ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި އެހެން މީހަކަށް ލޯތްބާއި މަގުބޫލުކަން ލިބޭތަން ބަލަން، ނަޝީދަށް ކެތެއް ނުވާނެ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ކުރިއަރައިގެން އައިއިރު، ރައީސް މުހައްމަދު ނަޝީދަށް އެންމެ އުނދަގޫ މަންޒަރަކަށް ވީ އެހެން މީހަކަށް ތާއީދު އިތުރުވެ ރައްޔިތުންގެ ލޯބި ލިބުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެތެރެގޭ އިންތިހާބާއި ދިމާކޮށް، އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދި އެމްޑީޕީގެ ތާރީހުގައި ހިންގި ބައެއް ކަންކަން ރައީސް ނަޝީދާއި ދިމާވަމުންދާކަމަށް ބައެއް މީހުން ދަނީ ސިފަ ކުރަމުންނެވެ. ހާއްސަކޮށް އެމްޑީޕީ އުފެދިގެން އައިއިރާއި އޭގެ ފަހުން ޕާޓީގެ އިސް މަގާމުތަކުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ދުރުކޮށް ޕާޓީން ބޭރު ކުރުމުގައި އުޅުއްވީ ރައީސް ނަޝީދުކަމުގައި އެބޭފުޅުން ތުހުމަތު ކުރެ އެވެ.

ޕާޓީގައި ވަކި މީހަކަށް ތާއީދު އޮތްނަމަ، ނުވަތަ މަގުބޫލުކަން ހޯދާނަމަ އެކަމާއި ރައީސް ނަޝީދުގެ ހިތުގައި ނުތަނަވަސްކަން އުފެދޭކަމަށް ބުނެ މޫސަ މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައި ވެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި މޫސަ ވިދާޅުވީ ބައެއް ބޭފުޅުންގެ މަގުބޫލުކަން އިތުރުވާން ފެށުމުން ރައީސް ނަޝީދު އެ މީހުންނާއި މެދު އިހާނެތިކޮށް އަމަލު ކުރައްވާފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި މޫސަ ނެންގެވީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ހިނގައިދިޔަ ހަމަނުޖެހުމުގައި ފުލުހުންގެ ކުރި އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ ރާއްޖެއިން ބޭރަށް ގެންދަން ޖެހުމުންނާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ވަގުތު މީޑިއާތަކުގެ ސަމާލުކަން ހުއްޓުމަށެވެ.

މޫސައަށް ދިން ހަމަލާތަކާއި ގުޅޭ ވީޑިއޯތަކާއި، ކުރި އަނިޔާ ކިޔައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ. އެހެންވެ އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބި އާއްމުންގެ ތެރޭގައި އެ ވާހަކަތައް ދެކެވެން ފެށުމުން ރައީސް ނަޝީދު ހުންނެވީ އެކަމާއި މެދު ހިތްހަމަ ނުޖެހިފައިކަމުގައި މޫސަ ވިދާޅުވި އެވެ. އެގޮތުން ފަރުވާއަށް ފަހު ރާއްޖެ އެނބުރި އަންނަން އޮތް ދުވަހު އެމްޑީޕީގެ މެމްބަރުން އޭނާއަށް މަރުހާބާ ކިއުމަށް މާލޭގެ މަގުތަކަށް ނިކުތުން ބަލަން ރައީސް ނަޝީދަށް އުނދަގޫ ވިކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދުވަހު އޭނާއަށް މާލެއަށް އަންނަ ވަގުތު ލަސްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަންނަން އޮތް ލޯންޗު ހިފަހައްޓައި މުޒާހަރާއެއްކަމަށް ބުނެ ބަނޑޮސް ކައިރިއަށް ފޮނުވައި އާއްމު މެމްބަރުން އިރުއޮއްސެން ދެން މަޑުކުރުވިކަމުގައި މޫސަ ވިދާޅުވި އެވެ.

މި ހާދިސާ މޫސަ ސިފަ ކުރީ އާނާގެ ހަޔާތުގެ އެންމެ ހިތާމަވެރި އެއް ދުވަހުގެ ގޮތުގަ އެވެ.

މީގެ އިތުރުން މޫސަ ވަނީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ޕާޓީގެ ރައީސަކަށް ހުންނެވިއިރު ރައީސް ނަޝީދު އިސްވެ ހުންނަވައި އިބްރާއަށް ޖެއްސުންކޮށް ފުރައްސާރައިގެ އެތައް އަމަލެއް ހިންގެވިކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެއްސި އިމާރާތެއްގެ ލިފްޓަށް އަރަން އިބުރާ ވަޑައިގެންނެވި ވަގުތު ލިފްޓުގެ ކރަންޓު ކަނޑާލިކަމަށް މޫސަ ވިދާޅުވި އެވެ. މީއީ މީގެ ކުރިން ވެސް އެކި މީހުން ދެއްކި ވާހަކައެއްކަމާއި، ބައެއް މީހުން އެއީ ހަގީގަތުގައި ވެސް ތެދެއްތޯ ސުވާލު ކުތާކަން ފާހަގަކޮށް މޫސަ ވިދާޅުވީ ރައީސް ނަޝީދަކީ އެފަދަ އެތައް ފުރައްސާރައެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އެމްޑީޕީއަށް އެއްތައް ގުރުބާނީއެއް ވީ މީހުންނެއް މިއަދު ޕާޓީގައި ނެތީ، ރައީސް ނަޝީދުގެ ނުފޫޒުން ކަމުގައި ތަކުރާރުކޮށް މޫސަ ވިދާޅުވީ އަލްހާން ފަހުމީ އާއި، ޑރ. އިބްރާހިމް ދީދީ، އިބްރާހީމް ޙުސައިން ޒަކީީ އަދި ޑރ. މުހައްމަދު މުނައްވަރުު ފަދަ ބޭފުޅުންނަށް ދިމާވީ އެ ހާލަތު ކަމަށެވެ. މިއަދު މަންޒަރު ބަދަލުވީއިރު ރައީސް ނަޝީދާއި ދެކޮޅު ހަރަކާތައް ކުރިޔަށް ދާކަމަށް މޫސަ ފާހަގަ ކުރި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ ބޭފުޅުން ވެސް އިހުސާސް ކުރަން ޖެހުނު ދެރަ ނިކަމެތިކަން ރައީސް ނަޝީދަށް ވެސް ވިސްނިވަޑައިގަންނަވާނީ އެމަނިކުފާނު ޕާޓީން ވަކިކޮށްގެންނެވެ.

އެމްޑީޕީ އުފެއްދުމުގައި އަދި ޕާޓީ ކޮޅަށް ނަގާ ހިންގުމުގައި ގިނަ މަސަތްކަތްތަކެއް ކުރައްވާ އެ ޕާޓީގެ ޗެއަޕާސަންއެއްގެ ގޮތުގައި ވެސް މަސަތްކަތް ކުރެއްވި މޫސާ މިހެން ވިދާޅުވި އިރު އަންނަ މޭއި މަހުގެ 14 ގައި ދުވަހު ބާއްވާން ހަަމަޖެހިފައިވާ އިންތިހާބާއި އެކު ޕާޓީގައި ވަރަށް ބޮޑެތި ބައިބައިވުންތައް ވަނީ އުފެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: