ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ހެދުމަށް ފާރިސްގެ 24 ޝަރުތު، ރައީސް ޔާމީންއަށް އިންސާފު ހޯދައިދިނުން ހިމެނޭ!

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ ދައުވަތު އަރުވާފައިވާ އެމްޑީޕީ އަދި ޕީޕީއެމްއަށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ފާރިސް މައުމޫނު ހުށައެޅުއްވި ޝަރުތުތައް ހާމަކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫންއަށް އިންތިހާބުގެ ދެވަނަ ދަތުރުކުރި ދެ ޕާޓީއިންވެސް ވަނީ ކޯލިޝަންގެ ދައުވަތު އަރުވާފައެވެ. މި ދައުވަތު ގަބޫލުކުރުމަށް ޝަރުތުކޮށްފައިވާ ކަންކަން ފާރިސް ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ހާރިޖީ ސިޔާސަތުތަކާއި ގުޅުން ހުރި ކަންތައްތަކުގެ ތެރޭގައި:

  • އެއްވެސް ގައުމެއްގެ ސިފައިންގެ (އަސްކަރީ އެއްވެސް ބައެއް) ރާއްޖޭގައި އުޅޭނަމަ، އުޅޭ ސަބަބާއި އެކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން.
  • ދާހިލީ ސިޔާސަތުތަކުގެ ތެރެއަށް އެއްވެސް ގައުމަކުން ވަދަނުދިނުން.
  • ރާއްޖޭގެ ސަރަހައްދުގައި ހިނގާނީ ހަމައެކަނި ދިވެހި ދައުލަތުގެ ގާނޫނާއި ދިވެހިންގެ ބާރުކަން ކަށާވަރުކުރުން.
  • ވަކި ގައުމަކަށް ބަރޯސާ ނުވާ ހާރިޖީ ސިޔާސަތު ހުށައެޅުން.
  • މިހާރު ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ އެއްބަސްވުންތައް ރައްޔިތުން މަޖިލީހާއި ހިއްސާކުރުން.
  1. އުތުރު ތިލަފަޅުގެ އެއްބަސްވުން.
  2. ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުން
  3. އައްޑޫ ޕޮލިސް އެކަޑަމީ އެއްބސްވުން
  4. އައްޑޫ އެއާޕޯޓު އެގްރީމެންޓް
  • ރާއްޖެއާއި ޗާގޯސް އަރކިޕެލާގޯގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާކަމަށް ބުނާ ބައި ޑީލިމިޓްކޮކުރުމަށް އެދި މޮރިޝަސް އިން ހުށައެޅި މައްސަލަ ނިމިގެން ދިޔަ ގޮތަށް ޒަމާނުންސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދޫ އެތައް ފައިދާތަކަކށް އުނިކަން ލިބިގެންދާތީ އެމައްސަލަ މުރާޖައާކުރުމަށް އިޓްލޮސްއަށް ހުށައެޅުން. ދިވެހި ސަރުކާރުގެ ސްޓޭންޑް މި މައްސަލައިގައި ބަދަލުކުރިކަން މޮރިޝަސް ސަރުކާރަށް ލިޔުމަކުން އެންގުން.

އޭގެ އިތުރުން ފާރިސް ވަނީ ރައްޔިތުންނަށް ދައުލަތުންދޭ ހިދުމަތްތައް ސިޔާސީ ފައިދާ ނެގުމަށްޓަކައި ބޭނުންކުރުން ހުއްޓާލަންވެސް ހުށައަޅާފައެވެ. އަދި ރިޔާސީ ނިޒާމު ފިޔަވައި އެހެން ނިޒާމަކަށް ތާއީދުނުކުރުމަށްވެސް ޝަރުތުކޮށްފައިވެއެވެ. މަޖިލީހާއި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމާއި ޔޫޓިލިޓީ ކުންފުނިތައް ރަށު ކައުންސިލްގެ ދަށަށް ގެނައުންނެވެސް ހިމެނެއެވެ. ސަލާމަތީ ހިދުމަތްތައް ސިޔާސީ ނުފޫޒުން މިނިވަންކުރުމަށްވެސް ވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވީ އެންމެ އަވަހަށް އިންސާފު ހޯދައިދިނުމަށް ޝަރުތުކޮށްފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށް ފާސްކޮށްފައިވާ ގާނޫނު އުވާލުމަށްވެސް ޝަރުތުކޮށްފައިވެއެވެ.

މާލީ ނިޒާމަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދަރަނި ކުޑަކުރުމަށް ހުށައަޅާފައިވާއިރު، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ރަޖިސްޓްރޭޝަންގެ މުޅި ނިޒާމު އެއްކޮށް ބަދަލުކުރުން ހިމެނެއެވެ. ވައްކަމާއި ކޮރަޕްޝަން ނައްތާލުމަށް ޝަރުތުކޮށްފައިވެއެވެ. ފާރިސްގެ ޝަރުތުތަކުގެ ތެރޭގައި ކުށްކުރުން މަދުކުރެވޭނެ ގޮތްތައް ހޯދައި، ކުށް މަދު ތަނަކަށް ރާއްޖެ ހެދުމަށް ޝަރުތުކޮށްފައިވެއެވެ.

ފާރިސް ދެ ޕާޓީއަށް ހުށައެޅުއްވި ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްވެސް ޝަރުތުތަކެއް ހިމަނާފައިވާއިރު، ސިއްހީ ފެންވަރު ރަނގަޅުކުރުމަށްވެސް ޝަރުތުކޮށްފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ރީ ސްޓްރަކްޗަރކޮށް، ހިންގުން ހަރުދަނާކުރުމަށާއި، ޓެކްސް ނިޒާމު ހަރުދަނާކޮށް، ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނައުމަށްވެސް ޝަރުތުކޮށްފައިވެއެވެ.

ޖުމްލަ 24 ޝަރުތެއް، އޭގެ ދަށުން އެކަންކަން ހާސިލްކުރުމަށް ކަންކަން ހިއްސާކޮށް ފާރިސް ދެ ކެންޑިޑޭޓުންނަށް ހުށައެޅުއްވި މި ކަރުދާހުގައިވަނީ، މި ކަންކަން ފުރިހަމަކުރަންޖެހޭ ޓައިމް ފްރޭމްވެސް ހިއްސާކޮށްފައެވެ. ކޮންމެ ޝަރުތަކާއިއެކު ޓައިމް ފްރޭމްއެއް ހުށައަޅާފައިވާއިރު، ގިނައީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ޝަރުތުކޮށްފައިވާ ކަންކަމެވެ. މިހާރު މިހާރަށް ކުރުމަށް ހުށައަޅާފައިވާ ކަންތައްތަކެއްވާއިރު،އެކަންކަން ތަންފީޒުކުރުމަށް ބޭނުންވާ މުއްދަތުދީފައިވާ ޝަރުތުތައްވެސް ހިމެނެއެވެ.

ރިޔާސީ ނިޒާމު ނޫން އެހެން ނިޒާމަކަށް ތާއީދުނުކުރުމަށް ފާރިސް ޝަރުތުކޮށްފައިވާއިރު، ދަ ޑިމޮކްރެޓްސްއިން ވަނީ 2 ޕާޓީއަށްވެސް ސެޕްޓެމްބަރު 25 ގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބޭނުންވާ، ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހުށައަޅާފައެވެ. ޑިމޮކްރެޓްސް ކެންޑީޑޭޓު އިލްޔާސް ލަބީބްއަށް މި އިންތިހާބުގައި 15،633 ވޯޓު ލިބިވަޑައިގެންފައިވީ ނަމަވެސް އެއްވެސް ޕާޓީއަކުން އަދި މި ހުށައެޅުން ބަލައިގަނެފައެއްނުވެއެވެ.

ރިޔާސީ އިންތިހާބުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،934 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެންމެ ގިނަ ވޯޓާއިއެކު ދަތުރުކުރެއްވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒެވެ. އެއީ 101،635 ވޯޓެވެ. އެމަނިކުފާނާއިއެކު ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންވީ 86،161 ވޯޓެވެ. މިހާތަނަށް އައިރު، ޑރ މުއިއްޒާއިއެކު އެމްއެންޕީއިން ވަނީ ކޯލިޝަން ހަދާފައެވެ. އެމްއެންޕީއިން ވާދަކުރެއްވި މުހައްމަދު ނާޒިމްއަށް އިންތިހާބުގައި ލިބިވަޑައިގެންވީ 1،794 ވޯޓެވެ. ރައީސް ސާލިހާއިއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭ ފިޔަވައި އިތުރު ޕާޓިއަކުން ދެވަނަ ބުރަށް އަލަށް ކޯލިޝަން ހަދާފައެއްނުވެއެވެ.

ވަރަށް ގަދަ
68%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 1%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: