝަރއަތެއްކަން ދިވެހިރާއްޖޭގެ ކުދި ބޮޑު އެންމެންނަށް އެނގޭކަމަށާއި، އަދި ސަރުކާރު އުޅެނީ ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެވޭނެ ގޮތެއް ހޯދުމަށްކަމަށް ރައްޔިތުންނަށް އެނގޭކަމަށް އަމްރު ވިދާޅުވިއެވެ.

އެއާއިއެކު ނޫސްވެރިޔާ ވަނީ ރައީސް ޔާމީނަށް ކުރެއްވި ތުހުމަތުތައް އަނބުރާ ގެންދެވީތޯ ސުވާލުކޮށްފައެވެ. ނަމަވެސް ސީދާ ޖަވާބެއް ނުދެއްވާ އަމްރު ވިދާޅުވީ ތުހުމަތުކުރީ އެބޭފުޅުން ނޫންކަމަށާއި، ބޮޑު ސަރުކާރަކަށް ވެސް މިހުރިހާ ތުހުމަތެއް އަމާޒުވާކަމަށެވެ. ނަމަވެސް މައްސަލަ ނުބަލާކަމަށް ވިދާޅުވިއެވެ. ތަކުރާރުކޮށް އަމްރު ވިދާޅުވީ ސަރުކާރުން އުޅެނީ ރައީސް ޔާމީން އާއި “އަޅައިގަނެގެން ނެއްޓެން ނޭނގިގެން” ކަމަށެވެ. އަދި މައްސަލަތައް ބަލަނީ އުސޫލުތަކުގެ ތެރެއިން ނޫންކަމަށް އަމްރު ވިދާޅުވިއެވެ. މިގޮތަށް ކަންކުރައްވަނީ ނަމަ ގެއަށް ވަޑައިގެންނެވުމަށް އަމްރު ގޮވާލި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރިކަމަށް ބުނާ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ. ނަމަވެސް މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ މިހާރު ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންކަމުން މިވަގުތު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީންއަށް އޮތް ފުރުސަތު ވަރަށް ހަނިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: