ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން ނައިސްދާނެކަމުގެ ބިރެއް ނެތް، ކައްކަމުންދަނީ ސިޔާސީ ފޮލާ!

ރައީސް އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުތަކާއި ހަވާލުވެ ތިބި މީހުންގެ ހިޔާލުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދުގައި އޮތީ ގާތް ޒަމާންވީ ގުޅުމެއްކަމާއިމެދު ސުވާލު އުފެއްދުމަށް ޖާގައެއް ނެތެވެ. ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅިގެންދިއުމާއިއެކު އެންމެ ގިނަ އެހީތައް ރާއްޖެއަށް ފޯރުކޮށްދީފައިވާ އެއް ގައުމަކީ އިންޑިއާކަން ދިވެހިރާއްޖެއިން އެ ގައުމަށް އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ ދަރަނީގެ އަދަދުން ސާފުވާއިރު، ބައިނަލްއަގުވާމީ ދުނިޔޭގައި އިންޑިއާގެ ޝަހުސިއްޔަތު ބިނާކުރުމުގައި ދިވެހިރާއްޖެއިން އެ ގައުމުން އެޅި ކޮންމެ ފިޔަވަޅެއްގައި ދީފައިވާ އެއްބާރުލުމާއި ތާއީދުގެ ކުޅެފައިވާ މުހިންމު ރޯލާއިމެދު އިންޑިއާއަށްވެސް ދެކޮޅެއް ނުހެދޭޭނެއެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވެމުން އައި މަސައަްކަތްތަކުގެ ތެރެއިން ސަރަހައްދީގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފުގައި ފައިތިލަ ސާބިތުކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެވިއްޖެއެވެ. އެހެންކަމުން ދިވެހިރާއްޖެ އަދި އިންޑިއާވަނީ އެކި ގޮތްގޮތުން ގުޅިލާމެހިފައިވާކަަމާއިމެދު ޝައްކެއްވެސް ނެތެވެ.

ހަމައެފަދައިން ދިވެހިރާއްޖެއަކީ މި މުޅި ސަރަަހައްދުގެވެސް އެންމެ ކީ ސްޓްރެޓީޖިކް ލޮކޭޝަންވެސްމެއެވެ. ދިވެހި ގައުމު އޮންނަނީ ބައިނަލްއަގުވާމީ އިގްތިސާދީ ލޭނާރަކާއި ގާތުގައެވެ. އިންޑިއާ އިން ރާއްޖެ ކުރިއެރުވުމުގައި ހާއްސަ އަހައްމިއްޔަތެއް ދެމުންދަނީވެސް އެ ސަބަބާއި އެކުއެވެ.

ރާއްޖޭގައި ވަސީލަތްތައް ގާއިމުކޮށްދިނުމުން އެ ގައުމަށް ރާއްޖޭގެ ސަރަހައްދީ އިމުގައި އެ ވަސީލަތްތައް އެ ގައުމުގެ ވިސްނުމުގެ މައްޗަށް ބޭނުން ކުރެވޭކަން ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވާ ދުއްވުމުން ސާފުވެއެވެ. އެހެންކަމުން އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަނީ ދެ ފަރާތަށްވެސް ފައިދާވަނިވި ގުޅުމެކެވެ. ހިތާއި ހިތުގެ ގުޅުމެކެވެ.

ޒަމާނުއްސުރެ ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އަންނަހެން ރާއްޖެއިންވެސް ދިވެހިން އިންޑިއާ އަށް ގޮސް ހަދައެވެ. މިއީވެސް ދެބަސް ނުވެވޭނެ ހަގީގަތެކެވެ. 2022 ވަނަ އަހަރުގެ ތެރޭގައި ވިޔަފާރި ބޭނުމަށާއި، ސިއްހީ ފަރުވާގެ ބޭނުމުގެ އިތުރުން ތައުލީމު ލިބިގަތުމަށާއި ފަތުރުވެރިކަމުގެ ބޭނުމާއި އެހެނިހެން އެކި ކަންކަމުގައި ގާތްގަނޑަކަށް 140،000 ދިވެހިން އިންޑިއާއަށް ދިޔަކަމަށް އެ ގައުގެ ހައިކޮމިޝަނުން ހިއްސާކުރި ތަފާސްހިސާބްތަކުން ދައްކައެވެ. ހަމައެހެންމެ  2023ގައި ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ދެ ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އެ ގައުމުން ރާއްޖެއަށް ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އެހެންކަމުން އެ ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދިއުމުގެ ސަބަބުން ކުރެވިގެންދާ މާލީ މުއާމަލާތްތަކުގެ އަގު ހަމަހަމައޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ.

މިއަދު ރާއްޖެ އާއި އިންޑިއާ ދެމެދު ޖެހިފައިވަނީ ވަރަށްވެސް ހެއްވާ މަޖާ މައްސަލައެކެވެ. ސޯޝަލްމީޑިއާގައި ސިޔާސީ އެކްޓިވިސްޓުންތަކެއްގެ ދެމެދު ޖެހުނު މައްސަލައެއް ހޫނުވެ. އެކަމުގެ ތެރޭގައި ޝާމިލުވި ސަރުކާރުގެ އޮފިޝަލުންތަކެއް ސަސްޕެންޑުވެސްކޮށްފިއެވެ. އެ މީހުން ސަސްޕެންޑުކުރީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓުކުރުމަށް ގޮވާލައި އެ ގައުމުގެ ބައެއް ސޯޝަލްމީޑިއާ އެކްޓިވިސްޓުން ކެމްޕެއިންއެއް ފަށާފައިވަނިކޮށެވެ. އެހެންކަމުން މި މައްސަލައަކީ މުހިންމު މައްސަަލައެއްގެ ގޮތުގައި ފެނިގެންދެއެވެ.

ސުވާލަކީ، ހަގީގަތުގައިވެސް މި މައްސަލައިގެ ތެރެއިން އިންޑިއާއިން ރާއްޖެ އަންނަން ތިބި ފަތުރުވެރިން ބުކިންތައް ކެންސަލްކޮށްލައި ދިވެހި އިގްތިސާދު ފުނޑުފުނޑުވެދާނެތޯއެވެ. ނުވާނެއެވެ. މީގެ ކުރިންވެސް މިފަދަ އެތައް މައްސަލައެއް ފެންމަތިވެ އެތައް ފަހަރެއްގެ މަތިން ބޮއިކޮޓްކުރުމަށް ގޮވާލާފައިވެއެވެ.

ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރޭގައި ދިވެހިން އިންޑިއާއަށް ދިއުންވެސް މަދުނުކުރާ ގޮތަށް ހަމަ އެ ގައުމުން ރާއްޖެއަށް އަންނަ މީހުންވެސް މަދެއް ނުވާނެއެވެ. ސަބަބަކީ އެއީ ސިޔާސީ ވިސްނުމެއްގައި ކުރާ ކަންކަމަށް ނުވުމެވެ. އިންޑިއާ އައުޓްކަމަށް ބުނެ މަދު ބަޔަކު އެ ގައުމަށް ނުގޮސް ތިބެދާނެ ފަދައިން ރާއްޖެ ނައިސް ބުކިންގް ކެންސަލްކުރާވެސް އުޅޭނީ މަދު ބައެކެވެ. މީގެ ކުރިންވެސް މިފަދަ ކެމްޕެއިންތައް ހިންގާފައިވާނަމަވެސް ދިވެހި ފަތުރުވެރިކަން އަންނަނީ ކުރިއަރަމުންނެވެ.

މި މައްސަލައިގެ ތެރެއިންވެސް ފެނިގެންދަނީ ދިވެހިންގެ ތެރޭގައި އޮތް ނުބައި އާދަތަކުގައި ހިފާ މަންޒަރެވެ. އަނެއްކާވެސް އެއްކަލަ ބިސް ނުލިބިދާނެ ފަދަ ވާހަކަތައް އެބައިވެއެވެ. އެހެންނަމަވެސް ހަގީގަތަށް ބަލާއިރު، އެހެން ގިނަ ކަންކަމެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ފަތުރުވެރިކަންވެސް އޮންނަނީ އިންޑިއާއަށް ބަރޯސާވެއެއް ނޫނެވެ. ފަތުރުވެރިން ކިޔަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އެތަންތަނާއި ތަނުގައިވާ ކަންކަން ތަޖުރިބާކުރާ މީހުންނަށެވެ.

މީގެ ކުރިން ޗައިނާއިންވަނީ އެތަކެއް އަހަރުތަކެއް ޖެހިޖެހިގެން ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވި ގައުމުގެ ހައިސިއްޔަތު ކާމިޔާބުކޮށްފައިކަމަށްވާއިރު، ޔޫރަޕާއި ރަޝިއާ މާކެޓު ފަދަ ތަންތަނުން ފަތުރުވެރިން އަންނަ ވަރު މަދުކަމަށް ބުނުން ވާނީ ދޮގަކަށެވެ. އިންޑިއާގެ މާކެޓުން ލިބޭ ފައިދާއަށްވުރެ ބައެއް އެހެން މާކެޓުތަކުން ލިބޭ ފައިދާވެސް ބޮޑެވެ. އެހެންކަމުން ފަތުރުވެރިކަން އޮތީ ވަކި ގައުމެއްގެ މައްޗަށް ބަރޯސާވެއެއް ނޫނެވެ.

މިއަދު އައު ސަރުކާރުންވެސް ދަނީ ދިވެހިރާއްޖޭގެ މި ސިނާއަތު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ދަތުރުކުރެއްވި މަންޒިލުކަމަށްވާ ތުރުކީއަށް ވަޑައިގެން އެމަނިކުފާނުވަނީ ދިވެހިރާއްޖެއާއި އެ ގައުމާއި ދެމެދުވެސް ވިޔަފާރި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރައްވާފައިވާއިރު ޗައިނާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެތރެއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އިންވެސްޓް މޯލްޑިވްސް ފޯރަމުގެ ނަމުގައި އެ ގައުމުން ބާއްވާ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. ރައީސް ޑރ މުއިއްޒުވަނީ ދިވެހިރާއްޖެއަށް ހާއްސަ މި އިންވެސްޓުމެންޓް ފޯރަމްގައި ޗައިނާއަކީ އަނެއްކާވެސް ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ހެދުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެއެވެ.

އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރާގޮތުން އިންޑިއާގެ ފަތުރުވެރިން ދިވެހިރާއްޖޭގެ ބުކިނގްތައް ކެންސަލްކޮށްފައިވާކަމަށް ބުނެ ދެކެވެމުންދަނީ ހަގީގަތާއި އެއް ގޮތް ވާހަކަތަކެއް ނޫނެވެ. އިންޑިއާގެ އެންމެ ބޮޑު އެއަރލައިންކަމަށްވާ އިންޑިގޯ އިން ހިއްސާކޮށްފައިވާގޮތުން ޓިކެޓާއި ހޮޓާތަކުގެ ބުކިންތައްވެސް ކެންސަލްވެފައިނުވެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަޔާނެއް ނެރެ އިތުރު ތަފްސީލުތައް ދޭނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ކޮންމެއަކަސް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ދިވެހިންނަށް އައު ކަމެއް ނޫނެނެވެ. ދިވެހި ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް މިދިޔަ ސަރުކާރުގައި ތިއްބެވި އިސްވެރިން ގޮވި ހަނދާން އަދި ނުނެތެއެވެ. ވީކަމެއް ހަމަ ހަރާމެވެ.

މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ މުހިންމު އެއްކަމަކީ ދިވެހިރާއްޖޭގެ ގިނަ ހޮޓާތަކާއި ރިސޯޓުތައް ހިންގުމުގައި ބައިވެރިވަނީ ބައިނަލްއަގުވާމީ އިގްތިސާދުގެ އެންމެ އިސް ސަފުގައި ހިމެނޭ ކުންފުނިތަކާއި ވިޔަފާރިވެރިންކަމެވެ. މީގެ ތެރޭގައި ސޮނޭވާގެ ވެރިޔާ ސޯނޫ ސިވްދާސްނީ ހިމެނެއެވެ. ސޮނޭވާގެ އެކަނިވެސް 3 ރިސޯޓު ރާއްޖޭގައި ހުރެއެވެ. ރާއްޖެއަށް ފަތުރުވެރިން ނައިސްދާނެކަަމުގެ ބިރެއް ނެތްކަަމަށާއި ކައްކަމުންދަނީ ސިޔާސީ ފޮލާކަމަށް ބުނަނީ މި ސަބަބަށެވެ. ރާއްޖެއަށް ކުރާ ކޮންމެ އަސަރެއް މިވެރިންނަށްވެސް ކުރާނެތީއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: