ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރުވެރި ނާމާން ދުވަހެއް، ބާޣީންނަށް މާފެއް ނުކުރާނަން!

ބާގީ ލުތުފީ އަދި ސަގަރު ނާސިރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތާރިހު ދައްކުވައިދޭ ހަގީގަތަކީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި މިނިވަން ކަމަށް ބުރުއެރި ކޮންމެ ފަހަރަކު ވެސް އެކަމުގެ ފަހަތުގައި ތިބީ ދިވެހިންގެ ތެރެއިން ދިވެހި ގައުމަށް ޣައްދާރުވި ދިވެހި ދަރިންކަމެވެ. އަމިއްލަ އެދުމައިގެން ބިދޭސީ އެކިއެކި ޖަމާއަތްތަކާއި ގުޅިގެން ގައުމުގެ މިނިވަންކަން އަޅުވެތި ކަމަށް ބަދަލު ކުރަން ކުރި ކޮންމެ މަސައްކަތެއް ނާކާމިޔާބު ކޮށްލީ ގައުމު ދެކެ ލޯބިވާ ހަމަ ދިވެހި ދަރިންނެވެ. ދިވެހި ގައުމާއި ދިވެހި ފަސް ގަނޑުގެ ހިމާޔަތުގައި ގުރުބާންވެ ޝާހިދުވި ދިވެހި ދަރިންގެ ޒިކުރާ އަބަދުވެސް ދިވެހިން އައު ކުރަނީ ފަހުރުވެރި ކަމާއިއެކުގައެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކުރުމަށް ޖާނާއި މާލުން ގުރުބާންވި ޝަހީދުންގެ ހަނދާންތަކަކީ އެއްވެސް ދިވެއްސެއްގެ ހިތަކުން ފޮހިވިގެންދާނެ އަދި ފޮހެލެވޭނެ ހަނދާންތަކެއް ނޫނެވެ. ގައުމަށް ޣައްދާރުވި އެއްވެސް މީހަކަށް މާފެއް ނެތެވެ. މާފެއް ނުކުރެވޭނެއެވެ.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ނަސްރުގެ ދުވަހަކީ ވެސް ދިވެހި ގައުމަށް ޣައްދާރުވި، ދިވެހި ގައުމަށް ޙިޔާނާތްތެރިވި ދިވެހިންގެ ބަޔަކާއި ހަނގުރާމަކޮށް ދިވެހި ގައުމު ދިފާއުކުރި ޝަހީދުންގެ ހަނދާނެއެވެ. އާދެ މިއަދަކީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ދުވަހެވެ.

މިއަދަކީ މިއަހަރުގެ ނަޞްރުގެ ދުވަހެވެ. އާދެ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާޢަތް) ގުޅިގެން ހިންގި ވަރަށް އަނިޔާވެރި ޙަމަލާއެކެވެ. މިޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ ހ. ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުޠުފީއެވެ. ބާޣީ ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ. ނޮވެންބަރު 3 ގެ މިޙާދިޘާގައި އެއްވެސް ކުށެއްނެތް 19 ދިވެހިންގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވެއެވެ. އެއީ ޢާންމުންގެ 11 މީހުންނާއި ދިވެހި ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލެކެވެ. އަދި މިޙަމަލާގައި 39 ދިވެހިންވަނީ ޒަޚަމްކޮށްލާފައެވެ.

ނޮވެމްބަރު 3 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހުރި ބާޣީ އަބްދުﷲ ލުތުފީ

ދުޝްމަނުން އެދުވަހު ސިފައިންގެ ހެޑްކުއާޓަރަށް ތިން ދިމާއަކުން ހަމަލާތައް ދެމުން ގެންދިޔައެވެ. އެއީ ސިފައިންގެ ކުރިމަތިން މައިގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނގުދެކުނު ކަންމަތިންނެވެ.

ޓެރަރިސްޓުންނާއި، ދިވެހި ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދިޔަ ޙަމަލާތަކުގައި އަދުގެ ބަތަލް ޝަހީދު ޙުސައިން އާދަމް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ. ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށްފަހު އޭނާ އެވީ ޝަހީދެވެ. އޭނާގެ ފުރާނައަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ޝަހީދު ޙުސައިން އާދަމު އެދުވަހު ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ނުކޮށްދެއްވިނަމަ ދެންވާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އޭނާގެ އަތުން އެދުވަހު ވަޒަން ހުސްނުވިނަމަތާއެވެ.

ބާޣީން އެދުވަހު ސިފައިންގެއަށް ޙަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދޮށިމޭނާ ބިލްޑިންގ ތެރެއަށްވަދެ އެތާހުރި ފާރެއް ނިވައި ފަތްގަނޑަކަށް ހަދައިގެންނެވެ. “އެކަމަކު އެމީހުންގެ ޙަމަލާތައް ފެށުމުން ވަގުތުން ދިވެހި ސިފައިން ވެސް ޙަމަލާ ދޭންފެށީ. ނަތީޖާއަކަށްވީ އެމީހުން ރާވައިގެން އައި ގޮތަށް އެކަން ނުވީ،” އެދުވަހުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު (ޓޫޓޫ) ވިދާޅުވެފައި ވެއެވެ.ދިވެހި ސިފައިންގެ ގަދަފަދަ ޙަމަލާގެ ކުރިމަތީގައި ބާޣީން ބަލިވަމުންދަނިކޮށް އެމީހުންނަށް އިތުރު ނާ އުންމީދަކާ ކުރިމަތިވީ ރަޙުމަތްތެރި އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަންނަ ޚަބަރާ އެކުގައެވެ. މި ޚަބަރު ލިބުމާއެކު ބާޣީން މަސައްކަތް ފެށީ ފިލައިގެން ދިޔުމަށެވެ. އެގޮތުން އަތުޖެހުނު ދިވެއްސަކު ވިއްޔާ ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓަކަށް ގެންދިޔައެވެ. އަދި އޭގައި ފިލައިގެން ދިޔުމަށް ދަތުރުފެށިއެވެ. އޭގައި ރަހީނުންގެ ގޮތުގައި 27 ދިވެހިން ގެންދިޔައެވެ.

ދިވެހިރާއްޖޭގެ ދިފާއީ ބާރު

ނޮވެންބަރު 3 ގެ ޙަމާލާ ނާކާމިޔާބު ކޮށްލުމުގައި އެންމެކުރީ ސަފުގައި ހުންނެވީ ހިތްވަރުގަދަ ބަޠަލެކެވެ. އެއީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމެވެ. އެންމެ 20 އަހަރުގެ އެ ޒުވާނާ އެދުވަހު އެއްވެސް އަމިއްލަ އެދުމެއްނެތި އޭނާގެ ފުރާނަ ހިބަކޮށްދެއްވީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ މި ލޮބުވެތި ވަޠަނަށްޓަކައެވެ. ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުވަންދެން ތަމަޅަ ހަނގުރާމަވެރިން އެދުވަހު މާލެގައި ޙަމަލާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ޝަހީދު ހުސެއިން އާދަމް

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއިރު ހަނގުރާމަ ވަނީ މައިތިރިވެފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހުނެވެ. އެދުވަހު އެންމެ މަތިވެރި ޖިހާދެއް ކުރެއްވީ އަޅުގަނޑުމެންގެ ހިތްވަރުގަދަ ދިވެހި ސިފައިންނާއި، ޤައުމަށް ހެޔޮއެދޭ ދިވެހި ލޮބުވެތި ރައްޔިތުންނެވެ.

ތިނެއް ނޮވެމްބަރުގައި ޝަހީދުވި ދިވެހި ސިފައިން

ބާޣީން ބަލިވުމާއި ގުޅިގެން ރާއްޖޭން ފިލުމަށްޓަކައި މާލެ ބަނދަރުގައި އޮތް ބޯޓެއް ކަމަށްވާ “ޕްރޮގްރެސްލައިޓް” އަށް އަރައިގެން ފިލަން ދިޔައިރު ދިޔައީ ރަހީނުންގެ ގޮތުގައި އެތަކެއް ދިވެހީން ގޮވައިގެންނެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްލާފައެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މާތްﷲ ގެ މަދަދާއިއެކު ދިވެހިން ކުރި ހިތްވަރާއިއެކު ހަނގުރާމައިގައި ކާމިޔާބު ލިބި، ޚާއިނުންގެ އަނިޔާވެރި މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސާލާމަތްވެ އޯގާވަންތަ މާތްﷲ ގެ ރަޙުމަތުން ނަޞްރު ލިބުނީއެވެ.

ނޮވެމްބަރު 3 ގެ ހަމަލާގެ ތެރެއިން ފިލަން އުޅުން ބަޔަކު ހައްޔަރު ކުރަނީ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖެއަށް އެކިފަހަރުމަތިން ކުރިމަތިވެފައިވާ ދުޝްމިނުންގެ ޙަމަލާތަކުގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިޒަމާނުގެ ހަތިޔާރާއި ހުނަރުތައް ބޭނުންކުރެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ. ހިތާމައަކީ މިއަދުވެސް ދިވެހީންގެ ތެރޭގައި ޤައުމުގެ މިނިވަންކަމާއި، ދީނަށް ޢަދާވަތްތެރިވާ މަދުބަޔަކު ނަމަވެސް އުޅެމުންދާކަމެވެ. މިހާރުވެސް އިސްލާމްދީން ނޫން ދީންތަކަށް މިޤައުމުން ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރާ ދިވެހީން މަދުންނަމަވެސް އެބަމަސައްކަތްކުރެއެވެ.

ނޮވެމްބަރ 3 ގައި ރާއްޖެއަށް ހަމަލާ ދިނުމުގައި އިސްކޮށް ހުރި ބާޣީ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ

މި ޙަމަލާގައި ދިވެހިން އެންމެބޮޑަށް ލަދުގަނެ ދެރަވާންޖެހުނީ އޭގެ އަޑީގައި ދިވެހީންގެ މަދުބަޔަކު ނަމަވެސް ތިބުމެވެ. އަދި ޢަމަލީ ގޮތުން އެކަމުގައި ދިވެހިން ބައިވެރިވުމެވެ. އެއީ މާޒީއެވެ. މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. މާޒީން ފިލާވަޅު ނަގައިގެން މުސްތަޤުބަލް ބިނާކުރުމަކީ ބުއްދިވެރިންގެ ގޮތެއް ކަމަށް ބުނެއެވެ.

މިއަދު 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގެ މަތިން ހަނދާންކޮށްލަ ކޮށްލައި ތިބެގެން ވާކަށްނެތެވެ. އެފަހުން ލައްކަ ކަމެއް ބަދަލުވެގެން ހިނގައްޖެއެވެ. އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހުން ޢިބުރަތް ލިބިގަނެ، އެދުވަހުގެ މަތިން ހަނދާން ކުރުމަށެވެ. ބޭނުމަކީ އަދިވެސް އެފަދަ ދުވަހެއް ކުރިމަތިވެދާނެތީ ތައްޔާރަށް ތިބުމެވެ. ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާކަމެއް ކޮށްގެން ތިބުމެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: