ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ޔޫއޭއީން ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ޔޫއޭއީގެ ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ޔޫއޭއީއަށް ޑރ. މުއިއްޒު ކުރެއްވި އަމިއްލަ ދަތުރުފުޅުގައި ލިބުނު ފުރުސަތުގައި އެއާރޕޯޓުގެ މަޝްރޫއު ނިންމަން ފަންޑުހޯދުމަށް އެގައުމުގެ ސަރުކާރުގައި އެދިވަޑައިގަންނަވާފައި ވާކަމަށެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވާކަމަށް ވިދާޅުވެ އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ސައުދީ ފަންޑުން ވަނީ އެއްބަސްވެފައި ވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. ބާކީ ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރު ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދޭނީ އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އަދަދުތަކަށް ބަލާއިރު އެއާޕޯޓު ނިންމަން އަދި އިތުރަށް 20 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބެލެވުނު ނަމަވެސް އެ އަދަދު ބޭނުން ނުވާނެ ކަމަށް ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.

“މި ފައިސާ ހަމަޖެހިގެން ދިޔުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ. މި ހަމަޖެހިގެން ދިޔަ ފައިސާ އާއެކު އެއާޕޯޓު މަޝްރޫއު ބާރަށް ކުރިއަށް ގެންގޮސް ކަނޑައަޅާފައިވާ އަމާޒަށް މަޝްރޫއު ނިންމާލެވޭނެ ކަމުގެ އިތުބާރާ ޔަގީންކަން ލިބިއްޖެ” ފިރުޒުލް ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގެ މަޝްރޫއު 2024 ގެ ސެޕްޓެމްބަރަށް ނިންމާނެ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވަން އެމަނިކުފާނު އަމަލީ ގޮތުން ވަޑައިގަންނަވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ބަޖެޓު ސަޕޯޓަށް ވެސް އެހީތެރިވާނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ބޭނުންވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޔޫއޭއީ ސަރުކާރުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދީފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަތަރު ފަރާތަކުން ލޯނު ނަގައިގެން ހިންގާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5 ބިިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެއްކަމަށް ވާއިރު މި މަޝްރޫއުއަށް ލޯނު ނަގާފައިވަނީ ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: