ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ބާރުވެރިކަން ދިނުން: ހުރިހާ ކައުންސިލެއް ހަމަހަމަތަ؟

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް.
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ އިސް މޭސްތިރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށާއި މި ނިޒާމު ފުރިހަމަކުރުމަކީ ރައީސް ސާލިހުގެ މައިގަނޑު ތަސައްވުރުކަމުގައިވެސް ފާހަގަކުރެއެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މި ސަރުކާރުން އިންގިލާބީ ބަދަލުތަކެއް ގެންނެވިކަމަށްވެސް ވިދާޅުވެއެވެ.

އެގޮތުން މި ނިޒާމަށް ގެނައި އިސްލާހުތަކަށްފަހު މި ނިޒާމު ހިންގުމަށް ހުރި ދަތިތައް އޮޅުންފިލުވުމަށް ބޭއްވި، ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން އޮތީ ޤާނޫނު ބަދަލުކޮށް، ކައުންސިލްތަކުގެ ބާރުތައް، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި ކަމަށާއި، ކައުންސިލަރުންނަށް އެއްވެސް އިޚްތިޔާރެއް އަދި ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައިކަމަށެވެ. ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ކުރީ ސަރުކާރުތަކުން ބަދަލުކުރި ކަމަށް ރައީސް ސާލިހު ވަނީ އެދުވަހު ވިދާޅުވެފައެވެ. މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއް ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އެ ބާރުތައް މި ސަރުކާރުން ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާނެކަމަށްވެސް ރައީސް ސާލިހު ވައުދުވެވަޑައިގެންނެވިއެވެ.

މިއަދު ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕެއިންގައިވެސް ރައީސް ސާލިހު އެންމެ ހަރު އަޑުން ދައްކަވާ ވާހަކައަކީ މިއީއެވެ. ހިފެހެއްޓިފައިވާ ބާރުތައް ދޫކޮށްލާފައިވާނެކަމަށް ވިދާޅުވެ، ހުވަފެނީ މޮޅެތި ވާހަކަތައް ހަމަ ކޮންމެ ބޭފުޅަކަށްވެސް ފަށުވި އިބާރާތުން ދެއްކިދާނެއެވެ. ނަމަވެސް މުހިންމީ ތަންފީޒްކުރުމެވެ. ރައީސް ސާލިހުގެ މި ސަރުކާރަށް ބާރުތައް ދޫކޮށްލެވުނީ ކިހާ މިންވަރަކަށްތޯ ބެލާލުމަކީ މުހިންމުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

މި ދުވަސްވަރު ސިޔާސީ ޕޯޑިއަމްތަކުގައި އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ މިއީކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ސިޓީ ކައުންސިލްތަކުގެ މެންޑޭޓުގެ ދަށުގައިވާ ކަންކަން މިނިސްޓްރެީތަކުގެ ބާރުގެ ދަށަށް ގެންދާ ވާހަކަ އަނެއްކާވެސް މިއޮތީ ފެންމަތިވެފައެވެ. އެގޮތުން މާލެ އިން ގޯތި ދެވޭނީ ސިޓީ ކައުންސިލަށް ކަމަށާއި އެ ކަމަކީ ޕްލޭނިން މިނިސްޓްރީ އާ ބެހޭ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ވަނީ ވިދާޅުވެފައެވެ. މިއީ މިހާރު ގޯތި ދޫކުރަމުންދާ “ބިންވެރިޔާ ސްކީމް” އާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކައެކެވެ. ބިންވެރިޔާ ސްކީމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީއިންކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލެ އިން ބިން ދިނުމަކީ ޕްލޭނިން މިނިސްޓްރީ އިން ކުރަން ޖެހޭ އަދި އެ މިނިސްޓްރީ އާ ބެހޭ ކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޕްލޭނިން މިނިސްޓްރީއިން ވަދެއޮތީ ޢައިރު ގާނޫނީ ކަމެއްގެ ތެރެއަށްކަމަށް ފާހަގަކޮށް، މި މައްސަލަ ކޯޓަށް ގެންގޮއްސި ނަމަ، މި މަސައްކަތް ޕްލޭނިން މިނިސްޓްރީއިން ވަގުތު ހުއްޓާލަން ޖެހޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާއިރު މި މައްސަލަ އާއި ގުޅޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ތަރައްގީގެ އެކިއެކި މަށްރޫއުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަށްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަށްރޫއުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެމިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
  • ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
  • ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަހައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުން.

ބަނޑާރ ގޯތި ދޫކުރުމާއި ގުޅޭގޮތުން އެކުލަވާލެވިފައިވާ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުން، ދިރިއުޅުމަށާއި އިމާރާތްކުރުމަށް އެ ގާނޫނުގެ ތިން ވަނަ މާއްދާ އާއި ހަތަރުވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީ އިން ކަނޑައަޅައި އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވައިދުތަކާއި އެއްގޮތް ވާގޮތުގެމަތިން މިނިސްޓްރީއިން ކަނޑައަޅާ އުސޫލަކުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

މި ގާނޫނަށް ހަވާލާދީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހައްމަދު މުއިއްޒު ވަނީ ގާނޫނުގެ އެ މާއްދާގެ ފޮޓޯއެއް ހިއްސާކޮށް، ގޯތި ދޫކުރެވޭނީ، ގޯތި ދުކުރާ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެހެންކަމުން ބިމާ ބެހޭ ގާނޫނުގައި އެމާއްދާ އޮތް ހިނދު ހައުސިންގް މިނިސްޓްރީއަށް ގޯތި ދޫކުރުމުގެ ހައްގުތައް ލިބިގެންދާނެ ހަމައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ބިންވެރިޔާ ސްކީމާއި، ގެދޮރުވެރިޔާ ސްކީމްގެ އިތުރުން އެހެން ގޮތް ގޮތަށް މާލެ ސަރަހައްދުން ގޯތި ދޫކުރަމުންދަނީ މިނިސްޓްރީއިންނެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މިކަންކުރުމުގައި ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރައްވައެވެ. އަދި މިނިސްޓްރީތަކުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުންވެސް ކައުންސިލަށް ތަފާތު އެކި ކަންކަމުގައި އެއްބާރުލުން ނުދޭކަމުގެ ވާހަކައަކީ އާންމު ވާހަކައެކެވެ.

މާލެއިން ދޭ ގޯތި ޕްލޭނިން މިނިސްޓްރީއިން ދޫކުރި ނަމަވެސް، އަތޮޅު ތެރޭ ރަށްރަށުގައި އާއި ރާއްޖޭގެ ދެން ހުރި ސިޓީތަކުގައި ގޯތި ދޫކުރަނީ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ.

ކަން މިހެން އޮތުމުން މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރަނީ އެންމެ ފުރިހަމައަށްތޯ ސުވާލުއުފެދެއެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށްފަހު ރައީސް ސާލިހު އޭރު ވިދާޅުވިފަދައިން، ސިޓީ ކައުންސިލްގެ ބާރުތައް މިނިސްޓްރީތަކުން ސަލާމަތްކޮށް، އެންމެ ފުރިހަމައަށް ބާރުވެރިކަން ހުރިހާ ކައުންސިލަކަށް ހަމަހަމަކަމާއިއެކު ދެވިއްޖެތޯ ސުވާލުއުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: