ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުން ތަރައްގީގެ ފިލާވަޅުތައް ރަނގަޅަށް ދަސްކުރައްވައިގެން ހުންނެވި ކެންޑިޑޭޓުކަމަށް ޕީޕީއެމްގެ ނައިބު ރައީސް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނ އަތޮޅު ވެލިދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ސައީދުވަނީ މުއިއްޒުއަށް ތައުރީފުކުރައްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މުއިއްޒުވަނީ ރައީސް ޔާމީންގެ އަރިހުން ތަރައްގީގެ ފިލާވަޅުތައް ރަނގަޅަށް ދަސްކުރައްވާފައިކަމަށެވެ. ސައީދު ވަނީ މި ފުރުސަތުގައި މިސާލުތަކެއް ވިދާޅުވެދެއްވާފައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ވާދަކުރައްވަމުންދާ އެހެނިހެން އެންމެހާ ކެންޑިޑޭޓުން މުއިއްޒުގެ ހިތްވަރު ގެއްލުވާލުމުގެ މަގުސަދުގައި ފާޑުކިޔަމުންދާކަމަށެވެ. އަދި ރައީސް ޔާމީން ހުންނެވީ ޖަލުގައި ނަމަވެސް އެމަނިކުފާނަށްވެސް ހަމަ ދާދި އެއް ޒާތެއްގެ ފާޑުކިޔުންތައް އަމާޒުކުރާކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތުންވެސް ފެނިގެންދާކަމަށެވެ.
އެހެންނަމަވެސް މުއިއްޒު އެ ވާހަކަތައް ރައްދެއް ނުދެއްވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، ރައީސް ޔާމީން އަދި މުއިއްޒުއަށް ރައްދުވާ ގޮތަށް އުކަމުންދާ ގަލުން އެ ބޭފުޅުން މިހާރުވެސް އެ ގެންދަވަނީ ”އިމާރާތްކުރައްވަމުން“ ކަމަށެވެ. އޭނާ ވިދާޅުވީ، ރައްދެއް ނުދެއްވާކަމަށްވުމުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތަރައްގީގެ މަސައްކަތްތައް ފެށިފައިވާކަމަށެވެ.
ސައީދު ވިދާޅުވީ، މުއިއްޒުއަށް އިންތިހާބު އެއްބުރުން ކާމިޔާބުވެގެންދާނެކަން އެހެން އެންމެހާ ކެންޑިޑޭޓުންނަށްވެސް މިހާރު ސާފުކަމަށެވެ. ސައީދުވަނީ ރައްޔިތުން މާޔޫސް ނުވުމަށް އަދި އުންމީދު އާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ޒުވާނުންނަށް މާ އުންމީދީ މާދަމާއަކަށް އަލިވިލެމުންދާކަމަށާއި ކަނބަލުންނަށްވެސް އުޖާލާ ދުވަސްތަކެއް ފެނުން ގާތްވެފައިވާކަމަށެވެ.
ސައީދު ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓަކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބިކަކޮށް އެއްލާ ނުލާނެކަމަށް އޭނާގެ 17 އަހަރު ދުވަހުގެ ތަޖުރިބާގެ އަލީގައި ވިދާޅުވާކަމަށެވެ. ސައީދު ވިދާޅުވީ، މުއިއްޒު ގެންދަވަނީ ލިބިވަޑައިގެންނެވި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ތަފްސީލީ ގޮތަކަށް ސިޔާސަތުތައް ކިޔައިދެއްވަމުންކަމަށާއި އެފަދަ ގޮތަކަށް އަމަލުކުރެއްވޭނެ އެހެން ކެންޑިޑޭޓަކު ހުރިތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

