ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ ވަގުތެއްގައި، ދައުލަތުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރަން މާލިއްޔަތު ކޮމިޓީގެ ނިންމި ނިންމުމަށް ތާއީދު ކުރެވެން ނެތްކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މެމްބަރުންގެ މުސާރަ ކަނޑައެޅުމާއި، މަގާމުތަކުގެ މުސާރަތައް ބޮޑު ކުރުމުގެ މަަސައްކަތް އިއްޔެ މާލިއްޔަތު ކޮމިޓީގައި ކުރިޔަށް ދިޔަ އެވެ. ބައްދަލުވުމުގައި އެންމެ ފުރަތަމަ ހުށަހެޅީ، މުސާރައިގެ ގޮތުގައި މެމްބަރުންނަށް 82،000 ރުފިޔާ ލިބޭ ގޮތަށް ކަނޑައެޅުމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 57،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 82،000 ރުފިޔާ އެވެ. އެކަމަކު ކޮމިޓީއަށް އިތުރު ހުށަހެޅުންތައް ހުށަހެޅުމުގެ ގޮތުން، އެ މަޝްވަރާތައް ސިއްރު ކުރުމަށް ފަހު އޮފް ދަ ރެކޯޑުގައި ދެކެވުނު ވާހަކަތަކަށް ފަހު އަސާސީ މުސާރައަކީ 55،000 ރުފިޔާކަމަށް ކަނޑައަޅައި، 80،000 ރުފިޔާ ލިބޭ ގޮތަށެވެ.
އެއަށް ފަހު މި ގެނެވުނު ބަދަލާއި އެކު ކުރިޔެކޭ ވެސް އެއްގޮތަށް ކޮމިޓީ އެލަވަންސް ލިބޭނެކަމަށް އިއުލާނު ކުރި އެވެ.އެހެންކަމުން ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާ ހިމެނުމުން ދެން ޖުމްލަ މުސާރައަކީ އެއްލަކަ ރުފިޔާ އެވެ.
ކޮމިޓީ އެލަވަންސް ހިމަނައިގެން މެމްބަރުންނަށް މުސާރައިގެ ގޮތުގައި އެއްލަކަ ރުފިޔާ މަހަކު ލިބޭނެކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ބައެއް މަޝްވަރާތައް އޮފް ދަ ރެކޯޑުގައި ކުރިޔަށް ގެންދިއުމުގެ ސަބަބުން މާލިއްޔަތު ކޮމިޓީގައި ދެކެވުނު ވާހަކަތައް ސީދާ ސާފުނުވި ނަމަވެސް އަންނަ ދައުރަށް މުސާރަ ބޮޑުކޮށް އަމަލު ކުރަން ފެށުމަށް ބައެއް މެމްބަރުން އެއްބަހެއް ނޫނެވެ. އަމިއްލަ މުސާރަ ބޮޑު ކުރުމަކީ އެއީ ގޯސް ސަގާފަތެއްގެ ފެށުމަށް ވެދާނެކަމަށް ފާހަގަކޮށް ވާހަކަ ދެއްކެވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މި މައްސަލައިގައި މިއަދު އާޒިމް ވިދާޅުވީ މަޖިލިސް މެމްބަރުން ނުވަތަ ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު އެކަމަށް ތަން ނުދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމު ބަނގުރޫޓުވުމުގެ މިސްރާބަށްދާއިރު، އެކަމަށް ޖާގަ ވެސް ނުދޭނެ އެވެ.
މިފަދަ ދަނޑިވަޅެއްގައި ތިޔަކަންކަން ކޮށްގެން ނުވާނެ.
ތިކަމެއް ނުކުރެވޭނެ. ވިޔަކަ ނުދޭނަން.
ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލާށް! https://t.co/ucbJrrYdcW
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 19, 2023
މިގޮތަށް ނިންމިއިރު، މުސާރަތަކަށް ގެންނަ ބަދަލުތަކަށް ދައުލަތުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
މަޖިލިސް މެމްބަރުންގެ އިތުރުން ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި، ނައިބު ރައީސް އަދި ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުން އަދި ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރަން ވެސް ނިންމާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ޑިރެކްޓަރުންނާއި، ބޯޑު މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލާއި ކައުންސިލް މެމްބަރުންގެ މުސާރަ ވެސް މިއާއި އެކު ބޮޑު ކުރުމަށް ކޮމިޓީން ފާސްކުރި އެވެ.
މުސާރަތަކަށް ބަދަލު ގެނައުމަށް ކޮމިޓީން ނިންމި ނަމަވެސް، އެކަމާއި މެދު ގޮތެއް ނިންމާނީ ރިޕޯޓު ތަޅުމަށް ހުށަހަޅައި އެކަމަށް ބަހުސް ކުރުމަށް ފަހު އެވެ.

