ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޓެރެރިޒަމްގެ ރިސްކް ބޮޑު ކަމަށް ބުނެ ދަތުރު ކުރުމުގައި ސަމާލުވުމަށް ކެނެޑާއިން އެދިއްޖެ

ކެނެޑާގެ ބޮޑުަވަޒީރާއި އިސްރާއީލުގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބާއްވާ ސުލްހަވެރި އެއްވުންތައް ހަމަނުޖެހެންތަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށާއި ކޮންމެ ވަގުތެއްގައިވެސް ޓެރަރިސްޓު ހަމަލާއެއް ދިނުން އެކަށީގެންވާކަމަށް ބުނެ ދަތުރުކުރާ މީހުން ސަމާލުވުމަށް ކެނަޑާއިން އެދިފިއެވެ.

ކެނެޑާއިންވަނީ ރާއްޖެއަށް ދަތުރުކުރާ އެންމެން ސަމާލުވުމަށް ބުނެ އެ ގައުމުގެ ސަރުކާރުގެ ވެބްސައިޓެއްގައި ރާއްޖޭގައި ޓެރަރިޒަމްގެ ރިސްކު އޮތްކަމަށް ބުނެފައެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރާ މީހުންގެ ސަމާލުކަން މަތީ ދަރަޖައެއްގައި ބެހެއްޓުމަށް އެ ގައުމުންވަނީ އިރުޝާދު ދީފައެވެ. މި އިރުޝާދު ނެރިފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގައެެވެ.

ކެނެޑާއިން ބުނެފައިވާގޮތުން ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އެބަ އޮތެވެ. އަދި ކޮންމެ ވަގުތެއްގައިވެސް ޓެރަރިސްޓުން ހަމަލާތަކެއް ދިނުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ. އެ ގައުމުން ބުނެފައިވާގޮތުން ހަމަލާއެއް ދީފާނެކަމަށް ބެލޭވޭ ތަންތަނުގެ ތެރޭގައި ސަރުކާރުގެ އިމާރާތްތަކާއި ސުކޫލުތައް ހިމެނެއެވެ. އަދި އަޅުންކަން ކުރާ ތަންތަނާއި އެއަރޕޯޓުތަކުގެ އިތުރުން އެހެނިހެން ދަތުރު ފަތުރުކުރުމުގެ ގޮތުން ބޭނުންކުރާ ހަބުތަކުގައިވެސް އެފަދަ ހަމަލާއެއް އައުން އެކަށީގެންވާކަަމަށް ބުނެފައިވެއެވެ.

އެ ގައުމުން ބުނެފައިވާގޮތުން، އާންމުންނަށް ހުޅުވާލާފައިވާ ފަތުރުވެރިން ޖަމާވާ ތަންތަނާއި، ރެސްޓޯރެންޓު އަދި ބާތަކާއި ކޮފީޝޮޕުތަކުގައިވެސް އެފަދަ ކަމެއް ހިނގާފާނެކަމަށް ބެލެވެއެވެ. އަދި މާރުކޭޓުތަކާއި ހޮޓާ އަދި ރިސޯޓުތައްފަދަ އާންމުކޮށް ފަތުރުވެރިން ގޮސް އުޅޭ ތަންތަނަށްވެސް ހަމަލާ ދީފާނެކަމުގެ ބިރުއޮތްކަމަށް އެ ގައުމުން ފާހަގަކުރިއެވެ. އެހެންކަނުން އަބަދުވެސް ފަތުރުވެރިން ވަށައިގެންވާ ވެއްޓަށް ސަމާލުކަން ދިނުމަށް ކެނެޑާއިންވަނީ އެދިފައެވެ.

އެ ގައުމުންވަނީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ ގޮތުންނާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއިމެދުވެސް ސަމާލުވުމަށް އެދިފައެވެ. ކެނެޑާއިން ބުނެފައިވާގޮތުން ރާއްޖޭގައި މިވަގުތު އެކި އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ. އަދި ސުލްހަވެރި އެއްވުންތައްވެސް ހަމަނުޖެހުމަކަށް ބަދަލުވެދާނެކަމަށާއި އެހެންކަމުން ޓްރެފިކަށް އަސަރުކޮށް ދަތުރުކުރުމުގައި ދަތިތައް ކުރިމަތިވެދާނެކަަމަށް އެ ގައުމުންވަނީ ބުނެފައެވެ.

ކެނެޑާއިންވަނީ ގިނަ އަދަދެެއްގެ މީހުން ޖަމާވާ ސަރަހައްދުތަކަށް ނުދިއުމަށް އިރުޝާދު ދީފައެވެ. އަދި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށާއި ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކަށްވެސް ސަމާލުކަން ދިނުމަށް ބުނެފައިވެއެވެ.

އެ ގައުމުންވަނީ ރާއްޖޭގައި ކުށްކުރާ ޖަމާއަތްތަކެއް ތިބިކަމަށް ފާހަގަކޮށްފައެވެ. ކެނެޑާއިން ބުނެފައިވާގޮތުން މާލެ އަދި ހުޅުމާލެ ފަދަ ބައިބޯ ސަރަހައްދުތަކުގައި ގޭންގުތަކާއި ގުޅުންހުރި އަނިޔާވެރި އަމަލުތައް ހިނގުން އެކަށީގެންވާކަމަށެވެ. އެހެންކަނުން އެކަމަށް އަބަދުވެސް ފަރުވާތެރިކަން ބެހެއްޓުމަށް އެދިފައިވެއެވެ. އެ ގައުމުންވަނީ ރާއްޖޭގެ ރަށްތަކުގައި މޫދަށް އެރުމުގައިވެސް ނުރައްކާތަކެއް ކުރިމަތިވެދާނެކަަމަށް ފާހަގަކޮށްފައެވެ. އަދި ކޮންމެ އަހަރެއްގައިވެސް އެތަކެއް ބަޔަކު ގެނބިގެން މަރުވާކަމަށްވެސް ކަނެޑާއިންވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން އެންމެ މަގުބޫލު އެއް ތަޖުރިބާކަމަށްވާ ޑައިވިންގް އާއި ގުޅޭގޮތުންވެސް އެ ގައުމުން ބައެއް މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ކެނެޑާއިން ބުނެފައިވާގޮތުން ރާއްޖޭގައި ކަނޑުމަތީގައި ހާދިސާއެއް ހިނގުމުން ދެވޭ ސަލާމަތީ ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތުން އެކަށީގެންވެއެެވެ. އަދި ޑައިވް އޮޕަރޭޓަރުން ބޭނުންކުރާ ސާމާނުގެ ކޮލިޓީ ދަށްވުމުންނާއި ބައިނަލްއަގުވާމީ ސަލާމަތީ މިންގަނޑުތަކަށް ބަލާ މިންވަރު ކުޑަވުމުން އެތަކެއް ބަޔަކަށް ހާނިކަތައް ވެފައިވާކަމަށްވެސް ބުނެފައިވެއެވެ. ކެނެޑާއިން ބުނެފައިވާގޮތުން ރާއްޖޭގައި ފުރޮޅުލީ އުޅަނދު ދުއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާވެސް ގާއިމުކުރެވިފައިވަނީ މަދު ރަށެއްގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: