ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ނިންމީ ޚަރަދު ބޮޑުވާތީ: މަހުލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ނިންމައިފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މަޢުލޫމާތުތަކެއްކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ދޮގުކޮށްފި އެވެ.

އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީކަމަށް ބައެއް މީޑިއާތަކުގައި ބުނެފައި އެވެ. އެކަމަކު އެ ގޭމްސްގައި ވާދަކުރަން އޮލިމްޕިކް ކޮމިޓީން ކުރިން ނިންމިކަން އެ ކޮމިޓީއިން ހާމަކޮށްފައިވެއެވެ.

ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ދޫކޮށްލިކަން ހާމަ ކުރުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީ އިން ރޭ ނެރުނު ބަޔާނުގައި ވަނީ، ޔޫތު ގޭމްސްގެ ބަދަލުގައި މިހާރު ފޯކަސް އޮތީ، އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅަށް ތައްޔާރުވެ، ގައުމަށް ޝަރަފްވެރި ކާމިޔާބެއް ހޯދުން ކަމަށެވެ.

ކޮމަންވެލްތު ޔޫތު ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރަން ހަމަޖެއްސީ އައިމިނަތު އަލީ (އައިންތު) އެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ މުބާރާތުގައި ވާދަ ނުކުރަން ނިންމަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތަކެއް ހޯދައިިދިނުމުގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ، މިއީ ކަނޑައެޅިގެން ގޯސް މައުލޫމާތެއްކަމަށެވެ. އަދި ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީކަމަށް ވިދާވިއެވެ.

ކޮމަންވެލްތުން ވަކިވާން 2016 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން ނިންމައި އޭގެ ސަބަބުން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުން، ދިވެހި އެތުލީޓުން ވީ ވަރަށް ބޮޑު މާޔޫސް ކަމަކަށެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅިނީ މި ސަރުކާރާ އެކު 2020 ވަނަ އަހަރެވެ.

މެދުކެނޑުމަކަށް ފަހު ކޮމަންވެލްތާ ގުޅި، ރާއްޖޭން ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަ ކޮށްފަ އެވެ. ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން އެންމެ ފަހުން ވާދަ ކޮށްފައި ވަނީ 2015 ވަނަ އަހަރު ސަމޯއާގައި އޮތް ގޭމްސްގަ އެވެ.

ރާއްޖޭން މިއަހަރުގެ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރާން ނިންމިއިރު، ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މުބާރާތަށް ދާ ގައުމީ ސްކޮޑް ވެސް އިއުލާން ކޮށްފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ބަޖެޓް 80 ޕަސެންޓް ދެނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުންނެވެ. މި އަހަރަށް 72 މިލިއަން ރުފިޔާގެ ބަޖެޓެއް އޮލިމްޕިކް ކޮމިޓީން ފާސް ކުރީ މިދިޔަ މާޗު މަހު ބޭއްވި ކޮންގްރެސްގަ އެވެ. އަދި އެމްއޯސީ އިން ލަފާކުރި ގޮތުގައި 62 މިލިއަން ރުފިޔާ ހަރަދު ވާނީ މިއަހަރު އޮންނަ ފަސް ގޭމްސް އަށެވެ.

ފަސް ގޭމްސް އެއްގައި ވާދަ ކުރުމަށް ތައްޔާރީތައް ވަމުން ގެންދިޔަ ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކާ ހުރެ މިއަހަރު ވާދަ ކުރެވޭނެ ކަމުގެ އުންމީދު އޮތީ ދެ ގޭމްސް އެއްގަ އެވެ. އެއީ އަންނަ މަހުގެ 25 އިން ސެޕްޓެމްބަރު ތިނަކަށް މަޑަގަސްކަރައިގައި ބާއްވާ އައިއޯއައިޖީ އާއި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު އަށަކަށް ޗައިނާގެ ހަންގްޒޫގައި ބާއްވަން ތާވަލް ކޮށްފައިވާ އޭޝިއަން ގޭމްސް އެވެ.

ކޮމަންވެލްތު ގޭމްސްގައި މާލީ ދަތިތަކާ ހުރެ ބައިވެރި ނުވެވޭއިރު، އަންނަ މަހު 5-12 އަށް އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ތާވަލް ކުރެވުނު އޭނޮކް ވޯލްޑް ބީޗް ގޭމްސް ކެންސަލް ކޮށްލަން ޖެހުނީ މުބާރާތް ފެށެން މަހަކަށް ވެފައި ވަނިކޮށެވެ. އެއީ މާލީ ދަތިތަކާ ހުރެ މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް އިންޑޮނޭޝިއާގެ އޮލިމްޕިކް ކޮމިޓީ އިން އެންގުމުންނެވެ.

ނޮވެމްބަރު 17-16 އަށް ތައިލެންޑުގައި ބާއްވަން ހަމަޖެހުނު އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ވަނީ އަންނަ އަހަރަށް ފަސް ކޮށްފަ އެވެ. މި މުބާރާތް ދެން ކުރިއަށް ގެންދަން އޭޝިއާގެ އޮލިމްޕިކް ކައުންސިލުން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 24 އިން މާޗު ހަޔަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: