ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްރާ އެމްޑީޕީއިން އިސްތިއުފާދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) އެޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މާލޭގެ މެންބަރުކަން ކުރެއްވި އިބްރާ އެމްޑީޕީން ވަކިވެ ވަޑައިގެންފައިމިވަނީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށެވެ.

އިބްރާގެ ކޮއްކޮ އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށް އެޑްރެސް ކުރަށްވައި އިބްރާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އޭނާއަކީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި 42 މީހުންގެ ތެރެއިން އެކަކު ކަމަށާއި، އަދި 2005 ވަނަ އަހަރު ރަސްމީކޮށް އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީވެސް އޭނާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަނިޔާވެރި ވެރިކަމެއްގެ ތެރޭގައި އެތައް ރައްޔިތުންނެއް ވެފައިވާ ބޮޑު ޤުރުބާނީއެއްކަން އިބްރާ ފާހަގަ ކުރެއްވިއެވެ.

އިބްރާ ވިދާޅުވީ އެމްޑީޕީ އުފެއްދި މަޤްސަދާއި އެޕާޓީގެ އަސްލު ސިފަތައް މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި ދިގު އިންތިޒާރަކަށްފަހު ދިވެހި ރައްޔިތުން 2018 ވަނަ އަހަރު އެމްޑީޕީއާ ޙަވާލުކޮށްފައިވާ ވެރިކަމުގައި ރައްޔިތުން އުންމީދުކުރިވަރާ ގާތަށްވެސް އެމްޑީޕީއަށް ނަތީޖާ ނެރެދެވިފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ. ހަމައެއާއެކު އެމްޕީން އެންމެ ބޮޑަށް ވަކާލާތު ކުރަމުންދިޔަ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ވަޢުދުވެސް ނުފުއްދި ކުރިއަށްވުރެ އެދާއިރާގެ މައްޗަށް ސަރުކާރުގެ ނުފޫޒް ބޮޑުވެފައިވާ ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

“ފާއިތުވެގެން މިދިޔަ 5 އަހަރު ފެނިގެން ދިޔައީ އެކަންކަން އިހުނަށްވުރެ ގޯސްވެގެން ދިޔަތަނެވެ. މިއަދު ސިވިލް ކޯޓަކީ ބަންޑާރަނާއިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފިއެވެ. ހައިކޯޓު ހިނގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުންނެވެ.” އިބްރާގެ ސިޓީގައިވެއެވެ.

އިބްރާ ވިދާޅުވީ “އަސްލު އެމްޑީޕީ” އުފެއްދި މީހުން އެކުލަވާލި ސިޔާސަތުގައި އޮންނާނީ ވީހާވެސް އަވަހަށް ޢަދުލު އިންސާފު ޤާއިމުކޮށްދިނުމަށް ކަމަށާއި، އެ އެމްޑީޕީގައި ރައްޔިތުން ގަނަތެޅުވުން ނޯންނާނެ ކަމަށެވެ. އެހެންކަމުން މިހާރު އޮތީ އޭރު އުފެއްދި އެމްޑީޕީ ނޫންކަމަށް އިބްރާ ވިދާޅުވިއެވެ.

“ޕާޓީ އުފެއްދި އެންމެހާ އަސާސްތައް ދޫކޮށްލައި ޕާޓީއަކީ ވެރިކަމާއި ވެރިކަމުގެ ބާރު ހޯދާން އޮތް ވަސީލަތަކަށް ހަދައި ނިމުނުއިރު ޕާޓީގެ އިސް ސަފުގައި ބަސްކިޔާ ގޮތް ނިންމާން ތިބީ ޕާޓީ އުފެއްދިޔަ ނުދޭށާއި، ޕާޓީގެ ދުންފިނި ހަރުގެ ފުނޑުކޮށްލައި، އެކަން ދިފާޢުކުރި މީހުންނެވެ. މަޖިލީސް ތެރޭގައި ޕާޓީގެ ނަމުގައި ހުރިހައި ބާރުވެރިކަމެއް މިދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެންތިބި އޭރުގެ ޑީއާރުޕީގެ މެންބަރުންނެވެ.” އެމްޑީޕީން އިސްތިއުފާ ދެއްވައި އިބްރާ ފޮނުއްވި ސިޓީގައިވެއެވެ.

އިބްރާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޙަޤީޤީ މެނިފެސްޓޯ ޑްރާފްޓް ކުރެއްވީ އޭނާގެ ދެއަތުން ކަމަށާއި، ނަމަވެސް ޕާޓީގެ އަސާސްތައް އެކުލަވައިލި މީހުން މިހާރު ޕާޓީގެ ބަސްކިޔާ ހިސާބުގައި ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގެ ރައީސުލްޖުމްހޫރިއްޔާ ދަޢުލަތުގެ ބަޖެޓުން ކުރެއްވި ޚަރަދުގެ ތަފްސީލް ހޯދަން ސުޕްރީމް ކޯޓަށް ދާން ޖެހުމަކީ ލަދުވެތިކަމެއްކަން އިބްރާ ފާހަގަކުރެއްވިއެވެ.

“ސިޔާސީ ޕާޓީއެއްގައި އަޅުގަނޑު ބައިވެރިވީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދާކަށް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރާ ހަމަތަކަކާ އުސޫލުތަކެއް ޤައުމުގައި ހިންގުމަށް ބަސްބުނެ މަގު ފަހި ކުރުމަށެވެ. ޒާތީ މަންފާއަށް އުޅުނުނަމަ، އަޅުގަނޑު ހުރީހީ ޑީއާރުޕީގައެވެ. ކުޑަގޮޅީގައި އޮވެގެން އެމްޑީޕީ އުފައްދާކަށް ނޫޅުނީމުހެވެ.” އިބްރާގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެމްޑީޕީން ހިންގަމުން ގެންދާ އަނިޔާވެރިކަމަށް ނަސްރުދޭން ބޭނުންނުވާތީ މި އޯގަސްޓްމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެޕާޓީން ވަކިވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: