ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ދިން ހަމާލާގެ މޭސްތިރިޔާ ލުތުފީ މިމަހު މިނިވަންވަނީ

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ
ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ މިމަހު މިނިވަން ވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން މީޑިއާތަކަށް ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ހާދިސާއާއި ގުޅިގެން އޭނާގެ މައްޗަށް ކުރި ހުކުމް މިއަހަރުގެ އޭޕްރިލް މަހަށް ހަމަވެފައިވާ ކަމަށާއި އަދި ފިލި މައްސަލައިގައި ކުރި ހުކުމް މިމަހުގެ 27 ވަނަ ދުވަހަށް ހަމަވާނެ ކަަމަށެވެ.

ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމް ހަމަވުމާއިއެކު ލުތުފީ އެއްކޮށް މިނިވަން ވާނެއެވެ.

ލުޠުފީއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހާއެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ނަމަވެސް ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އޭނާ ވަނީ ފިލާފައެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހު އެވެ.

ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުންވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ.

ލުތުފީ މާލެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: