ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެދަލެންޑްސްގެ ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ސަރުކާރު ވެއްޓިއްޖެ

ޑަޗު ބޮޑުވަޒީރު މާކު ރުޓް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެދަލޭންޑްސްގެ އިމިގްރޭޝަން މައްސަލަތަކަށް ހައްލު ގެނައުމުގުގައި ކޯލިޝަން ޕާޓުނަރުންގެ ތެރޭގައި އެއްބަސްވުމެއް ގާއިމުކުރުމަށް ނާކާމިޔާބުވެ އެ ގައުމުގެ ސަރުކާރު ރޫޅިއްޖެއެވެ.

ހަތަރު ޕާޓީއެއް ގުޅިގެން އެކުލެވިފައިވާ ނެދަލެންޑްސްގެ ސަރުކާރު ރޫޅިފައިވާކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ބޮޑުވަޒީރެވެ. މާކް ރުޓް ވަނީ އޭނާ އިސްތިއުފާ ދެއްވާނެކަން އަދި އެ ގައުމުގެ ރަސްކަމުގައި ހުންނަވާ ފަރާތާއި އެ ސިޓީ ހަވާލުކުރައްވާނެކަން މީޑިއާތަކާއި ހިއްސާކޮށްފައެވެ. މިކަމުގެ ސަބަބުން އެ ގައުމުގައި އިންތިހާބެއް ބާއްވާނެއެވެ.

2010 ވަނަ އަހަރުން ފެށިގެން ބާރުވެރިކަމުގައި ހުންނަވާފައިވާ މާކު ރުޓް އަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ ދުވަހު މަގާމުގައި ހުންނަވާފައިވާ ލީޑަރެވެ. އޭނާ ހިއްސާކުރައްވާފައިވާގޮތުން، އެ ގައުމުގެ ސަރުކާރު ރޫޅެން ދިމާވީ، އެ ގައުމުގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތައް ގެނައުމާއި ގުޅޭގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އަދި ޕާޓުނަރުންގެ ދެމެދު އެ ހިޔާލުތަފާތުވުންތައް ހުރިކަމަކީ ސިއްރެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ކޯލިޝަން ޕާޓުނަރުންގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދުނީ އެ ގައުމުގައި ހިމާޔަތް ހޯދުމަށް ހިޖުރަ ކުރާ މީހުންނަށް ވަދެވޭ މިންވަރުތައް ދަށް ކުރުމަށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ. ރުޓްވަނީ އޭނާގެ ޕާޓުނަރުންގެ ސިޔާސީ އަސާސްތައް ގެއްލިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ރޫޅިދިއުމަކީ ހިތާމަވެރިކަމެއް ނަމަވެސް އެއީ ބަދަލުކުރެވެން ނެތް ސިޔާސީ ހަގީގަތްކަމަށްވެސް ބުނެފައިވެއެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނެނީ، ރުޓް ނިސްބަތްވާ ޕާޓީ އާއި ލިބަރަލް ޕާޓީއެއްގެ އިތުރުން ސެންޓްރިސްޓް ކްރިސްޓިއަން ޕާޓީއަކާއި ކޮންޒަވޭޓިވް ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީއެކެވެ. ރުޓްގެ ޕާޓީއިން ހުށައެޅީ ހަނގުރާމަވެރި ސަރަހައްދުތަކުން އެ ގައުމަށް ހިޖުރަކުރެވޭ އުސޫލަށް ބަދަލުތައް ގެނައުމަށެވެ. އެގޮތުން އެ ފަދަ ތަންތަނުން އައިސް އެ ގައުމުގައި ތިބި ކުދިންގެ އާއިލާތަކަށް އެކުދިންނާއި އެ ގައުމުން ބައްދަލުވުމުގެ ކުރިން ދެ އަހަރު މަޑުކުރުވަން އޭނާގެ ޕާޓީއިން ހުށައެޅިއިރު، ދެ ޕާޓުނަރަކުވަނީ އެ ހުށައެޅުމަށް އިންކާރުކޮށްފައެވެ.

އެ ގައުމުގެ ލިބަރަލް ޕާޓީއަށް ނިސްބަތްވާ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާގޮތުން، ނެދަލެންޑްސްއަކީ ތަފާތުތައް ނައްތާލުމުގެ އާދަކާދައެއް އޮންނަ ގައުމެކެވެ. އަދި އެ ގައުމަކީ މަދު މައިނޯރިޓީތަކުން އެކުލެވިފައިވާ ގައުމެއްކަމަށާއި، އެންމެނަށްވެސް އެއްބަސްވެވޭ ހައްލުތައް ގެނެވޭނީ އެކަކު އަނެކާއަށް އިހުތިރާމުކޮށް ރިއާޔަތްކުރުމުންކަމަށްވެސް ބުނެފައިވެއެވެ. އަދި ހަތަރު ޕާޓީ ގުޅިގެން ވެރިކަމެއް ކުރުމަށް އެއްބަސްވުމެއް ގާއިމުކުރީވެސް އެ އަސާސްތަކުގެ މައްޗަށް ބިނާކޮށްކަމަށް ބުނެފައިވެއެވެ.

ގިނަ މަޝްވަރާތަކެއް ކުރެވެމުންދިއުމަށްފަހު، ވާހަކަތައް ހުއްޓުމަކަށް އައިސްފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން އެއްޕާޓީއިން ބުނެފައިވާގޮތުން، ކުރެވިގެންދިޔައީ ދަތި މަޝްވަރާތަކެކެވެ. އަދި މަސައްކަތްކުރަމުންދިޔައީ މަޝްވަރާއަށް ފަހި މާހައުލެއް ގާއިމުކުރުމަށްކަމަށާއި އެހެންނަމަވެސް ޕާޓީތަކުގެ ދެމެދު ހުރި ތަފާތުތައް އެއްފަރާތްނުކުރެވުނުކަމަށްވެސް ބުނެފައިވެއެވެ.

އެކި ސަބަބުތަކާއި ގުޅިގެން ނެދަލެންޑްސްގައި ހިމާޔަތް ހޯދުމަށް ދާ ފަރާތްތަކުގެ އަދަދުތައް ވަނީ 2021 އިން 2022 ވަނަ އަހަރާއި އަޅާ ބަލާއިރުވެސް އިތުރުވެފައެވެ. އެގޮތުން އެ އަހަރު 36،620 މީހަކު އެގައުމުގައި ރައްކައުތެރިކަން ހޯދުމަށް އެދި ހުށައަޅާފައިވާއިރު، 2022 ވަނަ އަހަރުގައި 47،991 މީހަކު އެ ހުށައެޅުންތައް އަޅާފައިވާކަމަށް ބުނެފައިވެއެވެ. އަދި އެދިފައިވާ މީހުންގެ ތެރެއިން އަގުލަބިއްޔަތަކީ ސީރިއާއިން އަންނަ މީހުންކަމަށް އެ ގައުމުގެ އިމިގްރޭޝަންއިން ހިއްސާކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މި އަހަރުގެ މޭ މަހުގެ ނިޔަލަށް 16،097 މީހަކު އެ ހުށައެޅުން އަޅާފައިވާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، މި އަހަރު ނިމިގެންދާއިރު، ހިމާޔަތް ދިނުމަށް އެދި ހުށައަޅާ މީހުންގެ އަދަދުތައް 70،000 އަށް އަރާފާނެކަމަށް ނެދަލެންޑު ސަރުކާރުން އަންދާޒާކުރެއެވެ.

މާކު ރުޓް އަށް ސަޕޯޓުކުރީ އެ ގައުމުގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ފޮރިން މިނިސްޓަރެވެ. އޭނާވަނީ ރުޓްގެ ހުށައެޅުންތަކަށް ތާއީދުކުރައްވާ އެތެރެވުމަށް އޮންނަ ފުރުސަތުތައް ހަނިކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން، އެ ގައުމުގައި މީހުން ތިބި ނިސްބަތާއި އަޅާ ކިޔާއިރު، ހިދުމަތްތައް ދެވެން ހުރީ މަދު މިންވަރަކަށެވެ. އެހެންކަމުން ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތުގެ އިތުރުން ތައުލީމަށްވެސް ވާދަވެރިކަން އުފެދިފައިވާކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ގައުމުގެ މަޖިލީސް ފެށިގެންދާނެއެވެ. އަދި ސަރުކާރު ވެއްޓިގެންދިއުމާއި ގުޅޭގޮތުން ބަހުސްތައް ކުރެވިގެންދާނެއެވެ. ބޮޑުވަޒީރުގެ ރުޓްއަކީ ފާއިތުވި ހަތަރު ދައުރުވެސް ސަރުކާރުގައި ހުންނަވާފައިވާ ބޭފުޅެކެވެ. އަދި އަލަށް ބޭއްވޭ އިންތިހާބުގައިވެސް އޭނާގެ ޕާޓީގެ ފަރާތުން ހުންނަވާނެކަމަށް ދެކޭކަަމަށް މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ. އެ ގައުމުގެ ގާނޫނު އޮތް ގޮތުން، ސަރުކާރެއް އިސްތިއުފާ ދިނުމުން، އިންތިހާބެއް ބޭއްވޭނީ 90 ދުވަސް ހަމަވުމަށްފަހުގައެވެ. އެހެންނަމަވެސް ނޮވެމްބަރު މަހުގެ ތެރެއާއިޖެހެންދެންވެސް އިންތިހާބު ނުބޭއްވިދާނެ ހާލަތްތަކެއް ހުރިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: