މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް ސާލިހު މިއަދު ވަނީ، ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކާ ސަރުކާރު ބަދަލުވުމުގެ މަރުޙަލާކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ، އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ ނޮވެމްބަރު 11 ގައި ހުވާކުރެއްވުމުގައި ޤާނޫނީ ގޮތުން އޮތް ހައްލަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުވެސް އެދިވަޑައިގަންނަވަނީ، އިންތިޚާބީ ރައީސަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނޭ ގޮތް ހަމަޖެހިގެން ދިޔުން ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސް ސާލިހު ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ސުލްޙަވެރިކަމާއި އެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވާ ކަމަށާއި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އުއްމީދުކުރައްވަނީ އެމަސައްކަތް ޞުލްޙަވެރިކަމާއިއެކު ކުރިޔަށް ގެންދިއުން ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިޙްޞާސްކުރެއްވޭ ކަމަށެވެ. އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިޙްސާސްކުރެއްވޭ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ސާލިހު ވަނީ، ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ.

އަޅުގަނޑުގެ މި މަސައްކަތުގައި އަޅުގަނޑާއެކުގައި އެހީވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. ހާއްސަ ކެބިނެޓްގެ ވަޒީރުންނާއި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ތެރެއިން އެހީތެރިކަން ދިން މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކާ ކުންފުނިތަކުގެ ހިންގުންތެރި ބޭފުޅުންނަށް ޝުކުރު އަދާކުރަން. އަދި ހާއްސަކޮށް މީޑިއާއިން ސަރުކާރު ޖަވާބުދާރީ ކުރުމުގައި ކުރި މަސައްކަތުގައި ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަން.

ރައީސް ސާލިހު ވިދާޅުވިއެވެ.

މިގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތަފްޞީލްތައްވެސް ޙިއްޞާކުރައްވާފައިވެއެވެ.