ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫނި ސޫފާ ސޫފީގެ ވިޔަފާރި: އެތައް ބިލިއަން ޑޮލަރަކުން ރާއްޖެ މަހުރޫމް

އެންމެ މަގުބޫލު އެއް ދޫނީގެ ބާވަތްކަމަށްވާ ކޮކަޓިއެލް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދޫނި ސޫފާ ސޫފިއަށް އިންސާނުންގެ ޝައުގު ޒަމާނުއްސުރެ ހުންނަކަން، ތާރީހަށް ބެލުމުން އެނގެއެވެ. ކެއިންބުއިމުގެ ބޭނުމުގައި ދޫނި ގެންގުޅުމަކީ އާންމު ކަމެއްގެ ގޮތުގައި ތާރީހުން ފާހަގަކުރެވޭއިރު، މީލާދީގޮތުން 4000 ވަނަ އަހަރުގެ ތެރޭގައި ކެއިންބުއިމުގެ އިތުރުންވެސް އެހެނިހެން ބޭނުންތަކަށް މިސްރުގައި ދޫނި ގެންގުޅުންކަން ތާރީހުން ފެނިގެންދެއެވެ. 960 އާއި 1279 ދެމެދު ޗައިނާއިންވަނީ މި މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްފައެވެ. ޒީނަތްތެރިކުރުމުގެ ނިޔަތުގައި މަސް ދިރުވައި އާލާކުރުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރީ އެ ގައުމުންނެވެ.

ދުނިޔޭގެ އެއް ތަނުން އަނެއްތަނަށް ޖަނަވާރު ގެންގޮސް ވިޔަަފާރިއެއްގެ ގޮތުގައި އެ މަސައްކަތްތައް ކުރެވެން ފެށީ، މާކަނޑުގައި ދަތުރުފަތުރުކުރެވެން ފެށުމާއިއެކު 15 ވަނަ ގަރުނުގެ ތެރޭގައެވެ. އަދި މި ވިޔަފާރި މަގުބޫލުވެ ފުޅާވެގެންދިޔައީ 20 ވަނަ ގަރުނުގެ ތެރޭގައިކަމަށްވާއިރު، މިއަދު މި މަސައްކަތް ކުރުމުގައި އެތައް މިލިއަން ބަޔަކު ޝާމިލުވެއެވެ.

ހަރުފަ އާއި ބޮނޑުުފަދަތަކެތި ގާތުގައި ގެންގުޅޭ ޖަނަވާރު ނުވަތަ “ޕެޓްސް” ގެ ގޮތުގައި މަގުބޫލުވެގެންދިޔައީ 1980 އާއި 1990ގެ އަހަރުތަކުގެ ތެރޭގައިކަމަށްވާއިރު، އެ މަގުބޫލުކަންވަނީ މިއަދާއި ޖެހެންދެންވެސް ދެމެހެއްޓިފައެވެ. މިއަދުވެސް އެންމެ ގިނައިން ގަނެ ވިއްކާ އެއް ބާވަތަކީ ރެޕްޓައިލްސްއެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި ދޫނި ސޫފާ ސޫފީގެ ވިޔަފާރި ފުޅާވެގެން އައި އިރު، މި ވިޔަފާރީގެ އަގު 160 ބިލިއަން ޑޮލަރަށް އަރައެވެ. މިއަދު މި އަދަދުތައް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ދިރޭތަކެތީގެ ވިޔަފާރި ފުޅާވެގޮސް މިއަދު ހަރުފަ ފަދަ ތަކެތީގެ 500އަށް ވުރެ ގިނަ ބާވަތެއް ގަނެ ވިއްކާ ހަދާއިރު، އެ އަދަދަށް ދޫނީގެ ބާވަތްތައްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައި ލިބިގަންނަމުން އެބަދެއެވެ. މިކަމުގެ ތެރޭގައި ގުރަލާއި އެހެނިހެން އެފަދަ ޒީނަތްތެރިކުރުމަށްވެސް ބެހެއްޓޭ ދޫންޏަކީ މަގުބޫލު އެއްޗެކެވެ. ބޭރު ގައުމުތަކެކޭ އެއް ފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް މި މަގުބޫލުކަން ފެނިގެންދެއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި އިމްޕޯޓުކޮށްގެން ދޫނީގެ އެކި ބާވަތްތައް ގެންގުޅެމުންދާއިރު، މިއަދު އެތަކެތި އާލާކޮށް ވިއްކުމުގެ މަސައްކަތްތައްވެސް ފުޅާ ދާއިރާއެއްގައި ކުރެވެމުންދެއެވެ. މިއަދު ރާއްޖެއަކީވެސް ދުނިޔޭގެ ބާޒާރުގައި އަގުބޮޑު އަދި މަގުބޫލު އެތަކެއްޗެއް އާލާކޮށް ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ގާބިލު އެތަކެއް ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ. އެހެންނަމަވެސް ރާއްޖެއަށް މި ސިނާއަތުގެ ފުރިހަމަ މަންފާ ހާސިލެއް ނުވެއެވެ. އަދި ވިއްކަނީ ދިވެހިން ދިވެހިންނަށެވެ.

ރާއްޖޭގައި ދޫނި ސޫފާ ސޫފި އެތެރެ ކުރުމަށް ގަވައިދެއް އެކުލަވާލާފައިވާއިރު، އެކްސްޕޯޓުކުރުމަށް ގަވައިދެއް އެކުލަވާލާފައިނުވާކަން ފާހަގަކުރެވެއެވެ. އެފަދަ ގާނޫނެއް ފަރުމާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައުނުވަނީ އެތަކެއްޗަކީ ރާއްޖޭގައި ގުދުރަތީ ގޮތުން ނުތިބޭ ތަކެއްޗަށްވުމުންކަމަށްވުމީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް މިއަދު މި މަސައްކަތަކީ ކުރެވެމުންދާ ކަމެއް ކަމަށްވުމުންނާއި، ގާބިލުކަން ހުރިކަމަށްވުމުން އިމްޕޯޓުކުރެވޭ މުދަލުން ނަމަވެސް އާލާކޮށްގެން ބޭރުކުރުމުގެ ވިސްނުމާއި ދިމާލަށް ދިއުމަށް ވަގުތު ޖެހިއްޖެއެވެ. ދިވެހި ހުނަރުވެރިންނަށް އެ މަސައްކަތްކުރަމުންދާ ދާއިރާއަކުން ދެވެން އޮތް އެންމެ ކުރިއަކަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

އެހެންކަމުން ބޭރު ގައުމުތަކުގައި ތިބި މީހުންނަށްވެސް ރާއްޖެއިން އެތަކެތި ގަނެގެން ގެންދެވޭނެ އަދި އެކްސްޕޯޓުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުންނާއި ސިނާއަތުގެ ތެރެއިން ސަރުކާރަށްވެސް މަންފާއެއް ލިބޭނެ މަގުފަހިކުރުމަށް މި މަސައްކަތްތައްވެސް ގާނޫނާއި ގަވައިދެއްގެ ތެރެއަށް ފައްތަންޖެހޭއިރު، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެކްސްޕޯޓުކުރުމުގެ ގާނޫނެއް އެކުލަވާލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެނެއެވެ. ދެކެވެމުންދަނީ އެއް ފަހަރު ގެނައުމުން އާލާވެގެންދާ ތަކެތީގެ ވާހަކަ ކަމަށްވުމުން ގުދުރަތީގޮތުން ރާއްޖޭގައި އެތަކެތި ނެތުމަކީ ސިނާއަތުގެ ކުރިއެރުމަށް އޮތް ހުރަހެއް ނޫނެވެ. އެންމެ ބޮޑު ހުރަހަކީ އެކަން ކުރުމަށްޓަކައި ބޭނުންވާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައިނުވުމެވެ.

ވިޔަފާރީގެ ވިސްނުމުގެ އިތުރުންވެސް މިކަން ކުރަން ރަނގަޅުކަމަށް ފެންނަ އިތުރު ސަބަބުތައްވެސް އެބަހުއްޓެވެ. ދުޅެހެޔޮ ސިއްހަތެއްގައި ތިބި ވަކި ޝަރުތުތަކެއް ފުރިހަމަވާ ދިރޭ ތަކެތި ނޫނީ ބޭރު ގައުމުތަކުން ބަލައެއް ނުގަންނާނެއެވެ. ރާއްޖޭގައި އެއް ބަޔަކު އިންސާނިއްޔަތާއި ކުލުނުގެ މައްޗަށް ބިނާކޮށް މަސައްކަތްތައް ކުރަމުންދާނަމަވެސް ގިނަ މީހުން ކުރަމުންދަނީ ޖެހުނުގޮތަކަށްކަމީ ހަގީގަތެކެވެ. ގެންގުޅެމުންދަނީ އެތަކެއްޗަށް މާ ބޮޑު އަޅާލުމެއް ނެތި ނުވަތަ އަޅާލުން ކުޑަ ގޮތަކަށެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ މާކެޓަށް އެފަދަ ހާލަތެއްގައި ތިބި މުދަލެއް ނުވިއްކޭނެވެ. އެހެންކަމުން އެ ފޮނިމީރުކަން ހާސިލުކުރަން ބޭނުންވާ ކޮންމެ ފާމަކުންވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއް ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެއެވެ. އެތައް ބިލިއަން ޑޮލަރެއްގެ މާކެޓެއްގައި ޝާމިލުވާން ބޭނުން ނުވާނެ ސަބަބެއް ނެތެވެ.

ބައިނަލްއަގުވާމީ ދިރޭތަކެތީގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނުތަކާއި މިންގަނޑުތައް، ހާއްސަ ގޮތެއްގައި މިފަދަ ޖަނަވާރު އެއްގައުމުން އަނެއް ގައުމަށް ފޮނުވުމާއި ގުޅޭ ގާނޫނުތައް އެކުލަވާލާފައިވަނީ ކުލުނާއި އޯގާތެރިކަމުގެ މައްޗަށްކަމަށްވުމުން އެ މިންގަނޑުތަކަށް ފެތުމުން ރާއްޖޭގައިވެސް އެތަކެތި އެގޮތުގެ މަތިން ގެންގުޅެމުން ބާރު އެޅިގެންދެއެވެ. އެހެންކަމުން ރާއްޖޭގައި ޖަނަވާރުތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގައި މިކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަންވެސް ޔަގީނެވެ.

މީގެ އިތުުރުން ރާއްޖޭގައި އެނިމަލް ޕްރޮޓެކްޝަންސް ސާވިސްއެއް އެކުލަވާލަންވެސް ވަގުތު އައިސްފިއެވެ. ރާއްޖޭގައި އެންމެ ގިނައިން މީހުން ގެންގުޅޭ އެކައްޗަކީ ބުޅާ ކަމަށްވާއިރު، ގެނެސް ދޫކުރަމުންދިއުމުގެ ސަބަބުން އެތަކެތި ރާއްޖޭގެ އެކި ރަށްތަކުގެ މަގުތަކާއި ކަންކަންމަތީގައި ގިނަވާން ފަށައިފިއެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރެވޭ ކޮންމެ ފުރާނައަކީވެސް ކޮންމެވެސް މީހެއްގެ ޒިންމާއެއްކަން ކަށަވަރުކުރަން އެބަޖެހެއެވެ. ގެނެސް އިހުމާލުތަކެއް ނުވާކަން އަދި އެތަކެތީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވެއްޓަށްވެސް ގެއްލުންތައް ލިބިގެންދާކަންވެސް ކަށަވަރުކުރަން އެބަޖެހެއެވެ.

އެ އަމާޒު ހާސިލުކުރުމަށްޓަކައި ތަހުޒީބު ގައުމުތަކުގައި އެ އޮންނަ ފަދައިން ރާއްޖޭގައިވެސް ބައެއް ދިރޭ ތަކެތި ގެންގުޅުމަށް ލައިސެންސް ހޯދަންޖެހުމާއި އިހާނެތިކޮށް ހިތުން ފަދަ އަމަލެއް ހިންގައިފިނަމަ ޖޫރިމަނާކުރުމުގެ އިތުރުން އެއަށްވުރެ ގޯސްވެގެންދާ ހާލަތްތަކަށްވެސް އުސޫލުތަކާއި ގަވައިދުތަކާއި ގާނޫނުތައް ބިނާކުރެވެންޖެހެއެވެ. ދާދި ފަހުންވެސް މީހަކު ބުޅަލެއް ގަޔަށް ވަޅިއެއް ހަރާލި މަންޒަރު ސޯޝަލްމީޑިއާގައި އާންމުވިއެވެ. އެހެންކަމުން އެފަދަ ކަންކަމަށްވެސް ޖާގަ ނުދިނުމުގެ ގޮތުންވެސް ރާއްޖޭގައި މިކަންކަމާއި ގުޅޭ ފުރިހަމަ ގާނޫނެއް އެކުލަވާލުމުގެ އަވަސް މަސައްކަތްތަކެއް ކުރުން މުހިންމެވެ.

ރާއްޖެއަށް އެތެރެކުރުން ހުއްދަ ބާވަތްތަކުގެ ލިސްޓުގައި ނުހިމެނޭ ގުރާތަކެއް ވެއްދުމުން ވެލާނާ އެއަރޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް އުނިޓުގެ ބެލުމުގެ ދަށުން 120 ދޫނި މަރާލިތާ 3 މަސް ދުވަސް ފަހުން އެ ބާވަތުގެ ދޫނި ރާއްޖެއަށް އެތެރެކުރެވޭ ލިސްޓަށް އެރުވި މައްސަލައެއްވެސް މީޑިއާތަކުގައި ފެންމަތިވެފައިވާކަމަށްވުމުން ރާއްޖޭގައި މިފަދަ ކަންކަމަށް އަޅާލުން ކުޑަކުރެވިފައިވާ މިންވަރު ސާފުވެއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 32%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: